الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

عن ابن عباس رضي الله عنهما قال: «لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المُخَنَّثِينَ مِنَ الرِّجَالِ، وَالمُتَرَجِّلاَتِ مِنَ النِّسَاءِ». [رواه البخاري / كتاب: اللباس / باب: إخراج المتشبهين بالنساء من البيوت / رقم: 5886]

މާނައީ: އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަށް ނަބިއްޔާ صلى الله عليه وسلم ލަޢުނަތް ލެއްވިއެވެ.”

 

އަދި އެހެން ރިވާޔަތެއްގައި ވެއެވެ.

عن ابن عباس رضي الله عنهما قال: «لَعَنَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ المُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ، وَالمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ». [رواه البخاري / كتاب: اللباس / باب: المتشبهون بالنساء، والمتشبهات بالرجال / رقم: 5885]

މާނައީ: އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ފިރިހެނުންގެ ތެރެއިން އަންހެނުންނާ އެއްގޮތަށް އުޅޭ މީހުންނާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާ އެއްގޮތަށް އުޅޭ މީހުންނަށް ﷲ ގެ ރަސޫލާ صلى الله عليه وسلم ލަޢުނަތް ލެއްވިއެވެ.”

 

މިޙަދީޘް ޝަރަޙަ ކުރައްވަމުން شرح رياض الصالحين ގައި الشيخ محمد بن صالح العثيمين -رحمه الله- ވިދާޅުވެފައިވެއެވެ.

“ﷲ سبحانه وتعالى އަންހެނުންނާއި ފިރިހެނުން ޚަލްޤުކުރައްވާ، އޭގެ ތެރެއިން ކޮންމެ ބަޔަކަށް ޚާއްޞަވެގެންވާ ކަންތައްތަކެއް ލެއްވިއެވެ. ފަހެ، ފިޠުރަތާއި، ޚަލްޤުކުރައްވާފައިވާ ގޮތާއި، ހަށިގަނޑުގެ ބާރާއި، ދީނީ ކަންކަމާ އަދި އެނޫން ކަންކަމުގައިވެސް ފިރިހެނުން އަންހެނުންނާ ތަފާތުވެގެން ވެއެވެ. އަދި ހަމަ އެފަދައިން އަންހެނުންވެސް ފިރިހެނުންނާ ތަފާތުވެގެން ވެއެވެ. ފަހެ، ފިރިހެނުން އަންހެނުންނާ އެއްގޮތް ކުރަން ނުވަތަ އަންހެނުން ފިރިހެނުންނާ އެއްގޮތް ކުރަން މަސައްކަތްކުރާ މީހާ، ﷲ ގެ ޤަދަރާއި ޝަރުޢާ ދެކޮޅު ވެއްޖެއެވެ. އެހެނީ ﷲ سبحانه وتعالى ޚަލްޤުކުރައްވާ ޝަރުޢުކުރެއްވި ކޮންމެ ކަމެއްގައިމެ ޙިކުމަތެއް ވެއެވެ. ނައްޞުތަކުގައި ގަދަފަދަ ވަޢީދާއި ލަޢުނަތް އައިސްފައިވަނީ އެސަބަބަށްޓަކައެވެ.

މި ތަނުގައި ލަޢުނަތް ލެއްވުމުގެ މުރާދަކީ ފިރިހެނުން އަންހެނުންނާ ވައްތަރުވެގަތްކަމަށްޓަކައި އަދި އަންހެނުން ފިރިހެނުންނާ ވައްތަރުވެގަތްކަމަށްޓަކައި އެބައިމީހުން ﷲގެ ރަޙުމަތުން ދުރުކޮށް ބޭރުކުރެވުމެވެ. ފަހެ، އަންހެނުންނާ ވައްތަރުވެގަންނަ މީހާ ދަންނައެވެ. ނަބިއްޔާ صلى الله عليه وسلم ގެ ދޫފުޅުން އޭނާގެ މައްޗަށް ލަޢުނަތް ލައްވާފައިވެއެވެ. އަދި ފިރިހެނުންނާ ވައްތަރުވެގަންނަ މީހާ ދަންނައެވެ. ނަބިއްޔާ صلى الله عليه وسلم ގެ ދޫފުޅުން އޭނާގެ މައްޗަށް ލަޢުނަތް ލައްވާފައިވެއެވެ…

ފަހެ، ފިރިހެނުން އަންހެނުންނާ ވައްތަރުވެގަތުން ދަންނައެވެ. އެއީ ފަށުވި ފޭރާމާއި ރަންފަދަ ޙަރާމް އެއްޗަކުން ކަމުގައިވިޔަސް ނުވަތަ ހެދުން އެޅުމުގައިވިޔަސް އަންހެނުންނާ ވައްތަރުވެގަތުމެވެ. ނުވަތަ ވާހަކަ ދެއްކުމުގައި، އޭނާ އާންމުކޮށް ވާހަކަ ދައްކާ އުޅޭ ގޮތާ ޚިލާފަށް، އަންހެނުން ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކުމެވެ. ނުވަތަ ހިނގުމުގައި އަންހެނުންނާ ވައްތަރުވެގަތުމެވެ. ނުވަތަ މިނޫންވެސް އަންހެނުންނަށް ޚާއްޞަ ކަންކަމުގައި އެކަނބަލުންނާ ވައްތަރުވެގަތުމެވެ. ފަހެ، އެފަދަ މީހަކީ ﷲގެ ޚަލްޤުތަކުންގެ ތެރެއިން އެންމެ ޝަރަފުވެރި ފަރާތުގެ ދޫފުޅުން ލަޢުނަތް ލައްވާފައިވާ މީހެކެވެ. އަދި ﷲގެ ރަސޫލާ صلى الله عليه وسلم ލަޢުނަތް ލައްވާފައިވާ މީހުންނަށް އަހަރެމެންވެސް ލަޢުނަތް ދެމެވެ. ފަހެ، ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނަކީ ލަޢުނަތް ލައްވާފައިވާ ބައެކެވެ.

ހަމަ އެފަދައިން އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަކީވެސް ލަޢުނަތްލައްވާފައިވާ ބައެކެވެ. އެއީ އެބައިމީހުން ފިރިހެނުން ވާހަކަ ދައްކާގޮތަށް ވާހަކަ ދެއްކުމުންނެވެ. ނުވަތަ ފިރިހެނުން ބޮލުގައި ފަގުޑިއަޅާ ފަދައިން ފަގުޑި އެޅުމުންނެވެ. ނުވަތަ ފިރިހެނުން ހެދުން އަޅާގޮތަށް ހެދުން އެޅުމުންނެވެ. އެއީ ފިރިހެނުންނަށް ޚާއްޞަ، ފަޓުލޫނުފަދަ އެއްޗެހި ލުމުންނެވެ. އަންހެނުންނަށް އޮތީ ނިވާވާފަދަ ހެދުން ލުމެވެ. އެންމެންނަށްވެސް އެނގޭ ފަދައިން  އަންހެނުން ފަޓުލޫނުލުމުން އޭނާގެ ފަޔާއި ފަލަމަސްގަނޑާ އަދި އެނޫންވެސް ތަންތަން ފާޅުވެއެވެ.

ފަހެ، މިސަބަބަށްޓަކައި ބުނަމެވެ. އަންހެނުން އޭނާގެ ފިރިމީހާގެ ގާތުގައިވެސް ފަޓުލޫނު ލުން ހުއްދަވެގެން ނުވެއެވެ. އެއީ މިޙާލަތުގައި ޢިއްލަތަކީ ޢައުރައެއް ނޫނެވެ. އެހެނެއްކަމަކު، ފިރިހެނުންނާ ވައްތަރުވެގަތުމެވެ. ފަހެ، އަންހެނަކު ފިރިހެނުންނާ ވައްތަރުވެގަންނަ ހިނދު ދަންނައެވެ. އޭނާގެ މައްޗަށް މުޙައްމަދު صلى الله عليه وسلم ގެ ދޫފުޅުން ލަޢުނަތް ލައްވާފައިވެއެވެ. އަދި މިފަދައިން ވައްތަރުވެގަތުން ވަނީ ބޮޑެތި ފާފައިގެ ތެރެއިންނެވެ.”

___________________________________

ބައްލަވާ: شرح رياض الصالحين للشيخ محمد بن صالح بن محمد العثيمين (6 / 370 – 372).

މަސްދަރު: ދި ސަލަފިއްޔާ