إن الحمد لله، نحمده، ونستعينه، ونستغفره، ونعوذ بالله من شرور أنفسنا، ومن سيئات أعمالنا، من يهده الله فلا مضل له، ومن يضلل فلا هادي له. وأشهد أن لا إله إلا الله وحده لا شريك له. وأشهد أن محمداً عبده ورسوله.

ދިވެހިރާއްޖޭގައި އެންމެ ޤަދީމީ ޒަމާނުއްސުރެން ފެށިގެންވެސް ސިހުރުހެދުމަކީ ދިވެހިންގެ ކަށިގައި ހިފާފައިވާކަމެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ޙާދިޘާތައްވެސް އެބަހުއްޓެވެ. އޭގެތެރެއިން އެއްހާދިޘާއަކީ މުޙައްމަދު އަމީންދީދީ މަރާލުމަށް ސިހުރުހެދި މީހާ މެރުމަށް ކުރި ޙުކުމާއި ގުޅިގެން ހުޅުލޭގައި ޙަކީމްދީދީ މަރާލި ޙާދިޘާއެވެ. ސިހުރުހަދާ ފަރާތްތަކަށް އެކިރަށްރަށުގައި ތަފާތު ދުއްތުރާތަކާއި އުނދަގޫތައްވެސް ކުރާކަމަކީ ފެންނަން އޮތް ޙަޤީޤަތެކެވެ. އަޅުގަނޑުގެ މައުޟޫއަކީ ސިހުރުގެ ސަބަބުން ދީނުންބޭރުވާނެ ހެއްޔެވެ؟ މިމައުޟޫއެވެ. މިލިޔުމުގައި އަޅުގަނޑު ބަލާލާނީ ސިހުރުގެ ތަޢުރީފް އަށާއި، ޤުރުއާނާއި ސުންނަތުގެ އަލީގައި ސިހުރުގެ ޙަޤީޤަތާއި، ސިހުރުގެ ޙުކުމުގެ މައްޗަށެވެ.

މިމައުޟޫއު އަޅުގަނޑު ޚިޔާރުކުރީ ދިވެހިރާއްޖޭގެ ޤަދީމީ ޒަމާނުއްސުރެން ސިހުރުގެ ރޮގުގައި ކުރީގައި އުޅޭބައެކެވެ. އެގޮތުން އެވެރިންގެ ހުރިހާ ކަމެއްގައިވެސް ފަންޑިތަ ސިހުރުގެ ބޭނުންކުރަމުން އައިސްފައިވެއެވެ. މިގޮތުން ބަލާއިރު ލޯބިހޯދުމަށާއި، ދެމަފިރިން ދުރުކުރުމަށާއި، ދެމަފިރިކަމުގެ ގުޅުން ހިންގިޔަ ނުދޭށާއި، މަސްވެރިކަމަށާއި، މީހުން މެރުމަށާއި، މީހުން ބަލިޖެއްސުމަށާއި، ބަލިބަލީގެ ފަރުވާއަށާއި، މިހުރިހާކަމަކަށްވެސް ފަންޑިތަ ސިހުރު ހަދާއުޅެއެވެ. އެހެންކަމުން ސިހުރު ހެދުމުގެ ޙުކުމާއި އިސްލާމީ ނަޒަރަކުން ސިހުރުހަދާ ފަރާތްތަކަށް ދެވޭ ޢުޤޫބާތް އެގުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ދެކި އެކަމުގެ ބޭނުންތެރިކަން ދެކިގެންނެވެ.

މިދިރާސާއަށް އަޅުގަނޑު މައުލޫމާތު އެއްކޮށްފައިވާނީ މިރޮގުން އެކިއެކި ބޭފުޅުން ލިޔުއްވަފައިވާ ފޮތްތަކުންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތަކަށާއި ބޭރުގެ ފަރާތްތަކުން ލިޔުއްވާފައިވާ ފޮތްތައް ދިރާސާކުރުމުގައި ބަލާލާފައިވާނެއެވެ. އަޅުގަނޑުގެ ދުޢާއަކީ މިދިރާސާގެ ސަބަބުން ގިނަ ބަޔަކަށް ފައިދާތަކެއް މިންވަރުކުރެއްވުމެވެ…………… އާމީން.

ސިހުރު މިބަހުގެ ބަހަވީ މާނައިގެ ގޮތުގައި އެކި ޢިލްމުވެރިން އެކި ގޮތްގޮތަށް މާނަ ކުރައްވާފައިވެއެވެ. އެގޮތުން އަލް އަޛްހަރީ ސިހުރުގެ ލުޣަވީ މާނައިގެ ގޮތުގައި ވިދާޅުވެފައިވަނީ “ސިހުރުގެ ތިލަ މާނައަކީ އެއްޗެއްގެ ޙަޤީޤަތާއި ޚިލާފު ގޮތަކަށް ފެންނަގޮތަށް ހަދާހެދުމެވެ” އިބްނު މަންދޫރު ވިދާޅުވާގޮތުގައި “ސިހުރުގެ ސަބަބުން ޙަޤީޤަތާއި ޚިލާފު އެއްޗެއް ޙަޤީޤީ އެއްޗެއްގެ ގޮތުގައި ތަޞައްވުރުކޮށްދެއެވެ. ނުވަތަ އެއްޗެއްގެ ޙަޤީޤީ ސިފަ ނޫން އެހެން ސިފައެއްގައި އެހެން މީހުންނަށް ދައްކުވައިދެއެވެ. އެހެންކަމުން ސިހުރަކީ މީހުންނަށް އޮޅުވާލާ އޮޅުވާލުމެކެވެ.” މިނޫންވެސް ވަރަށްގިނަ ބޭކަލުން ސިހުރު މިބަހުގެ ލުޣަވީ މާނަ އެކި ގޮތްގޮތަށް ކުރައްވާފައިވެއެވެ. މިހުރިހާ ތަޢުރީފުތަކުން ވެސް އެގިގެންދަނީ ސިހުރަކީ ޙަޤީޤަތް އޮޅުވާލުމާއެކު މީހުންނަށް ދައްކުވައިދޭ ދަޅަ (illusion) އެއް ކަމެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ ނުބައި ރޫޙްތަކުގެ އެހީގައި ތިމާއަށް ލިބިގެންނުވާ ބާރެއް އެހެން މީހުންގެ މައްޗަށް ނުޙައްޤުން ބޭނުންކޮށް އަނެކާއަށް ގެއްލުމެއް ދިނުމުގެ ގޮތުން ކުރެވޭ ޢަމަލެކެވެ. ކީރިތި ޤުރުއާނުގެ ތަފާތު އާޔަތްތަކުގައި “ސިހުރު” ގެ ވާހަކައިން ބަޔާންކޮށްފައިވާތީފެނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ މާނައަކީ: “ހަމަކަށަވަރުން، އޭނާޔަކީ ކަލޭމެންނަށް ޖާދޫ ދަސްކޮށްދިން ކަލޭމެންގެ ބޮޑުމީހާކަން ކަށަވަރެވެ.” މިއެވެ. މިއާޔަތުގައި ” السِّحْرَ” ގެންނަވާފައި އެވަނީ ޖާދޫ ނުވަތަ ލޯތަކަށް ދައްކައި ދަޅަ މިމާނާގައެވެ. އަދިވެސް ވަޙީކުރައްވާފައިވެއެވެ. يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِ فَمَاذَا تَأْمُرُونَ މާނައަކީ: “އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، އެކަލޭގެފާނުގެ ޖާދޫގެ ބާރުގައި ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލާށެވެ. ވީމާ، ތިޔަބައިމީހުން أمر ކުރާގޮތަކީ ކޮބައިހެއްޔެވެ؟” މިއެވެ. ސިހުރު އުފެދިގެން އައިގޮތުގެ ވާހަކަ އިންވެސް ކީރިތި ޤުރުއާނުގައި ބަޔާންވެގެންވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ މާނައަކީ: ” އަދި سليمان ގެފާނުގެ ވެރިކަމުގެ ޒަމާނުގައި شيطان ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تبع ވޫއެވެ. سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابل ގައިވާ هاروت އާއި، ماروت އާއި ދެ ملائكة ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبع ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ ملائكة ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ نفس ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ.” ބަޔާންވެ ދިޔަ އާޔަތުން ސިހުރު މިބަހުގެ މާނަ ވަރަށްވެސް ރަނގަޅަށް އެގިސާފުވެގެން ހިގައްޖެއެވެ.

ސިހުރު މިބަސް މުސްލިމުންގެ ޘަޤާފަތުގެ ތެރެއިން ނަޤުލުވަމުން އައިސްފައިވާ ގޮތަށް ބަލާއިރު އެބަހުގެ އިޞްޠިލާޙީ މާނައިގެ ގޮތުގައި އެކިބޭކަލުން އެކި ތަޢުރީފް ދެއްވާފައިވެއެވެ. މިއިން ކޮންމެ ތަޢުރީފަކުންވެސް ނެގެނީ ހަމަ އެއްމާނަ އެކެވެ. އިބްނު ޤުދާމާ އަލް މަޤްޞިދީގެ ނަޒަރުގައި “ސިހުރަކީ ޢުޤަދު (knots) ތަކަކާއި ރުޤާ (incantation) ތަކެއްގެ މައްޗަށް އެކުލެވިގެންވާ ކިޔަވާލެވޭ ބަސްތަކެއް ނުވަތަ ލިޔެވިގެންދާ ބަސްތަކެއްގެ ސަބަބުން އެކަން ރައްދުވާ ފަރާތުގެ ހަށިގަނޑުގައި އަތްލުމަކާއި ނުލައި ޖިސްމަށް ނުވަތަ ނަފްސަށް ނުވަތަ ހިތަށް ނުވަތަ ސިކުނޑިއަށް ނޭދެވޭ އަސަރުތަކެއް ކުރުވާކޮންމެ ކަމެކެވެ. ސިހުރުގެ ތަފާތު ވައްތަރުތައް އެކުލެވިގެންވެއެވެ. އޭގެތެރޭގައި މީހުން މެރުމަށް ހަދާ ސިހުރާއި، މީހުން ބަލިޖެއްސުމަށް ހަދާ ސިހުރާއި، ދެމެފިރިންގެ ގުޅުން ހިންގުމުން ދުރުހެލިކުރުމަށް ހަދާ ސިހުރާއި، ދެމަފިރިން ދުރުކުރުމަށް ހަދާ ސިހުރާއި، ދެމީހުންގެ މެދުގައި ނަފްރަތްތެރިކަން އުފެއްދުމަށް ހަދާ ސިހުރާއި ލޯބި ޖެއްސުމަށް ނުވަތަ ދެމީހުން ތައްކުރުވުމަށް ހަދާ ސިހުރު ހުރެއެވެ.

އެހެންކަމުން ސިހުރަކީ ސިހުރު ހަދާ ފަރާތާއި (ސާހިރު) ޝައިތާނާއާއި ދެމެދު ވެވިގެންދާ އަހުދެއްގެ ދަށުން ސިހުރުހަދާ ފަރާތުން ޝައިތާނާ ހިތް ރުއްސުމަށްޓަކައި އިސްލާމީ ޝަރީއަތުގައި ހުއްދަނޫން ޢަމަލެއް ކުރުމުގެ ސަބަބުން ނުވަތަ ހެއްދެވި ފަރާތަށް އުރެދުމުގެ ބަދަލެއްގެ ގޮތުން ސިހުރުހަދާ ފަރާތުން އެދޭ އެދުންތައް ޝައިތާނާގެ ފަރާތުން ކޮށްދޭ ކޮށްދިނުމެކެވެ. މިތަޢުރީފް ތަކުން އެގިގެން ދިޔަގޮތުގައި ސިހުރަކީ ޝައިތާނީ ޢަމަލެކެވެ. އަދި ސިހުރު ހެދުމަށްޓަކައި ސިހުރު ހަދާފަރާތުން ޝައިތާނީ ޢަމަލުތައް ކުރާކަމެވެ.

***ނުނިމޭ ****
ލިޔުމުގެ ދެވަނަ ބައި މާދަމާ ގެނެސްދޭނަން. މިއީ މަޑުއްވަީ.ކޮމްގައި ލިޔެފައިވާ ލިޔުމެކެވެ.