އްޖޭގައި އަންނަ އަހަރު ކިޑްނީ ޓްރާންސްޕްލާންޓުގެ ހިދުމަތް ފަށަން އައިޖީއެމްއެޗުން ތައްޔާރުވެއްޖެ އެވެ.

“ރާއްޖެ ޓީވީ”ގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ މައި ހޮސްޕިޓަލްގެ އެކްޓިން މެޑިކަލް ޑައިރެކްޓަރު ޑރ. ޔޫސުފް ޝާން ރޭ ވިދާޅުވީ މިހާރު ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް، އާ ހިދުމަތްތައް ތައާރަފްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގެސްޓްރޯއެންޓެރޮލޮޖީގެ ހިދުމަތް އަންނަ ހަފުތާގައި ފަށައި ކިޑްނީ ޓްރާންސްޕްލާންޓް ކުރަން އަންނަ އަހަރު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޕެޝަލިސްޓް ހިދުމަތްތަކުގެ ތެރެއިން ނިއުރޯ ސާޖަރީ، އޮންކޯ ސާޖަރީ، ކާޑިއޮލޮޖީ އަދި ނެފްރޮލޮޖީ ހިދުމަތް ފަށާފައިވާ ކަމަށް ޝާން ވިދާޅުވި އެވެ. އޭގެ އިތުރުން އެންޑޯސްކޮޕީގެ ހިދުމަތް ވެސް ފުޅާވެގެންދާނެކަން ފާހަގަކުރެއްވި އެވެ.

“މިހާރު މި ހަދަނީ ޑައިގްނޯސްޓިކް އެންޑޮސްކޯޕީއެއް. އެކަމަކު ގޭސްޓްރޮއެންޓެރޮލޮޖީ ތައާރަވެގެން ތަރައްގީވެގެން ދާއިރު، ވރަށް ބައިވަރު އާ އިންސްޓްރުމަންޓް ގެނެވި، އިންޓަނޭޝަނަލް އެންޑޮސްކޮޕީ ކުރިއަށްދާނެ. އެންޑޮސްކޯޕީ ކުރިއަށްދާއިރު އެކި ފަރުވާ ދިނުމާއި ހާއްސަ ޓެސްޓުތަކެއް ވެސް ކުރެވިގެންދާނެ. ވަރަށް ބޮޑަށް ފުޅާވެގެންދާނެ،” ކަށީގެ ޚާއްސަ ޑޮކްޓަރު ވިދާޅުވި އެވެ.

ޝާން ވިދާޅުވީ ޔޫރޮލޮޖީގެ ހިދުމަތް އައިޖީއެމްއެޗުގައި ފެށިއިރު ކުރީ ދުވާލަކަށް ސާޖަރީއެއް ކަމަށެވެ. ނަމަވެސް މިހާރު އެކަމަށް އޮންނަ ވަގުތު ކުޑަވުމާއި އެމަޖެންސީ ސާޖަރީތައް ގިނަވެފައިވާ ކަމަށާއި އޭގެ މާނައަކީ ރައްޔިތުންގެ އިތުބާރު އެކަމަށް އޮތުން ކަމަށް ވިދާޅުވި އެވެ.

ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން އޮޕަރޭޝަން ތިއޭޓަރު ތަރައްގީކޮށް އެކަމާ ބެހޭ ގަވާއިދުތަކެއް ހަދަންޖެހޭނެ ކަމަށާއި މިހާރު ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

ބައެއް ގައުމުތަކުގައި ކިޑްނީ ޓްރާންސްޕްލާންޓްގެ ހިދުމަތް ފަށަނީ ގަވާއިދުތަކެއް ނެތި ކަމަށާއި އެހެންވެ ކިޑްނީ ހޯދުން ފަދަ ކަންކަން ނަހަމަ ގޮތުގައި ހިނގާފައިވާ ކަމަށް ވިދާޅުވި އެވެ.

“ޑޯނާއަކަށް ވެވޭނީ ކާކުކަމާއި މި އެއްޗެހި ވަރަށް ރަނގަޅަށް ލިޔެވިފައި ހުންނަންޖެހޭނީ. އޭރުން މިކަން ރަނގަޅަށް ދާނީ. އެތިކަލް އިޝޫ އަންނަކަމެއް މިއީ. ބައެއް ގައުމުތަކުގައި އެބަހުރި ގަވާއިދެއް ނެތި އެކަން ފަށާފައި. އެހެންވެ ނަހަމަ ގޮތުގައި ކިޑްނީ ހޯދުން ފަދަ ކަންކަން ގޮސްފައިވަނީ. އެކަމުން ފިލާވަޅު ލިބި އެކަން ދާނީ ގަވާއިދުތަކެއް ހަދައިގެން،” ޝާން ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ޓްރާންސްޕްލާންޓުގެ ފަރުވާ ފެށުމުން އަތުން ހަރަދެއް ނުކޮށް، އާސަންދައިން އެކަން ކަވަރު ކޮށްދޭނެ އެވެ.