މިއީ 2012 ވަނަ އަހަރު ހަވީރު އޮންލައިންގައި ޝާއިރުކޮށްފައިވާ ލިޔުމެކެވެ.

އޭނާ އެންމެ ކުރިއްސުރެ ވެސް ދެކެމުން އައި ހުވަފެނަކީ ޕައިލެޓަކަށް ވުމެވެ. ސްކޫލްގައި ކިޔަވަން އުޅުނު އިރު ވެސް އެންމެ ބޮޑަށް ހިޔާލް ކުރެވެމުން ދިޔައީ ޕައިލެޓަކަށް ވެވޭނެ ގޮތަކާ ދޭތެރޭގަ އެވެ. ލ. އަތޮޅު ތައުލީމީ މަރުކަޒުގައި 2005 ވަނަ އަހަރު އޯލެވެލް ނިންމުމަށް ފަހު ވަގުތީ ވަޒީފާއަކަށް އޭނާ ނިކުތެވެ. އެގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ލ އަތޮޅުގައި ހިންގި ޕްރޮޖެކްޓެއްގައި ދެ އަހަރު ވަންދެން ވަގުތީ ވަޒީފާއެއް އަދާކުރި އެވެ. އެހެން ނަމަވެސް އޭރު ވެސް އެންމެ ބޮޑަށް އޭނާ ވިސްނަމުން ދިޔައީ ޕައިލެޓަކަށް ވުމަށެވެ. އެހެންވެ ދާއިމީ ވަޒީފާއަކަށް ދިއުމުގެ ބަދަލުގައި މިނިސްޓްރީގެ “މާ ބޮޑު މަސައްކަތެއް ކުރަން ނުޖެހޭ” ވަޒީފާގައި ދެ އަހަރު ހޭދަކުރުމަށް ފަހު، އޭނާ ޕައިލެޓަކަށް ވުމުގެ އެންމެ ފަހު އަޒުމްގައި އެކަމާ ކުރިމަތިލި އެވެ. އެ މަރުހަލާގެ ވަރަށް ބޮޑު ބައެއް، 2010 ގައި ނުކުމެ ލ. ފޮނަދޫ ޝާރާޒް އަބްދުލް ބާސިތު އިބްރާހީމް (ބާއްކޮ)، ،23 މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އަދި ސ. ގަމުގައި ސްރީ ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އެއޮރިނޯޓިކްސް (އޭއޭއޭ) އިން ހުޅުވި ފްލައިން ސްކޫލުން އެންމެ ފުރަތަމަ ކޮމާޝަލް ޕައިލެޓް ލައިސެންސް (ސީޕީއެލް) ހޯދި ދިވެހި ދަރުވަރުގެ ޝަރަފުވެރި މަގާމު ބާއްކޮ ވަނީ ހާސިލްކޮށްފަ އެވެ. ޕީޕީއެލް ހާސިލްކުރުމަށް ފަހު، އޭނާ ސީޕީއެލް ސެޓްފިކެޓް ހޯދީ ޖޫން ،14 2012 ގަ އެވެ. އެ ދެ ލެވެލް ފުރިހަމަކުރި ނަމަވެސް ޕައިލެޓެއްގެ ފުރިހަމަ ޒިންމާތަކާ ހަވާލުވުމަށް އަދި އިތުރު މަރުހަލާތަކެއް ބާއްކޮ ގިރާކުރަން ޖެހެ އެވެ. އެކަމަށް އޭނާ ހުރީ ތައްޔާރުވެގެންނެވެ. އޭއޭއޭގެ ޑިރެކްޓަރު/ސީއީއޯ އަދި ހެޑް އޮފް ޕައިލެޓް ޓްރޭނިން ކެޕްޓަން ސްރަންޖަން ޑި ސިލްވާ ވިދާޅުވީ ބާއްކޮ އަކީ އެތަނާ ގުޅުނު ދިވެހި ދަރިވަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ދަރިވަރެއް ކަމަށެވެ. އެގޮތުން “ގޯލަށް ވާސިލްވާން އަޒުމް ކަނޑައަޅައިގެން ޑެޑިކޭޓާ އެކު މަސައްކަތް ކުރި ދަރިވަރެއް” ކަމަށް އޭނާ ވިދާޅުވި އެވެ. “އޭނާއަކީ ކުރިމަތިވި ޗެލެންޖެސްތަކާ ފޭސްކޮށްގެން ވަރަށް ހިތްވަރާ އެކު މަސައްކަތްކުރި ދިވެހި ދަރިވަރެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަނީ،” ސްރަންޖަން ވިދާޅުވި އެވެ. “މިހާތަނަށް މިތަނާ ޖޮއިން ކުރި ދިވެހި ކުދިންގެ ތެރެއިން ވަރަށް މަދުން ފެންނާނެ ކަހަލަ ޒުވާނެއް އެއީ. އަޅުގަނޑުމެން ވަރަށް އުފާވޭ ބާސިތުއަކީ ގަމުގެ ފްލައިން ސްކޫލުން ސިޕީއެލް ފުރިހަމަ ކުރި ފުރަތަމަ ދިވެހި ދަރިވަރަށް ވާތީ ވެސް.” ސީޕީއެލް ހާސިލްކުރުމަށް ފަހު ބާއްކޮ މިހާރު ހުރީ ދެ މަސް ދުވަހުގެ ބްރޭކެއް ނަގައިގެން އުފަން ރަށް ލ. ފޮނަދޫގަ އެވެ. އޭނާ ބުނީ ދެން ފުރިހަމަކުރަން ޖެހޭ ތަމްރީނުތަކަށް ދެ މަސް ފަހުން އަނެއްކާ އައްޑު އަށް އަންނާނެ ކަމަށެވެ. “އަޅުގަނޑު އެންމެ ކުޑަ އިރުއްސުރެން ފެށިގެން ވެސް އެންމެ ބޮޑަށް ބޭނުންވީ ޕައިލެޓަކަށް ވާން. އެހެންވެ އޭރު ވެސް ވަރަށް ބޮޑަށް މި ދާއިރާއާ ގުޅޭ މައުލޫމާތުތައް އިންޓަނެޓް މެދުވެރިކޮށް ހޯދަމުން ގެންދިޔައިން. އަދި ބައެއް ގައުމުތަކުން ކޯސް ހެދެން ހުރި އަގުތަކާ އެއްޗެހި ބަލަމުން ގެންދިޔައީ. އަބަދުވެސް އޮތް އަޒުމެއް ކޮންމެވެސް އެއް ދުވަހަކުން ޕައިލެޓަކަށް ވާނަމޭ،” ބާއްކޮ ބުންޏެވެ. “މިހާރު މިހިރީ ޕައިލެޓަކަށް ވުމުގެ ވަރަށް ބޮޑު ރާސްތާއެއް ގިރާ ކުރެވިފައި. އެކަމަކު އަދި ފުރިހަމަ ކުރަން ޖެހޭ ބައެއް ޓްރޭނިންތަކެއް އެބަހުރި. އެކަން ފުރިހަމަކޮށްލެވުމުން އާންމުން ގޮވައިގެން އުދުހުމުގެ ފުރުސަތު ލިބޭނެ. އެ ދުވަހަކަށް މިހާރު މި އިންތިޒާރު ކުރެވެނީ.” ބާއްކޮ ބުނީ އޭނާ އަށް މި ހިސާބަށް އާދެވުނީ އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިގެން ކަމަށެވެ. އެހެންވެ ބޮޑު ހަރަދެއްކޮށްފައި ޕައިލެޓް ކޯސް ހަދަން ފުރުސަތު ލިބުމަކީ އާއިލާ އިން ވެސް އޭނާގެ ހުވަފެން ހަގީގަތަކަށް ހަދައި ދޭން ކުރި މަސައްކަތުގައި ސާބިތުވެ ތިބުމުގެ ނަތީޖާ ކަމަށް ބުންޏެވެ. މިދިޔަ އަހަރު ބާއްކޮގެ ބައްޕަ އަޅުގަނޑަށް ގުޅި އެވެ. ޝަކުވާ އަކާ އެކު އެވެ. އެއީ ޓްރޭނިން ތެރޭގައި ހަދަން ޖެހޭ ޓެސްޓްތަކެއް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސަބަބުން ނުހެދި ދިގުލައިގެން ދާތީ އެވެ. އޭނާ ބޭނުންވީ އެކަން “ހަވީރު” މެދުވެރިކޮށް ސާފުކޮށްދިނުމަށެވެ. އޭނާގެ ބޭނުމަކީ ދިގުލައިގެން ނުގޮސް އެ އޮންނަ މުއްދަތުގެ ތެރޭގައި ކޯސް ނިމި، ބާއްކޮ ޕައިލެޓަކަށް ވެގެން އުދުހޭތަން ދުށުމެވެ. “އަޅުގަނޑަށް މި ހިސާބަށް އާދެވުމުން އާއިލާ މީހުންނާއި ރައްޓެހިން ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހިފައި އުފާވެފައި ތިބީ. އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ފައިނޭންޝަލް ދަތިތަކާ ހެދި ޕައިލެޓް ކޯހެއް ފުރިހަމަކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން،” ފަސް ކުދިން ތިބި އާއިލާގައި ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ބުންޏެވެ. “އާއިލާ ވަރަށް ބޮޑަށް ސަޕޯޓިވް. އިދާރަކުރެއްވިއްޔާ ބަރާބަރަށް ޕޭމަންޓް ދައްކައިގެން ފައިނޭންޝަލް އެއްވެސް ދައްޗެއް ނެތި މި ހިސާބަށް މި އާދެވުނީ. މިއީ ހަމަ އަޅުގަނޑަށްޓަކައި އާއިލާ އިން ކޮށް ދިން ވަރަށް ބޮޑު ކަމެއް.” ބާއްކޮ ބުނީ އޭނާ އެންމެ އުފާވަނީ އަމިއްލަ ގައުމުގައި ހުރެގެން ޕައިލެޓް ކޯސް ހެދުން ކަމަށެވެ. އަދި ކަމެއް ދިމާވެއްޖެ ހާލަތެއްގައި އާއިލާއާ ފަސޭހަ އިން ބައްދަލުވެވޭ ފަދަ ފައްތަރެއްގައި ހުރެގެން ކޯސް ހެދޭނެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ. “އެއީ ވަރަށް ބޮޑަށް ހިތްހަމަޖެހުނު ކަމެއް. ކުރިއަކުން އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން އަމިއްލަ ގައުމުގައި ހުރެގެން ޕައިލެޓް ކޯސް ހެދޭނެ ކަމަކަށް. އެކަމަކު އެ ފުރުސަތު ތަނަވަސްވެގެން ދިއުމުން ވަރަށް ބޮޑަށް އުފާވި،” ބާއްކޮ ބުންޏެވެ. އޭނާގެ ނަޒަރުގައި ގައުމުގައި ހުރެގެން ޕައިލެޓަކަށް ވުމުގައި ގިނަ ފަސޭހަތަކެއް އެބަ ހުއްޓެވެ. އެއް ކަމަކީ ބޭރު ގައުމެއްގައި ކުރަން ޖެހޭ ހޭދަ ބޮޑުވުމެވެ. “އަސްލު ގަމުގައި ވަރަށް ފަސޭހަ މިކަން ކުރަން. އެއާޕޯޓާއި އަޅުގަނޑުމެން ތިބޭ އިމާރާތް ވެސް މި ހުންނަނީ ހިނގާލާފައި ދެވޭހާ ކައިރީ. އެހެންވެ އަސްލު ވަރަށް ބޮޑަށް ފަސޭހަ. އަނެއް ކަމަކީ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އާއިލާ ކައިރި އަށް ދާކަށް ވެސް މާ ބޮޑު ދައްޗެއް ނެތް،” އޭނާ ބުންޏެވެ. ބާއްކޮ ބުނިގޮތުގައ ރަނގަޅު ކުރަން ޖެހޭ ބައެއް ކަންތައްތައް އެބަ ހުއްޓެވެ. އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީން މެދުވެރިކޮށް ހަދަން ޖެހޭ ޓެސްޓްތައް ދިގުނުދަންމައި ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށް އޭނާ ބުންޏެވެ. “އެއްކޮށް އުޅުނު ކޮލީގުންގެ ވެސް އެންމެ ބޮޑު ކޮންސާނަކީ އެއީ. އެކަމާ ހެދި އަސްލު ކޯސްތައް ދިގުލައިގެން ދަނީ ވެސް،” އޭނާ ބުންޏެވެ. ބާއްކޮ މިހާރު ހުރީ ކެޕްޓަނަކަށް ވުމުގެ އުއްމީދުގަ އެވެ. އެމަސައްކަތް ކުރިއަށް އޮތީ ކަމަށް ވެސް އޭނާ ބުންޏެވެ. “އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވަނީ މޯލްޑިވިއަން އަށް ޖޮއިންކޮށް އެ އެއާލައިންގައި ވަޒީފާ އަދާކުރަން. އެއީ ވަރަށް ބޮޑު ޑްރީމެއް،” ކުރިއަށް ހުރި ޓްރޭނިންތަކަށް ފަހު މޯލްޑިވިއަން އަށް އެޕްލައި ކުރަން ނިންމައިގެން ހުރި ބާއްކޮ ބުންޏެވެ.