ހަންޑީން ނުވަތަ ޖިންނީންނަކީ ހަގީގަތުގައި ވެސް އުޅޭ އެއްޗެއް ކަމަށް ގިނަ މީހުން ޤަބޫލެއް ނުކުރެއެވެ.

ގިނަ ފަހަރަށް އޭގެ ކަމެއް ދިމާވެގެން މީހަކު އެވާހަކަ ދެއްކި ނަމަވެސް، އެކަން ވަނީ އެންމެން އެންމެންނަށް ބޮޑު ޖޯކަކަށެވެ. މިފަދައިން ކަންތައް ކުރުމުން ބައެއް ފަހަރު ހިތާމަވެރި ހާދިސާތަކާއިވެސް ކުރިމަތިލާން ޖެހެއެވެ.

މިދުވަސްކޮޅު ގިނަ ބަޔަކު ދައްކަމުން އަންނަ އެންމެ ބޮޑު އެއް ވާހަކައަކީ ސިނަމާލެ ބްރިޖު ހައިވޭ މަތިން “ޖިންނި ކުއްޖެއް” ފެންނަ ވާހަކައެވެ.

އެއްބަޔަކަށް އެވާހަކަތައް ޤަބޫލު ކުރަން ފަސޭހަވެ، ރައްކާތެރިވުމަށް ނަސޭހަތްތެރި ވަމުން އަންނައިރު، އަނެއް ބަޔަކު ދަނީ އެކަމާއި ބެހޭ ގޮތުން ޖޯކު ޖަހާ ފާޑުފާޑުގެ ފޮޓޯތައް ވެސް ހަދަމުންނެވެ.

އެފަދައިން ހެދި ފޮޓޯތަކާއި އެވާހަކަތަކާއި ބެހޭ ގޮތުން އަންހެން ކުއްޖަކު ރޭގައި ޖޯކު ޖެހުމުން، ރޫހާނީ ބާރަކުން ވަނީ އޭނާއަށް ގޯނާ ކޮށްފައެވެ.

“މިއަދުނޫހަށް” މައުލޫމާތު ދެމުން މިހާދިސާ ކުރިމަތިވި އަންހެންކުއްޖާގެ އާއިލާމީހަކު ބުނީ، މިކަން ދިމާވީ ރޭ ދަންވަރު 00:00 ޖަހާކަން ހާއިރު ހުޅުމާލޭ ބީޗުގައި ހުންނަ ކެފޭއެއްގައި އިންދާ ކަމަށެވެ. ނަން ހާމަ ނުކުރުމަށް އެދި އެމީހާ ކިޔައިދިން ގޮތުގައި އެކޮފީއަށް ގޮސް ތިބީ ދެ އަންހެނުންނާއި ތިން ފިރިހެނުންނެވެ.

“ބްރިޖު ޖިންނި ވާހަކައިގެ ފޮޓޯތަކާއި އެއްޗެހި ބަލައިގެން އެންމެން އެވާހަކަ ފެށީ. އެންމެން އެތާ ތިބެފަ އެއަށް (ޖިންނީންނަށް) ޖޯކު ޖަހަޖަހާ މަލާމާތް ކޮށްކޮށް ތިއްބާ އެތަނުން އެކަކުގެ ބޮލުގެ އިސްތަށިގަނޑުގަ ފަހަތުން ހިފާފައި މޭޒުގައި ބޯ ޖެއްސީ. ދެ ފަހަރަކު އެހެން ޖެއްސިތަނުން އެތާތިބި އެހެން މީހުންނަށް ހިފެހެއްޓުނީ” އެމީހާ ކިޔައިދިނެވެ.

އޭނާ ހިފެހެއްޓުނު އިރު އަނގަމަތިވެސް ކޮންމެވެސް ވަރަކަށް ފަޅައިގެން ދިޔަ ކަމަށާއި އަވަހަށް ގޮވައިގެން ގެއަށް ގެންގޮސް ރުޤްޔާ ކުރާ މީހަކު ގެންގޮސް ފެން ކިޔެވި ކަމަށް ވެސް އެމީހާ ބުންޏެވެ.

އަންހެން ކުއްޖާގެ ހާލަތު މިއަދު އަދި ރަނގަޅު ކަމަށް ވެސް އެމީހާ ބުންޏެވެ.

ރޫހާނީ އެއްޗެއްސަކީ ހަގީގަތުގައި ވެސް އުޅޭ މަޚްލޫގުންތަކެއްކަން ޤަބޫލު ކުރަން ޖެހެއެވެ. އަދި އަބަދުވެސް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އަޅައިގެން ހުރުން ބުއްދިވެރިއެވެ. ރައްކާތެރި ވުމުގެ ގޮތުން ތަވީދެއް އަޅާށެކޭ ނޫނެވެ. ނަމަވެސް ގަވާއިދުން ނަމާދުކޮށް، ޖިންނި ޝައިޠާނުން ދުރުގައި ހުންނާނެފަދަ (ރައްކާތެރިވުމުގެ ގޮތުން ކިޔާ) ޛިކްރުތައް ނުވަތަ ދުޢާތައް ކިޔުން މުހިންމެވެ.

މަސްދަރު: މިއަދު