ރާއްޖޭގެ މަސްވެރިޔަކު ބޭނި މަހެއްގައި މާތްﷲ ގެ އިސްމަފުޅު ލިޔެވިފައި ވަނިކޮށް ފެނިއްޖެެއެވެ.

ދިވެހި މަސްވެރިކަން ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ ޒުވާން މަސްވެެރިޔާ ސާޖިން މީސް މީޑިޔާއަށް ދޫކޮށްލި މި ފޮޓޯގައިވާ ގޮތުގައި އެމަހުގެ މެދެެއްހާ ހިސާބުގައި ވަނީ މާތްﷲގެ އިސްމަފުޅު ލިޔެވިފައެވެ.

އެނގިފައިވާ ގޮތުގައި މިއީ ވަދުއެޅުމަށް ދިޔަ ނ.މަނަދޫގެ ޑިންގީއަކުން ބޭނި މަހެކެވެ.

މިމަސް ބޭނި ފަރާތްކަމުގައިވާ ޝިޔާމްވަނީ ވޮއިސްއަށް މައުލޫމާތުދީފައެވެ. ޝިޔާމް ބުނީ އޭނާ އާދަކޮށް މަޖާކޮށްލުމަށް މަހަށް ދާތާ ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް ވެދާނެކަމަށާއި އެގޮތުން މިއަދުވެސް ފަތިސް ނަމާދުކޮށްލައިގެން މަހަށް ދިޔަކަމަށެވެ. އެގޮތުން ޑިންގީގައި ވަދުއަޅައިގެން ދަނިކޮށް ހަތަރު މަހާއި ހަތަރު ލައްޓި ބޭނިކަމަށް އޭނާ ބުންޏެވެ.

އަދި މަސް ބާނައި ނިމިގެން ރަށަށް ލަފައި، ކަރު ކަނޑަން އުޅެނިކޮށް އެކުގައި މަހަށްދިޔަ ކުއްޖަކަށް އެމަހުގައި މާތްﷲގެ އިސްމަފުޅު ލިޔެވިފައި އޮތްތަން ފެނުނުކަމަށެވެ.

“ދެން ފުރަތަމަ ނެގިކުއްޖާ، އޭނަ މަހުގެ އަނެއްފަޅިއަށް ބަލާފައި ބުނެފި މީގައި އެބައިނެއް ނޫންހޭ ލިޔެވިފަ. ދެން އަޅުގަނޑަށް ވަރަށް ރީއްޗަށް ކިޔަން އެނގުނު ﷲ ވަރަށް ރީއްޗަށް ޖަހާފައި އިންކަން. ބަލާލިއިރު ވަރަށް ފާޅުކޮށް ހަމަ ވަަރަށް ރީއްޗަށް ވަރަށް ކްލިއަރކޮށް ލިޔެވިފަ އެބައިން” ރަށުގައި ހުރެ ފޯނުން ދިން އިންޓަރވިއުއެއްގައި ޝިޔާމް ބުންޏެވެ.

މީގެ އިތުރުން އެމަހުގައި ހުރި އެހެން އާދަޔާ ޚިލާފުކަމެއްވެސް ޝިޔާމް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެމަހުގެ އަނެއްފަޅި އޮތީ އަމިއްލައަށް ފަޅައިގެން ގޮސްފައިކަން އޭނާ ފާހަގަކުރިއެވެ. މިއީ ދޮށިން ބޭނިކަމުގައިވިޔަސް އާންމުގޮތެއްގައި ނުވާފަދަ ކަމެއްކަމަށް ޒުވާން މަސްވެރިޔާ ސާޖިންވެސް ވަނީ ފާހަގަކޮށްފައެވެ. ޝިޔާމް ބުނިގޮތުގައި އެ މަސް ބޭނިއިރަކުވެސް އެއަށް އެއްވެސް ގެއްލުމެއް ލިިބިފައެއް ނުވެއެވެ.

އެމަސް މިހާރު އޮތީ ކޮން ފަރާތެއްގެ އަތުގައިކަމެއް ޔަގީންނުވާކަމަށް ޝިޔާމް ވަނީ ބުނެފައެވެ.

މަސްދަރު:ވޮއިސް (މިއީ މީގެ ދެ މަސް ކުރިން ލިޔެފައިވާ ލިޔުމެކެވެ.)