ތުއްތު ދަރިފުޅަށް މައިމީހާގެ ފަރާތުން ދެވޭނެ އެންމެ އަގުހުރި ހަދިޔާއަކީ ގާތުން ކިރު ދިނުމެވެ. މިއީ އަތުން އެއްވެސް ޚަރަދެއް ނުކޮށް ދަރިފުޅާއި މައިމީހާގެ ސިއްޙަތައް ފައިދާކުރުވަނިވި އެއްޗެކެވެ. މައިމީހާގެ ގާތުން ދެވޭއިރު އެއީ އޭގެ ޒާތުގައިވެސް އަޖައިބެކެވެ. ކުޅަދުންވަންތަ ކަމުގެ ހެއްކެކެވެ. އެކިއިރުގެ ހޫނުމިން ހުންނަނީ އެ ވަގުތަކާ ގުޅޭ ގޮތަށެވެ. އޭގައި އެކުލެވޭ މާއްދާތައް ހުންނަނީ އެ ވަގުތަކަށް ތުއްތު ދަރިފުޅަށް ބޭނުންވާ މިންވަރަށެވެ.
ފަތިހު އުފެދޭ ކިރާއި މެންދުރު އުފެދޭ ކިރު ތަފާތެވެ. ރޭގަނޑު އުފެދެނީ ރޭގަނޑަށް ދަރިފުޅުގެ ހަށިގަނޑު ތައްޔާރުކޮށްދޭ ފަދަ މާއްދާތައް ހުންނަ ކިރެވެ. ތިރީގައި މިވަނީ ގާތުން ދިނުމުން ލިބޭ އަޖައިބު ކުރުވަނިވި އިތުރު ފައިދާތަކެވެ.
ފުރަތަމަ ކަމަކަށް ގާތުން ދޭ ކުދިންނަށް އެންޓެރޯ ވައިރަސް ( ކެއްސުމާއި، ނޭވާލާން ދަތިވުމާއި، ކިނބިހި އެޅުން ފަދަ ކަންކަމަށް މަގުފަހިވާ ޖަރާސީމެއް) ޖެހުމުގެ ފުރުސަތު ބުއްފުޅި ދޭ ކުދިންނަށް ވުރެ ކުޑަވެއެވެ އަދި ތުއްތުދަރިފުޅުގެ ބަނޑުގައި ގޭސްހެދުމާއި ބޭރަށް ހިންގުން ފަދަ ކަންތައްތައް ކުރިމަތިވުން މަދުވެއެވެ.
ކަންފަތުގައި ޖަރާސީމު އަށަގަތުމުގެ ފުރުޞަތު ބުއްފުޅި ދޭ ކުދިންނަށް ވުރެ ކުޑަވުމާއި މެނިންޖައިޓިސް ޖެހުމުގެ ފުރުސަތުވެސް ގާތުން ދޭ ކުދިންނަށް ކުޑަވެއެވެ. ގާތުން ދޭނަމަ ގޮހޮރުގެ މައްސަލަތައް ދިމާވުން ކުޑަކޮށްދޭއިރު ނޭވާލާ ނިޒާމް ދުޅަހެޔޮ ކޮށްދީ ކުޑަކަމުދާ ނިމާޒުގައި ޖަރާސީމު އަށަގަތުމުންވެސް ދުރުކޮށްދެއެވެ.
މީގެ އިތުރުން ގާތުން ދިނުމުގެ ސަބަބުން ލޭގައި ދަގަނޑުގެ ބައި އިތުރުކޮށްދެއެވެ. މީގެ އިތުރުން އާންމުކޮށް އެލާޖީތައް ޖެހުމުން ދުރުކޮށްދެއެވެ. އަދި ކުޑަދަރިފުޅުގެ ހަންގަނޑުގެ ތެތްކަން ހިފަހައްޓައިދެއެވެ. އަދި ކުއްޖާ ތޫނުފިލި ކޮށްދެއެވެ.