ކާމިޔާބު މިހުންނަކީ މިއަދަކީ ހަޔާތުގެ ފަހު ދުވަސްކަމަށް ބަލައިގެން ދިރިއުޅޭ މީހުންނެވެ. ނަމަވެސް ގިނަ ބައަކީ އަބަދުވެސް މާދަމާ އަށާއި އެތައް ދުވަހެއް ކުރިއަށް ކަންކަން ރާވައިގެން އުޅެމުންދާ މީހުންނެވެ.

ތިމާ އަދާ ކުރަންޖެހޭ ދީނީ ވާޖިބުތައް އަދާކުރުމުގައި އަބަދުވެސް ބަލަން ޖެހޭނީ މިއަދަކީ ޙަޔާތުގެ އެންމެ ފަހު ދުވަސް ކަމަށެވެ. މާދަމާ އާއި ބައްދަލު ނުވެދާނެ ކަމަށެވެ. ނަމަވެސް ދުނިޔަވީ ގޮތުން ތިމާ އުންމީދުކުރާ ކަންތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރުމަށް އުންމީދު ކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.

އެހެނީ އާޚިރަތަށްޓަކައި ތިބާ ކުރަންޖެހޭ ކަންކަން މިއަދު ނުކޮށް ހުއްޓައި މަރުވެއްޖެނަމަ އެކަމުގެ ހިތާމަ ޤިޔާމަތް ދުވަހު ކުރަންޖެހޭނެތީއެވެ. ދުނިޔަވީ ބޭނުމަކަށްޓަކައި ކުރަން ރާވާ ކަމެއް ނުކުރެވި ހުއްޓައި މަރުވި ނަމަވެސް ޤިޔާމަތް ދުވަހު ހިތާމަ ކުރާކަށް ނުޖެހޭނެއެވެ. ވީމާ މިއީ މުޅިން ތަފާތު ދެ ކަމެކެވެ.

މިސާލަކަށް ޙައްޖުވުމުގެ ކުޅަދާނަކަން ލިބިމެ ޙައްޖުނުވެ ހުއްޓައި މަރުވެއްޖެ ނަމަ ސުވާލުކުރެވޭނެއެވެ. މިއަދު ކުރަން ޖެހޭ ނަމާދުތައް ނުކޮށް ހުއްޓައި، ކީރިތި ޤްރްއާން ނުކިޔަވައި، ޞަދަޤާތް ނުކޮށް ހުއްޓައި މަރުވެއްޖެނަމަ ހިތާމަކުރަން ޖެހޭނެއެވެ. ނަމަވެސް ގެ ބުރިބުރިއަށް ނުރާނައި ހުއްޓައި މަރުވި ނަމަވެސް އެކަމާއިމެދު ސުވާލެއް ނުކުރައްވަވާނެއެވެ!

މާދަމާ ތިމާ އާއި ބައްދަލުވެއްޖެނަމަ ﷲ ތަޢާލާއަށް ޙަމްދުކޮށް ޝުކުރުކުރާށެވެ! އަދި އެއީ ވެސް އެންމެ ފަހު ދުވަސް ކަމުގައި ބަލައިގެން މަސައްކަތް ކުރާށެވެ. އެއިރުން ޢާޚިރަތަށްޓަކައި ކުރަންޖެހޭ ކަންކަން ކޮންމެ ދުވަހަކުވެސް ދާނީ ކުރެވެމުންނެވެ.

މަސްދަރު: މުފްތީ މެންކުގެ ދަރުސަކުން/މިއަދު