ލިޔުމުގެ ފުރަތަމަ ބައި

އިމާމް މާލިކް ޤަބޫލުކުރައްވާ ގޮތުގައި ސިހުރު ދަސްކޮށްފި މީހަކުވެސް ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ފަދަ މީހުންގެ ގިންތިއަށް ފެތޭނެއެވެ. ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގައި އެވާ “އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ نفس ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ.” މިބަޔަށް ފެތޭނެއެވެ. މިއާޔަތުގެ އަލީގައި އިމާމް މާލިކް ޤަބޫލުފުޅު ކުރައްވާގޮތުގައި ސިހުރު ހަދާ މީހެއްގެ ޢުޤޫބާތަކީ މަރާލުމެވެ.

އިބްނި ޤުދައިމާ ދެކިވަޑައިގަންނަވާ ގޮތުގައި ސިހުރު ހަދާ މީހެއްގެ ޢުޤޫބާތަކީ މަރާލުމެވެ. މިއީ ޢުމަރު ގެފާނާއި ޢުޘްމާންގެފާނާއި އިބްނު ޢުމަރު ވެސް ދެކިވަޑައިގަންނަވާ ގޮތެވެ. އަދިހަމައެހެންމެ މިއީ އިމާމް އަބޫ ޙަނީފާ އާއި އިމާމް މާލިކްގެވެސް ރަޢުޔެވެ.

އިމާމް ޤުރުޠުބީ ދެކިލައްވާ ގޮތުގައި އަދި ޖުމުހޫރު ގިނަ ޢިލްމުވެރިން ދެކެލައްވާ ގޮތުގައި މުސްލިމު ސިހުރު ވެރިޔާގެ އަދަބާއި ޣައިރު މުސްލިމް ސިހުރު ވެރިޔާގެ އަދަބު ތަފާތުވާނެއެވެ. އިމާމް މާލިކް ދެކިލައްވާ ގޮތުގައި ސިހުރު ހެދުމަށް ކުފުރުގެ ކަލިމަ ބޭނުންކޮށްގެން މުސްލިމަކު ސިހުރު ހަދާނަމަ އެމީހެއްގެ އަދަބަކީ މަރާލުމެވެ. އެފަދަ މީހަކަށް ތައުބާވުމަށް ފުރުޞަތުދެވިގެންވެސް ނުވާނެއެވެ. ސަބަބަކީ ސިހުރުވެރިޔާ އެކަންތައް ކޮށް އުޅުނީ މުޝްރިކުންނާއި ޒިނޭކުރާމީހުންފަދައިން ސިއްރުން ކަމަށްވާތީއެވެ. ﷲ ސުބްހާނަހޫ ވަތައާލާ ސިހުރަކީ ކާފިރުވުމެއްކަމުގައި ބަޔާންކުރައްވާފައިވާތީއެވެ. މާތްﷲ ވަޙީކުރައްވާފައިވަނީ އާޔަތުގެ މާނާގައިވެއެވެ. ” ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ.”

އިބްނު އަލްޤާދިރު ޤަބޫލުކުރައްވާގޮތުގައި ޢަޤީދާފާސިދުވާފަދަ ކަލިމަ ބޭނުންކޮށްގެން ސިހުރު ހަދާފިނަމަ، އަދި އެމީހަކު ތައުބާ ނުވެއްޖެނަމަ، އަދި އެމީހަކު ސިހުރު ހެދުމަށް ބޭނުންކޮށްފައިވާ ލަފުޒުތަކަކީ ޢަޤީދާއިން ބޭރުވާފަދަ ލަފުޒުތަކެއްކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ އަދަބަކީ މެރުމެވެ. އެމީހަކު ހެދި ސިހުރެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަވެސް އެމީހެއްގެ އަދަބަކީ މެރުމެވެ. އެއީ ޤިޞާޞްގެ ގޮތުގައެވެ. ސިހުރު ހަދާފައިވަނީ މަރާލުމަށް ނޫންކަމަށްވެފައި ގެއްލުން ދިނުމުގެ ޤަޞްދު އޮވެ ހެދި ސިހުރަކުން އެމީހަކު މަރުވެއްޖެނަމަ، އަދި އެކަމުގެ ސަބަބުން މަރުގެ ޢަޤޫބާތް ނުދެވޭނަމަ، އެމީހެއްގެ ކިބައިން މަރުގެ ދިޔަނެގޭނެއެވެ.
އިބްނި ކަޘީރުގެ ސިހުރު ހަދާމީހާ ދީނުން ބޭރުނުވާނެކަން ނުވަތަ ކާފިރުނުވާނެކަމަށް ސާބިތުކޮށްދެއްވުމަށް ނަންގަވަނީ އަންނަނިވި އާޔަތެވެ. މާތްﷲ ވަޙީކުރެއްވިއެވެ. وَلَوْ أَنَّهُمْ آمَنُوا وَاتَّقَوْا لَمَثُوبَةٌ مِّنْ عِندِ اللَّـهِ خَيْرٌ‌ ۖ لَّوْ كَانُوا يَعْلَمُونَ މާނައަކީ: “ހަމަކަށަވަރުން، އެއުރެން إيمان ވެ تقوى ވެރިވިނަމަ، اللَّه ގެ حضرة ން (އެއުރެންނަށް) ހުރި ثواب ގެ ހެޔޮކަން މާބޮޑެވެ. އެއުރެން އެކަން ދަންނަ ކަމުގައިވި ނަމައެވެ.” މިއާޔަތުން ދޭހަކޮށްދޭ ގޮތުގައި ސިހުރު ހަދާމީހާގެ ސިހުރުގެ ސަބަބުން ކާފިރުނުވާނެއެވެ. މިއީ އިމާމް އަޙްމަދު ޙަންބަލްގެ ރަޢުޔަކީވެސް މިއީއެވެ. އިބްނި ކަޘީރު ޤަބޫލުކުރައްވާ ގޮތުގައި ސިހުރު ހަދާމީހެއްގެ އަދަބަކީ މެރުންކަން ޢުމަރު ބިން ޚައްޠާބު ސިހުރު ހަދާ ފިރިހެނާ އާއި ސިހުރު ހަދާ އަންހެނާ މެރުމަށް ލިޔުމުން އިރުޝާދުދެއްވެވުމާއި ގުޅިގެން ސިހުރުހެދި ތިން މީހަކު މަރާފައިވާ ޙާދިޘާއިން އެނގެން އޮންނަކަމަށް އައްޝާފިޢީ އާއި އަޙްމަދު ރިވާކުރެއްވި ރިވާޔަތެއްގައިވެއެވެ.

މިހުރިހާ ވާހަކަތަކުންވެސް އިގިގެންދަނީ ހަމަ އެއްކަމެކެވެ. ސިހުރުގެ ނުބައިކަމާއި އޭގެ ސުންޕާކަން ބޮޑުކަމެވެ. އަދި ސިހުރު ހަދާ ފަރާތްތަކުގެ ޢަޤީދާއާމެދު އުފެދިގެންދާ ސުވާލުތަކެވެ. އޭނާގެ އީމާންތެރިކަން ބަލިކަށިވެގެންދާން މެދުވރިވާ ސަބަބުތަކެވެ. އެހެނީ ސިހުރުވެރިޔާ ސިހުރުހަދަނީ ޝައިތާނާއަށް އަޅުކަންކޮށްގެން ނެވެ.

އިމާމް ނަވަނީ ވިދާލުވާގޮތުގައި ސިހުރު ހެދުމަކީ ޙަރާމްކަމެކެވެ. އަދި އެއީ ބޮޑު ފާފައެކެވެ. ބައެއް ސިހުރަކީ ކުފުރެވެ. އެބަހީ އެހަދާ ސިހުރެއްގެ ސަބަބުން ސިހުރިވެރިޔާ ކުފުރުވެދެއެވެ. އަނެއްބައި ސިހުރަކީ ބޮޑު ފާފައެކެވެ. ހެދި ސިހުރުގައި ޤައުލީ ނުވަތަ ޢަމަލީ ގޮތުންވެސް ކުފުރުވާފަދަ ކަމެއްކޮށްފިނަމަ އެހެދިމީހަކު ކާފިރުވާހުއްޓެވެ. މިފަދަ ކަމެއް ސިހުރުގައި ނެތްނަމަ ކާފިރެއް ނުވާނެއެވެ. އަދި ސިހުރު އުގެނުމާއި އުގަންނައިދިނުމަކީވެސް ޙަރާމް ކަމެކެވެ.

ސިހުރަކީ ބޮޑުވެގެންވާ ފާފައެކެވެ. އެކަމަށް ހުރިހާ ޢިލްމުވެރިންވެސް އިއްތިފާޤުވެލައްވައެވެ. އިމާމް ނަވަވީގެ ނަޒަރުގައި ކުފުރުގެ ޢަމަލެއް ނުވަތަ ބަހެއް ބޭނުންކޮށްގެން ސިހުރު ހެދިނަމަ އެސިހުރު ހެދިމީހާ އެހުރީ ކުފުރުވެފައެވެ. ކުފުރުގެ ޢަމަލެއް ނުވަތަ ބަހެއް ބޭނުންކުރުމަކާ ނުލައި ހެދޭ ސިހުރުގެ ސަބަބުން ފާފަވެރިވާނެއެވެ. ސިހުރުގައި ކުފުރުގެ ބަހެއް އަދި ޢަމަލެއް ނެތްކަމުގައި ވިޔަސް ސިހުރަކީ ބޮޑުވެގެންވާ ފާފައެކެވެ. މިތަނުގައި އެބުނާ ކުފުރުގެ ޢަމަލަކީ މިސާލަކަށް އިރަށް ސަޖިދަ ކުރުންކަހަލަ، ޝައިޠާނާގެ ޢަމަލެއް ކުރުންކަހަލަ ކަމެއް ކުރުމެވެ.

ސިހުރުހަދާ މީހާ ކުފުރުވާނެކަމަށް ޤަބޫލުކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި ސިހުރު ހަދާމީހާއަށް ތައުބާ ވުމުގެ ފުރުޞަތުވެސް ލިބިގެންނުވާނެއެވެ. އެގޮތުންބަލާއިރު އަލްއިމާމް އަބޫ ޙަނީފާ ވިދާޅުވާގޮތުގައި ސިހުރުވެރިއެއްކަން އިގިއްޖެނަމަ އޭނާ ޤަތުލްކޮށްލަންޖެހޭނެއެވެ. އަދި އޭނާގެ ގާތުން ތައުބާވުމަށްވެސް އެދުމެއްނުވެއެވެ. އޭނާ ޤަތުލުކުރެވޭ ހިނދު ތިމަންނަ ތައުބާވެއްޖެއީމޭ ބުނި ކަމުގައިވިޔަސް އޭނާގެ އެވާހަކަ ޤަބޫލުކޮށް ދޫކޮށްލައިގެން ނުވާނެއެވެ. އަބޫޙަނީފާގެ އަރިހުގައި ސިހުރުހަދާ މީހާ ކާފިރުވުމާއެކު ބިމުގައި ދުވަސްތަކެއް ހޭދަކޮށްފައިވެއެވެ. އަލްއިމާމް މާލިކުގެ އަރިހުން ރިވާވެގެންވެއެވެ. މުސްލިމަކު ސިހުރު ހަދައިފިނަމަ އޭނާގެ ކިބައިން ތައުބާވުމަށް އެދުމަކާ ނުލައި ޤަޠުލްކުރުން ހުއްޓެވެ. އަލްއިމާމް އަޙްމަދު ވެސް ޤަބޫލުކުރައްވާ ގޮތުގައި ސިހުރު ހަދާމީހާ ކާފިރުވާނެއެވެ. އެގޮތުން ސިހުރުގެ ސަބަބުން މީހަކު މަރުވިޔަސް ނުވަތަ މަރުނުވިޔަސް ސިހުރު ހެދިމީހާ ޤަތުލުކުރަންޖެހޭނެއެވެ.

އެހެންނަމަވެސް އިމާމް ޝާފިޢީގެ ރައުޔު ތަފާތެވެ. ޝާފިޢީ ގެފާނު ވިދާލުވާގޮތުގައި ސިހުރުގެ ސަބަބުން ކާފިރު ނުވާނެއެވެ. އެކަމަކު އެސިހުރުހެދިމީހާގެ ސިހުރުގެ ސަބަބުން ސިހުރު ރައްދުވިފަރާތް (އެބަހީ ސިހުރުވެރިޔާ އެމީހަކަށްޓަކައި ސިހުރު ހެދިފަރާތް) މަރުވެއްޖެނަމަ އަދި އެސިހުރުވެރިޔާ އެކަމަށް އިޢުތިރާފުވެ އެކަން ކުރީ ޤަޞްދުގަ އޭނާ މަރާލުމުގެ ނިޔަތުގަ ކަމަށް ބުނެފިނަމަ، ޤިޞާޞް ހިފުމުގެ ގޮތުން އެސިހުރުވެރިޔާ މަރާލެވޭނެއެވެ.
މިހުރިހާ ވާހަކަތަކަށް ބަލާލުމުން އެގިގެންދަނީ ސިހުރި ހެދުމުގެ ސަބަބުން ސިހުރުހަދާ މީހާ ދީނުންބޭރުވާނެތޯ ނުވަތަ ނޫންތޯ މިއީ ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ބައެއް ބޭކަލުން ސިހުރުގެ ސަބަބުން ކާފިރުވާނެ ކަމަށް ބުރަވެލައްވާއިރު އަނެއްބައި ބޭކަލުން ދެކިލައްވާ ގޮތުގައި ސިހުރު ހެދުމުގައި ކުފުރުގެ ބަސް ނުވަތަ ޢަމަލު އެސިހުރުގައި ޝާމިލްވާނަމަ އެމީހަކު ކުފުރުވާނެއެވެ. އަދި އެމީހަކަށް ތައުބާވުމުގެ ފުރުޞަތުދިނުމަކާ ނުލައި ޤަތުލުކޮށްލެވޭނެއެވެ. އެހެންނަމަވެސް އަނެއްބައި ބޭކަލުންގެ އަރިހުގައި ސިހުރުގެ ސަބަބުން ކުފުރު ނުވާނެއެވެ. އެހެންނަމަވެސް އެއީ ބޮޑުވެގެންވާ ފާފައެކެވެ. ކަންމިހެން ހުރިއިރު އަޅުގަނޑެ ރައުޔަކީ ސިހުރުގެ ސަބަބުން މީހާ ދީނުންބޭރުވާނީ ސިހުރުހެދުމުގައި ޤައުލުން ނުވަތަ ފިޢުލުން ކުފުރުވެއްޖެނަމައެވެ. އެހެންނޫންނަމަ އެމީހަކު ވާނީ ފާފަވެރިއެވެ. އެމީހަކު ދީނުންބޭރެއްނުވާނެއެވެ.