ބައެއް ކަހަލަ ވާހަކަތަކަކީ ކިތަންމެ ބޭނުން ނުވިޔަސް ދައްކަން ޖެހިފައިވާ ވާހަކަތަކެކެވެ. ކިތަންމެ ޖެހިލުންވިޔަސް ނުވަތަ ލަދުގަތަސް، އެވާހަކައެއް ނުދައްކައިފިނަމަ އޭގެ އާޚިރު ނަތީޖާ ގޯސްވާނެ ވާހަކަތަކެވެ. ޖިންސީ ގޮތުން ބައެއް މީހުނަށް ލިބެމުންދާ އަނިޔާގެ ވާހަކަފަދަ ވާހަކަތައަކީ ކޮންމެހެން ދައްކަން ޖެހިފައިވާ ވާހަކައެކެވެ. ވަކިން ޚާއްސަކޮށް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ވާހަކައެވެ. ތިމާގެ ދަރިއެއް ހުރިނަމަ މިލިޔުން ޚާއްސަ މިކޮށްލަނީ ތިބާއަށެވެ. އަދި ކުރިޔަށް އޮތް ތާންގާ ދަރިއެއް ހޯދަން ވިސްނާ މީހުންވެސް މިލިޔުން ކިޔާލުމަށް އެދެމެވެ.

މިހާރު އުމުރުން 18 އަހަރުވެ، 19 އަހަރާ އަޅައިގެންފައިވާ އަހަރެންގެ ޙަޔާތުގައިވެސް ވަރަށް ގިނަ ކަންތައްތަކެއް ދިމާވިއެވެ. އޭގެ ތެރެއިން ބައެއް ކަންތަކަކީ ވަރަށްވެސް އުފާވެރި ކަންތައްތެކެވެ. އަނެއްބައި ވާހަކަތަކީ ވަރަށްވެސް ހިތާމަވެރި ވާހަހަތަކެވެ. ނަމަވެސް މީގެ ތެރެއިން އެއްވެސް އިންތި އަކަށް ނުފެތޭ ވާހަކައެއް އަހަރެންގެ ޙަޔާތުގައިވެސް ތިމާވެފައި އެބަހުއްޓެވެ. އެއީ އެއްވެސް މީހަކާ ޙިއްސާ ކުރަންނުޖެހޭކަމަށް އަޅުނޑުގެ ޟަމީރަށް ޤަބޫލު ކުރެވިފައިވާ ވާހަކަތަކެވެ. މިވާހަކައަކީ ކޮންމެވެސް އެކަކު ނިކުމެ ދައްކަން ޖެހިފައިވާ ވާހަކައެކެވެ. މިކަމުގެ އަޑު ނުއުފުލައިފިނަމަ އެތަކެއް ބައެއް މިކަމުގެ ޝިކާރައަކަށް ވެގެންދާނެއެވެ. މިހެންވެ، އަތުނެ ނެތް މިނެއް ލާފައި މިފެށީ މިވާހަކަ ލިޔޭތޯއެވެ. ކުރުކޮށް ގެނެވޭތޯ މަސައްކަތް ކުރާނަމެވެ.

އަހަރެން ބޮޑުވީ ވަރަށް ރަނގަޅު ޢާއިލާާއެއްގައެވެ. އަބަދުވެސް މަންމައާއި ބައްޕަ އަހަންނަށް ބޭނުންވާ ހުރިހާއެއްޗެއް ގަނެވޭތޯ މަސައްކަތް ކުރެއެވެ. އަހަރެންގެ ހަޔާތުގައި އެއްޗެއް ބޭނުންވެ، އެއެއްޗެއް ނުލިބި ދިޔަ ފަހަރެއް ހަދާނެއް ނުވެއެވެ. އާއިލާގެ އެންމެ ހަގަށް ހުންނަނީ އަހަރެންކަމުން އާއިލާގެ އެންމެންގެވެސް ލޯބި އަހަންނަށް ލިބުނެވެ. ބޭނުވި ހުރިހާ “އެޓެންޝަން” އެއްވެސް އަހަންނަށް ލިބުނެވެ. އެންމެ ފަހަރެއް ފިޔަވައެވެ. އެދުވަހު އަހަރެންގެ އަނގަ މަތީގައި އެޅިގައިވާ ޓޭޕްއެއް އެކަކަށްވެސް ނުފެނުނެވެ. އަހަރެންގާތު މީހަކުކޮށްލަން ބޭނުންވި އެންމެ މުހިންމު ސުވާލު އެކަކުވެސް އަހަރެންނަކާ ނުކުރެއެވެ. އެއީ “ޖިންސީ ގޮތުން ގޯނާއެއް އަހަންނަށް ލިބިފައިވޭ ހެއްޔެވެ؟ ” ކުރެވެންޖެހޭ ސުވާލެވެ.

މިވާހަކަ ދައްކާކަށް އަހަރެންނެއް ލަދެއް ނުގަނެއެވެ. މީހަކުކޮށްފާނެ މަލާމާތަކަށް ކޮށްފާނެ ކޮމެންޓްއަކަށްވެސް ޖެހިލުމެއް ނުވެއެވެ. އަހަރެންނަށް މީހަކު ޖިންސީ ގޮތުން ގޯނާ ކުރީ އަހަރެންގެ އުމުރުން ގާތްގަނޑަކަށް އެންމެ 5 އަހަރުގައެވެ. އަހަރެންގެ އުމުރުން އެންމެ 5 އަހަރުގައި އެނުލަފާ މީހަކު، އެކުރި ކަމެއް ކުރިއިރު، އޭރުވެސް އެއީ ހަނޑި ކަމެއްކަން އިނގެއެވެ. އެހެންނަމަވެސް އެވާހަކަ އަހަރެން އެއްވެސް މީހެއް ގާތު ނުދެއްކީ އެގޮތަށް އެކަން ކުރުމަށް އެމީހަކު ބުނުމުންނެވެ. ނަމަވެސް  އަހަރެންގެ އުމުރުން ގާތްގަނޑަކަށް 9 އަހަރުވީއުރު، އެދުވަހު އެކުރެވުނީ ގޯސްކަމެއް އެނގެވެ. އަހަރެންނަށް އެމީހާ ވަރަށް ގިނައިން ފެނެއެވެ. އެހެންނަމަވެސް އެވާހަކަ ދައްކާނެ މީހެއް އަހަރެންނަކަށް ނޭނގެއެވެ.

އަހަރެން އަހަރެން މަންމަ ކުރެން މިވާހަކައެއް ނުދައްކަމެކެވެ، ކުޑައިރު އެވާހަކަ ނުބުނި ސަބަބެއް އަހަރެންނަކަށް ބުނެދޭކަށް ނޭންގުނެވެ، އެހެންނަމަވެސް އަހަރެން ބޮޑުވަމުން ދިޔަ ދުވަސްވަރު އެވާހަކަ އެކަކު ގާތުވެސް ނުބުނީ އެސުވާލު އަހަރެންނާ ނުކުރުމުންނެވެ. ނުވަތަ އެޒާރުގެ ވާހަކައެއް އަހަރެންނާ މަންމަ ދައްކާފައި ނުވާތީއެވެ.

ލޮބުވެތި މަންމައިންނާއި ބައްޕައިންނަށް ވަރަށް ކުރިންސުރެ ބުނެލަން ބޭނުންވާ ވާހަކައެއް އެބައޮތެވެ. ތިމާގެ ދަރިކުރެން އެއްވެސް ކަހަލަ ޖިންސީ ފުރައްސާރައެއް ނުވަތަ ގެއްލުމެއް ވޭތޯ ސުވާލު ކުރައްވާށެވެ. އެގޮތަށް ސުވާލު ކުރަން ޖެހިލުންވާނަމަ ދަރިފުޅަށް ބުނާ އެއްޗެއް އިނގޭނެހެން ނުސީދާކޮށް ސުވާލު ކުރައްވާށެވެ. ދަރިފުޅާ ދެމެދު އޮންނަންޖެހޭ މިންވަރަށް ގުޅުން އޮންނަ ނަމަ ކިޔާދޭނެއެވެ. ފަހަރެއްގައި ދަރިފުޅު މިހާރުވެސް ކޮންމެވެސް ނުބައި ނުލަފާ މީހެއްގެ ޝިކާރަޔަކަށްވުން އެކަށީގެންވެއެވެ. ތިމާގެ ލަދު ތިމާގެ ދަރިފުޅުގެ ވޭނަކަށް ނުހައްދަވާށެވެ.

ޖިންސީ ގޯނާގެ ވާހަކަ ދެއްކުމަކީ ހަނޑިކަމެއް ނޫނެވެ. ހަނޑިއީ އެކަން ކުރާ މީހާއެވެ. އެކަމުގެ ޝިކާރައަކަށްވާ މީހާއެއްނޫނެވެ. މިފަދަ ވާހަކައެއް ތިމާގެ ދަރިފުޅު ދެއްކުމުން “ޝޫއް” ؛ލައްވާލުމަކީ ނޭނގިނަމަވެސް ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. މިއީ ދަރިފުޅަށް ދިމާވާ ކަންތަކުގެ ވާހަކަ އެކެއްގެ ގާތުގައިވެސް ހިއްސާ ނުކުރުމަށް އެޅޭނެ ފުރަތަމަ ބިންގަލެވެ. މީގެ އިތުރުން އެފަދަކަމެއް އެނގިހުރެ، ފިޔަވަޅެއް ނޭޅުމަކީވެސް ކުއްޖާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

މިއަދު ކުއްޖާ ކުރެން މިސުވާލުކޮށްލާށެވެ. “ޖިންސީ ގޮތުން ގޯނާއެއް ލިބިފައިވޭ ހެއްޔެވެ؟ ” ލިބިފައިވާނަމަ ކަމާބެހޭ އިދާރާއަކަށް އެމައްސަލަ ހުށަހަޅާށެވެ.  ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ބެހޭ މައުލޫމާތު އަދި އެފަދަ ކަމެއް ހިނގާފިނަމަ ޝަކުވާ ހުށަހެޅުމަށް ގުޅާނެ ނަމްބަރުތައް ހޯއްދެވުމަށް މިލިންކަށް ކުލިކްކޮށްލައްވާށެވެ.