ބައެއް މީހުންނަށް ދުވަހުގެ މަސައްކަތް ފެށެނީ ކޮފީއެއް ބޯލައިގެންނެވެ. ރޮއިޓާސް އިން ކުރި ދިރާސާ އަކުން ދެއްކި ގޮތުގައި އެމެރިކާގެ 65 ޕަސެންޓް މީހުންނަކީ ކޮންމެ ދުވަހަކު ކޮފީ ބޯ މީހުންނެވެ. އަދި 85 ޕަސެންޓް މީހުންނަކީ އާންމުކޮށް ކޮފީ ބޯ މީހުންނެވެ.

ކޮފީ ބޮނީ މަސައްކަތް ހަލުވިކޮށް، އެލާޓް ލެވެލް މަތިކުރަން ކަމަށްވާ ނަމަ ކޮންމެ ކޮންމެ ވަގުތަކު ކޮފީ ބުއިން ރަނގަޅު ނޫން ކަމަށް، ތަޖުރިބާކާރު ޑައިޓީޝަނެއް ކަމަށްވާ ލައުރާ ސިޕޫލޯއާ ހަވާލާދީ ސީއެންބީސީން ބުނެފައިވެ އެވެ.

ލައުރާ ވިދާޅުވި ގޮތުގައި ހެނދުނު ހޭލާ ގޮތަށް ކޮފީ ބުއިމުން ނުތަނަވަސްކަން އިހްސާސްވުމާ އެކު އަވަށް އަރައިގަނެގެން އުޅެވޭ ގޮތް ވެދާނެ އެވެ. އޭނާގެ ލަފަޔަކީ ހެނދުނު ހޭލައިގެން ދެތިން ގަޑިއިރު ފަހުން ކޮފީ ބުއިމެވެ.

ހެނދުނު ހޭލާއިރު ހަށިގަނޑުގައި ސްޓްރެސް ހޯމޯން ވަރަށް ގިނަވާނެ ކަމަށާއި އެކަމުގެ ސަބަބުން، ކަންކަމާ މެދު ޔަގީންކަން ކުޑަވުމުގެ ވިސްނުން އިތުރުވާނެ ކަމަށް ލައުރާ ވިދާޅުވި އެވެ. މިހެން ހުއްޓާ ހަށިގަނޑަށް ކެފެއިން ލިބުމުން މައްސަލަ އިތުރަށް ގޯސްވެ އެވެ. އަދި އިރުކޮޅެއް ފަހުން ކަންނެތްވެ ވަރުބަލިކަން އިހްސާސްވާން ފަށާނެ ކަމަށް ލައުރާ ވިދާޅުވި އެވެ.

“ހެނދުނު ހޭލާއިރު ހުންނަ މި ހާސްކަން ކުޑަކޮށް، ކޮފީއާ ނުލައި މަސައްކަތްކުރެވޭނެ ގޮތެއް ހަދަން ބޭނުން ނަމަ އެންމެ ރަނގަޅުވާނީ ރޭގަނޑުގެ ފުރިހަމަ ނިދި ހޯދުން،” އޭނާ ވިދާޅުވި އެވެ.

ކޮފީ ބޯން އެންމެ ރަނގަޅީ ސްޓްރެސް ހޯމޯން ކަމަށްވާ ކޯޓިސޯލް އެންމެ މަދުވާ ވަގުތު ކަމަށާއި އެއީ ހޭލާތާ ތިނެއް ނުވަތަ ހަތަރު ގަޑިއިރު ފަހުން ކަމަށް ލައުރާ ވިދާޅުވި އެވެ.

މިހާއިރު ކޮފީ ބުއިމުން، މިހާގެ ހުށިޔާރުކަން އިތުރުކުރަން ދުވާލުގެ އެހެން ވަގުތެއްގައި ކޮފީ ބުއިމުގެ ބޭނުމެއް ނެތް ކަމަށް ވެސް ލައުރާ ވިދާޅުވި އެވެ. އެއީ އެންމެ ކޮފީއަކުން ހައެއްކަ ގަޑިއިރު ސިކުނޑި ހުޅުވާލާފައި ބަހައްޓައިދޭތީ އެވެ. އަދި ކޮފީގެ އަސަރު އެންމެ ބޮޑަށް ކުރާނީ ކޮފީ ބޯލުމަށް ފަހު 30-60 މިނެޓާ ދެމެދު ކަމަށް ވެސް ވިދާޅުވި އެވެ.

ހެނދުނު މި ބުނި ވަގުތު އެކަނި ކޮފީ ބޯ ނަމަ ރޭގަނޑުގެ ނިންޖަށް ވެސް ކޮފީ އަކީ ހުރަހަކަށް ނުވާނެ އެވެ. މެންދުރު ފަހު ކޮފީ ބުއިމަކީ އަރާމުކޮށް ނިދުމަށް އެޅޭ ހުރަހެކެވެ.

ކޮފީއަކީ ސިއްހީ އެކި ފައިދާތައް ހިމެނޭ އެއްޗަކަށް ވިޔަސް މާގިނައިން ކޮފީ ބޯ ނަމަ ކުރިމަތިވާނެ މައްސަލަތައް ހުންނާނެ އެވެ. އެހެންވެ އެކަމަށް ސަމާލުވާން، ސިއްހީ މާހިރުން ލަފާދެ އެވެ.