ނިދާ ވަގުތު މޯބައިލް ފޯނަށް ބެލުމަކީ ލޮލަށާއި ސިކުނޑި އަށް ގެއްލުން ހުރި ކަމެއް ކަމަށް އެކި ދިރާސާތަކުގައި މީގެ ކުރިން ވެސް ބުނެފައިވެ އެވެ. އެކަމަކު މިފަހަރު، މިކަމާ ގުޅޭ ވަރަށް އާދަޔާ ޚިލާފު ހާދިސާއެކެވެ. ރޭގަނޑު އަނދިރީގައި އާންމުކޮށް ފޯނަށް ބަލާ ދެ އަންހެނަކަށް ލޮލުގެ ފެނުން އިރުއިރުކޮޅުން ގެއްލޭ މައްސަލައަކާ ކުރިމަތިވީ އެވެ.

ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޑޮކްޓަރުން ވިދާޅުވެފައި ވަނީ އުމުރުން 22 އަހަރުގެ އަންހެނަކާއި 40 އަހަރުގެ އަންހެނެއްގެ ލޮލުގެ ފެނުން “ޓްރާންސިއެންޓް ސްމާޓްފޯން ބްލައިންޑްނެސް”ގެ ސަބަބުން ދުވަސްތަކެއް ވަންދެން ގެއްލިފައިވާ ކަމަށެވެ.

މި ދެ އަންހެނުން ވަނީ އެކި ވަގުތުތަކުގައި ގާތްގަނޑަކަށް 15 ވަރަކަށް މިނެޓަށް ލޮލުގެ އަލިކަން ގެއްލޭ ކަމަށް ބުނެފަ އެވެ. މިހެން ދިމާވަނީ ކީއްވެގެންކަން ޑޮކްޓަރުންނަށް އޮޅުން ނުފިލައިގެން އުޅެން ޖެހުނެވެ. އެކި ސްކޭންތަކާއި ޓެސްޓްތައް ހެދުމުން ވެސް މައްސަލައެއް ނުފެނުނެވެ.

“އެކަމަކު މިގޮތަށް އެންމެ ފުރަތަމަ ދިމާވީ ކޮން ކަމެއް ކުރަނިކޮށްތޯ އެހުމުން، މި ވެގެން އުޅޭ ގޮތް ވަގުތުން ސާފުވެއްޖެ،” ލަންޑަންގެ މޫފީލްޑްސް އައި ހޮސްޕިޓަލްގެ ޑޮކްޓަރު ގޯޑަން ޕްލާންޓް ވިދާޅުވެފައިވެ އެވެ.

ޑޮކްޓަރު ވިދާޅުވީ މި ދެ އަންހެނުންނަކީ ވެސް ރޭގަނޑު އެނދުގައި އެއް އަރިއަކަށް، އެއް ލޯ ފޮރުވޭ ގޮތަށް އޮށޯވެ އޮވެގެން ވަރަށް އާންމުކޮށް ފޯނަށް ބަލާ ދެ މީހުން ކަމަށެވެ.

“މިހެން އޮތުމުން އެއް ލޮލުން ފޯނަށް ފޯކަސްވެފައި އިންނައިރު އަނެއް ލޮލުން އެއްވެސް ތަނެއް ނުފެނި އެ ލޯ ހާއްސަވެފައި އޮންނާނީ އަނދިރި އަށް،” ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ މިހެން ގިނައިރު އޮތުމަށް ފަހު އެހެން ދިމާލަކަށް ބަލައިފި ނަމަ އެއްވެސް އެއްޗެއް ނުފެންނަ ގޮތް މެދުވެރި ވެދާނެ ކަމަށެވެ. އެއީ އަލިވާ ދިމާލަކަށް އެއް ލޮލުން ބަލަމުން އަނެއް ލޯ އަނދިރިއަށް ސެޓުވެފައި އޮތުމަށް ފަހު ދެ ލޮލުން އެއް ކަމެއް ކުރަން ޖެހުމުން ނިޒާމަށް އަރާ އޮޅުމަކުން ދިމާވާ ކަމެކެވެ. ޑޮކްޓަރު ވިދާޅުވެފައި ވަނީ އަނދިރީގައި ފޯނަށް ބަލާ ނަމަ ދެ ލޮލުން ރީއްޗަށް ފޯނަށް ބަލަންޖެހޭނެ ކަމަށާއި އެއް ލޮލުން ބަލާ ނަމަ މި މައްސަލަ ކުރިމަތި ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ލޮލަށް މި މައްސަލަ ޖެހުނު ކަމުގައި ވިޔަސް މިއީ ފަރުވާ ދީގެން ރަނގަޅު ކުރެވޭނެ ކަމެއްކަން ޑޮކްޓަރުން ފާހަގަކޮށްފައިވެ އެވެ.