ކަނޑު ހުރަސްކޮށް ހެދި އެންމެ ދިގު ބްރިޖް ޗައިނާގައި އިއްޔެ ހުޅުވައިފިއެވެ. މިބްރިޖް ހުޅުވާފައިވަނީ ޗައިނާގެ ރައީސް ރައީސް ޝީ ޖިންޕިން އެވެ.

10 އަހަރު ދުވަހުން ހެނދުނު މިބްރިޖް ހެދުމުގެ ތެރޭގައި 18 މީހަކު މަރުވެފައިވާ ކަމަށް ބީބީސީއިން ރިޕޯޓްކުރެއެވެ. ފަންސާސް ފަސް ކިލޯ މީޓަރު (34 މޭލު) ދިގު ބްރިޖަކީ ހޮން ކޮން، މަކާއޫ އަދި ޗައިނާގެ މައި ސަރަހައްދުގެ ސިޓީ އެއް ކަމަށްވާ ޒުހައި ގުޅާލެވޭ ގޮތަށް ހެދި ބްރިޖެކެވެ. އަދި މިބްރިޖް ހެދުމަށް ވަނީ 20 ބިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ ޒުހާއީގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޝީގެ އިތުރުން ހޮން ކޮން އަދި މަކާއޫގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އާއްމުންނަށް ބްރިޖް ހުޅުވާލާނީ ބުދަ ދުވަހު އެވެ.

ބްރިޖް ހަދާފައި ވަނީ ބިންހެލުންތަކާއި ތޫފާންތަކުން ގެއްލުން ނުވާނެ ފެންވަރަށް ކަމަށް އޮފިޝަލުން ބުނެ އެވެ. ބްރިޖް ހަދަން ވަނީ 4،000 ޓަނުގެ ދަގަނޑު ބޭނުންކޮށްފަ އެވެ. މިއީ ފްރާންސްގެ ޕެރިހުގެ އައިފެލް ޓަވަރު ވަރުގެ 60 ޓަވަރު ހަދަން ބޭނުންވާނެ ދަގަނޑެވެ.

ބްރިޖާ އެކު ހަތަރު ޓަނަލް އާއި އަލަށް އުފެއްދި ހަތަރު ރަށް ވެސް ވަނީ ގުޅުވާލައިފަ އެވެ. ބްރިޖްގެ 30 ކިލޯ މީޓަރަކީ ކަނޑުގެ ސަރަހައްދެވެ. ބްރިޖްގެ ބައެއް ބަނީ ޓަނަލަކާ ވެސް ގުޅާލައިފަ އެވެ. ބްރިޖުގެ މަޝްރޫއާ އެކު ވަނީ ދެ އާޓިފިޝަލް ރަށް ވެސް ހަދައިފަ އެވެ.

މީގެ ކުރިން ޒުހައި އާއި ހޮން ކޮންގާ ދެމެދު ދަތުރު ކުރަން ހަތަރު ގަޑިއިރު ނަގަ އެވެ. ނަމަވެސް މި ބްރިޖާ އެކު އެ ވަގުތު ވަނީ ބައިގަޑިއިރަށް ކުޑަކުރެވިފަ އެވެ.

ބްރިޖް ހުރަސްކޮށް ދަތުރު ކުރަން ބޭނުންވާ މީހުން ޚާއްސަ ހުއްދައެއް ހޯދަން ޖެހެ އެވެ. އެ ހުއްދަ ދެނީ ކޯޓާ ސިސްޓަމަކުންނެވެ. ބްރިޖުން ދަތުރު ކުރާ ހުރިހާ ވެހިކަލެއް ވެސް ޓޮލް ފީ ދައްކަން ޖެހެ އެވެ. ލަފާ ކުރެވޭ ގޮތުން ބްރިޖުން ކޮންމެ ދުވަހަކު ވެސް 9،200 ވެހިކަލް ދަތުރު ކުރާނެ އެވެ. ޗައިނާގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ބްރިޖުގެ ސަބަބުން އިގްތިސާދަށް 10 ޓްރިިލިއަން ޔުއާން (1.44 ޓްރިލިއަން ޑޮލަރު) ލިބޭނެ އެވެ.