ރާއްޖެގެ ސްކޫލްތަކުގައި ގަނާކުރުން އެއީ ހިނގާ ކަމެކެވެ. ކަމަކީ ކިތަންމެ ސީރިޔަސް މައްސަލައަކަށް ވީނަމަވެސް ރާއްޖޭގައި މި މައްސަލަ މިނެ ވަޒަންކޮށް ހައްލު ހޯދުމަށް ރަސްމީ ސިފައެއްގައި މަސައްކަތެއް ކުރެވޭތަނެއް ނުފެނެއެވެ.

މީގެ އަހަރުތަކެއް ކުރިން ދުވަސްކުރިން ސްކޫލެއްގެ ދަރިވަރަކު އަމިއްލަޔަށް މަރުވުމާއި ގުޅިގެން ރާއްޖެގެ ސްކޫލްތަކުގައި ހިނގާ ގަނާ ކުރުމުގެ ހާދިސާތަކަށް ކޮންމެވެސް ވަރެއްގެ ވަގުތީ ސަމާލުކަމެއް ވަރަށް ‘ފެން’ ގޮތެއްގައި އައެވެ.

ފުރަތަމަ ކަމަކަށް ގަނާ ކުރުމަކީ ކޮބާ ހެއްޔެވެ؟ އެއީ އެހުރިހާ މާނައެއްގައިވެސް ބަލިކަށި ކުއްޖަކަށް އެއަށްވުރެ ގަދަފަދަކުއްޖެއް ނުވަތަ ކުދީންތަކެއްގެ ޢަމަލުތަކުގެ ސަބަބުން ކުރާ ނަފްސާނީ އަދި ޖިސްމާނީ ގެއްލުން ޝާމިލް ވާގޮތަށެވެ.

ގަނާކުރުމުގެ ތެރޭގައި ބިރުދެއްކުމާއި މާރާމަރީއާއި މަލާމާތްކުރުމާއި ރުޅިއެރުވުމާއި ވަނަމުން ގޮވުމާއި ތަކެއްޗަށް ގެއްލުން ދިނުމާއި ދަތިކުރުން ހިމެނެއެވެ. މީގެ އިތުރުން ހަގީގަތެއް ނެތް ވާހަކަފެތުރުމާއި އެކަހެރިކުރުމަށް އެހެން ކުދީންނަށް ވާގިދިނުން ހިމެނެއެވެ.

ސްކޫލްތެރޭގައި ހިނގާ މި ދެންނެވި ފަދަ ބުލީކުރުމުގެ ހާދިސާތަކުގެ ސަބަބުން ފުރާ ޢުމުރު ފުރާގެ ކުދިންނަށް ވަރަށް ގިނަ ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. މިގޮތުން ގޮތްހުސްވުމާއި ހާސްވެ، ބިރުގަތުމާއި ޖެހިލުންވުންފަދަ މައްސަލަތައް ކުރިމަތިވެއެވެ. ނަތީޖާއެއްގެ ގޮތުން ސްކޫލަށް ދާހިތް ނުވުމާއި ކިޔެވުމަށް ސަމާލުކަން ނުދެވި ކިޔެވުން މަތިން ފޫހިވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

ގަނާކުރުން ތަކުރާރުވާނަމަ، މިއަމަލުގެ ޝިކާރައަކަށް ވާ ކުދިން އެކުދިންގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރާއި އަގު ގެއްލުމުގެ ފުރުސަތު ބޮޑެވެ. އަދި އިޖްތިމާއީ ބައިވެރިވުމާއި ދުރުވެ، އެކަނިވެރިކަން ޚިޔާރު ކުރުމުގެ ފުރުސަތު ބޮޑެވެ. އަދި މިފަދަ ކުދީން ހާސްވ ެޑިޕްރެޝަންގެ ޝިކާރައަކަށް ވުމުގެ ފުރުސަތުވެސް ބޮޑެވެ. އަމިއްލައަށް މަރުވުންވެސް އެކަށީގެންވެއެވެ.

ތަކުރާރުކޮށް ގަނާކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައް ވަރަށް ދިގު މުއްދަތަކަށް ދެމިގެން ދިޔުންވެސް އެކަށީގެން ވެއެވެ. ކޮށްފައިވާ ބައެއް ދިރާސާތަކުން ދައްކާގޮތުގައި ސްކޫލް ދައުރުގައި ތޮޅުމުގެ ޝިކާރައަކަށް ވެފައިވާ ކުދިން ސްކޫލް ދައުރު ނިމި އެތައް ދުވަހެއްގެ ފަހުންވެސް އެކަމުގެ އުދަގޫތައް ތަހައްމަލުކުރަމުން ގެން ގޮސްފައިވެއެވެ. ސްކޫލް ދައުރުގައި ކިޔާ ވަނަން ދާއިއިމީވެ، މުޅިއުމުރަށް ހަރުލާގޮތްވެސް ވެއެވެ.