ބަދިގޭގައި ކައްކަން އުޅޭއިރު ތަނެއް ފިހުމަކީ ހަމަ އާންމު ކަމެކެވެ. ހޫނު ތެއްޔެއްގައި އިނގިލި ޖެހުން ފަދަ ކަމަކުން ނުވަތަ ކައްކަން އުދާފައި ހުރި އެއްޗަކުން ހޫނު ތެޔޮ ނުވަތަ ފެން އެޅިގެން ވެސް ފިހިދާނެ އެވެ. އަދި އަވަނުން އެއްޗެތި ނަގާ ގަޑީގައި އަވަނުގެ ތަނެއްގައި ޖެހިގެން ވެސް ފިހުމަކީ ވަރަށް ގާތުގައި އޮންނަ ކަމެކެވެ. އަދި އިސްތިރީގައި ޖެހިގެން އަތް ފިހުމަކީ މި ހުރިހާ ކަމަކަށް ވުރެ ވެސް ގިނައިން ދިމާވާ ކަމެކެވެ.

ފިހުމުން އުނގުޅާ ބޭހެއް ކަމަށްވާ ބާނޯލް ކަހަލަ އެއްޗެއް، ކަމެއް ދިމާވާއިރު ގިނަފަހަރު ގެޔަކު ނުހުރެ އެވެ. ދިކުދި ތަންތަންކޮޅު ފިހުމަކީ ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހޭ ވަރުގެ ކަމެއްގެ ގޮތުގައި އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އެވެ. އެހެންކަމުން ގިނަ މީހުން ބޭނުންވާނީ ގޭގައި ހުރި ކޮންމެވެސް ބާވަތަކުން ފަރުވާއެއް ހޯދުމަށެވެ.

އެގޮތުން ގޭގައި ދެވިދާނެ ބައެއް ފަރުވާތަކުގެ ތެރޭގައި:-

ކަޅު ސައި: ކަޅު ސައިގައި ޓެނިކް އެސިޑް އެކުލެވެ އެވެ. މިއީ ފިހިފައިވާ ތަނުގައިވާ ހޫނުތައް ބޭރަށް ދަމައިގަންނަން އެހީތެރިވެދޭނެ އެއްޗެކެވެ. އޭރުން، ފިހިފައިވާތަނުން ދިލަ ނެގުން ކުޑަވާނެ އެވެ. ފިނި، ތެތް ޓީ ބޭގް އެއް، ފިހިފައިވާ ތަނުގައި ބޭއްވުމަށް ފަހު ފޮތިކޮޅެއް އޮޅާލާފައި ބަހައްޓާށެވެ.

މާމުއި: މާމުޔަކީ އެންޓި-ބެކްޓީރިއަލް މާއްދާތައް އެކުލެވޭ އެއްޗަކަށްވާތީ، ފިހިފައިވާ ތަނުގައި މާމުއިކޮޅެއް އުނގުޅާލުމުން އިންފެކްޝަނެއް އަށަނުގަނެ ފަސޭހަވާނެ އެވެ.

ކިރު: ކިރުގައި އެކުލެވޭ ޕްރޮޓީންސް އާއި ފެޓްސްގެ ސަބަބުން، ފިހިފައިވާ ތަނުން ނަގާ ދިލަ މައިތިރިކޮށްދީ އެތަނަށް ފިނިކަން އިހްސާސް ކުރެވުމުގެ އިތުރުން އަވަހަށް ފަސޭހަވުމުގެ ފުރުސަތު ވެސް ބޮޑުވާނެ އެވެ. ފިހިފައިވާ ތަނަށް ފިނިކޮށްފައިވާ ކިރުން ފަރުވާ ހޯދާށެވެ. ފަނަރަ ވަރަކަށް މިނިޓް ތެރޭ ނަތީޖާ ފެންނާނެ އެވެ.

މިންޓް ދަތްއުނގުޅާބޭސް: ތަނެއް ފިހޭއިރަށް ވަގުތުން ފެން އިސްކުރު ދޫކޮށް އެތަނަށް ފެން އަޅާ ފިނިކުރާށެވެ. އަދި ފޮތިކޮޅަކުން މަޑުމަޑުން ހިއްކާލުމަށް ފަހު މިންޓް ދަތްއުނގުޅާބޭސްކޮޅެއް ހާކާލާށެވެ. ވަގުތުން ދިލަކެނޑި ފިނިވާނެ އެވެ.