ރަމަޟާންމަހުގެ ރޯދަ ހިފާއިރު ނުވަތަ އެނޫނަސް ވާޖިބު ރޯދައެއް ހިފާއިރު (މިސާލަކަށް ކައްފާރާގެ ގޮތުގައި ހިފާ ރޯދަހިފާއިރު) ޖިމާޢުވުމަކީ ހުއްދަކަމެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން ރޯދަ ބާޠިލުވާނެއެވެ.

(ރޯދައަށް ހުންނައިރު) އަނބިމީހާ ގައިގަ އަތްލުމާއި ބޮސްދިނުންފަދަ ކަންތައްތައް ކުރުމާމެދު ދަންނައެވެ. އެއީ މައްސަލައެއް ނޫނެވެ. ފަހެ ހަމަކަށަވަރުން ނަބިއްޔާ ﷺ ރޯދައަށް ހުންނަވާއިރު އެފަދަ ކަންތައްތައް ކުރެއްވިއެވެ. އެހެނަސް މީހެއްގެ ކިބައިގައި ހުންނަ ބަލިކަށި ކަމެއްގެ ސަބަބުން މަނިބޭރުވުންފަދަ ކަމެއް ހިނގާފާނެކަމުގެ ބިރު އޮތްނަމަ އެފަދަ މީހަކަށް އޮތީ އެކަމުން ދުރުހެލިވުމެވެ. އަދި އެކަމުގައި ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ.

އެފަދަ ކަމެއްކުރުމުގެ ސަބަބުން ދުވާލުގެ ވަޤުތުގައި މަނި ބޭރުވެއްޖެނަމަ ހިނައިގަތުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ. އަދި އެދުވަހުގެ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ. އެހެނަސް އޭނާ ކައްފާރާއެއް ދޭކަށް ނުޖެހޭނެއެވެ. ކައްފާރާ ދޭން ޖެހޭނީ އަނބިމީހާއާ ޖިމާޢު ވުމުންނެވެ އަނބިމީހާގެ ގައިގައި އަތްލުމާއި ބޮސްދިނުން ފަދަ ކަންކަމަކީ ރޯދައަށް ހުއްޓަސް ހުއްދަކަންކަމެވެ…

 

ސަމާޙަތުއްޝައިޚް ޢަބްދުލް ޢަޒީޒު ބުން ބާޒު رحمه الله

ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ

فتاوى نور على الدرب (16/238)

 

___________________________________

ރަމަޟާންމަހުގެ ދުވާލު ވަޤުތު ޖިމާޢުވާ މީހެއްގެ ކައްފާރާއަކީ އަޅަކު މިނިވަންކުރުމެވެ. އެކަން ކުރުމުގެ ކުޅަދާނަކަށް ލިބިގެންނުވާ މީހާ ދެމަސްދުވަހު ވިދިވިދިގެން ރޯދަ ހިފުމެވެ. އެކަން ކުރުމުގެ ކުޅަދާނަކަށް ލިބިގެންނުވާ މީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ.