ބައެއް މުސްލިމުން، އަދި ބައެއްފަހަރު އިސްލާމީ ޖަމާޢަތްތަކަށް ނިސްބަތްވާ މަދުބައެއް ނަމަވެސް،  ހައިރާންކުރުވާކަހަލަ ވާހަކައެއް ދައްކައެވެ. އެއީ އެމީހުން ބުނަނީ، ޑިމޮކްރަސީއަކީ އިސްލާމްދީނާ ފުށުއަރާ އެއްޗެކެވެ. އަދި ބައެއް ޢިލްމުވެރިން ބުނާކަމަށް އެމީހުން ބުނަނީ ޑިމޮކްރަސީއަކީ ކުފުރެއްކަމަށެވެ. މިވާހަކައިގެ ހުއްޖަތަކަށް އެމީހުން ބުނަނީ، ޑިމޮކްރަސީއަކީ ރައްޔިތުން ރައްޔިތުންނަށް ޙުކުމްކުރުމެވެ. ނަމަވެސް އިސްލާމްދީނުގައި ރައްޔިތުންނަކީ ޙުކުމްކުރާ ބައެއް ނޫނެވެ.

ކިއެއްތަ، އެއީ މާތް ﷲ އެވެ. { إِنِ الْحُكْمُ إِلَّا لِلَّـهِ} ” ޙުކުމް ކުރެއްވުން ﷲ އަށް މެނުވީ ނުވެއެވެ. ” (އަންޢާމް: 57)

މިއީ ކުރިން ޚަވާރިޖުން ވެސް ބުނިފަދަ ވާހަކައެވެ. އެމީހުން ބުނި ވާހަކައަށް ރައްދު ދެއްވައި ޢަލީގެފާނު ވިދާޅުވެފައިވަނީ: އެއީ “ބާޠިލުކަމަކަށް ބުނާ ޙައްޤު ބަހެކެވެ.”

ލިބެރަލުންނާއި މިނިވަންކަމަށް ގޮވާލާ މީހުންގެ ތެރޭގައި ފެތުރިފައި އޮންނަ ގޮތުން، އިސްލާމީންނަކީ ޑިމޮކްރަސީގެ ޢަދުއްވުންނެވެ. އެއީ ޚުދުމުޚްތާރުކަމާއި ޑިކްޓޭޓަރޝިޕަށް ނަޞްރުދޭ ބައެކެވެ.

ތެދެއްހެއްޔެވެ؟ އިސްލާމްދީނަކީ ޑިމޮކްރަސީގެ ޢަދުއްވެއްހެއްޔެވެ؟ ނުވަތަ ބައެއް މީހުން ބުނާހެން، ޑިމޮކްރަސީއަކީ މުންކަރާތަކަށް ވާ ކުފުރެއްހެއްޔެވެ؟ ނުވަތަ މިހެން ބުނުމަކީ އިސްލާމްދީން ނުބުނާ ވާހަކައެއް ބަޔަކު މީހުން އަމިއްލައަށް ބުނާ ބުނުމެއްހެއްޔެވެ؟

ޝައްކެއްވެސް ނެތް ގޮތުގައި، މިފަދަ މުހިއްމު ކަމެއްގައި މުސްލިމުންނަށް އޮޅުން އަރާފައި ތިބުމަކީ، އަދި ޢާއްމުކޮށް ދީންވެރިންނަށް ޚާއްޞަކޮށް ދީނުގެ ނަމުގައި ވާހަކަ ދައްކާ މީހުންނަށް، މި މައްސަލައިގެ ޙައްޤާއި ބާޠިލު އޮޅިފައި އޮތުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. ކަމުގެ ޙަޤީޤަތް ނޭނގުމުގެ ސަބަބުން، ކާފަރުކަމާއި ފާސިޤުކަމުގެ ތުހުމަތުތައް ވެސް މީހުންނާމެދު ކުރާތަން އެބަ ފެނެއެވެ. އެމީހުން މިފަދަ ތުހުމަތުތައް  ކުރާއިރު، އެއީ ދީނުގައި ކިހާ ބޮޑު ކުށެއްކަމާއި، އަދި އެފަދައިން ތުހުމަތުކުރެވޭ މީހާއަކީ އެފަދަ މީހަކަށް ނުވެއްޖެނަމަ އެ ވާހަކަ ރައްދުވާނީ އޭނާއަށްކަން، ނުދަނެއެވެ.

އެއްޗަކަށް ޙުކުމްކުރެވޭނީ އެއްޗެއް ތަޞައްވުރުވެގެން:

ހައިރާންވާންޖެހޭ ކަމަކީ، ބައެއް މީހުން ޑިމޮކްރަސީއަކީ ބޮޑުވެގެންވާ މުންކަރާތެއް ކަމަށް ތުހުމަތުކުރާއިރު، އެއީ ފާޅުވެގެންވާ ކުފުރެއްކަމަށް ބުނާހިނދު، އެމީހުންނަށް ރަނގަޅަށް ޑިމޮކްރަސީއަކީ ކޮބައިކަން އެނގިފައި ނޯވެއެވެ. ޑިމޮކްރަސީގެ ޙަޤީޤަތާއި. އޭގެ އެތެރަށް ވާސިލުވެވިފައި ނެތެވެ.

އަހަރެމެންގެ ކުރީގެ ޢިލްމުވެރިންގެ އަރިހު އެއްބަސްވެވިފައި އޮންނަ ޤަވާޢިދަކީ: “އެއްޗަކަށް ޙުކުމްކުރެވޭނީ އެއްޗެއް ތަޞައްވުރުވެގެން” ނެވެ. ނޭނގޭ އެއްޗަކަށް ޙުކުމެއްކޮށްފިއްޔާ، އިއްތިފާޤަކުން ރަނގަޅަށް ދިމާވިއަސް، އެ ޙުކުމަކީ އެއީ ނުބައި ޙުކުމެކެވެ. ސަބަބަކީ އެވާނީ ޔަހުޔާ ކާޅުހިފުން ކަހަލަ ކަމަކަށެވެ. މިގޮތުން ސާބިތުވެފައިވާ ޙަދީޘް ބަސްފުޅެއްގައި ވަނީ، ޙައްޤު އެނގިހުރެ ނުޙައްޤުން ޙުކުމްކުރާ ޤާޟީއެކޭ އެއްފަދައިން، ނޭނގި ޙުކުމްކުރާ ޤާޟީ ވެސް އޮންނާނީ ނަރަކައިގައެވެ.

ފަހެ ދުނިޔޭގެ ކަންކޮޅުތަކުގައި މިތިބަ ރައްޔިތުންތައް އެދި އެ ގޮވާލާ ޑިމޮކްރަސީއަކީ، ހުޅަނގާއި އިރުމަތީގައި ގިނަ ބަޔަކު އެ ހާސިލުކުރުމަށް ބުރަ މަސައްކަތްތަކެއް އެކުރާ ޑިމޮކްރަސީއަކީ، އަނިޔާވެރި ވެރިންނާ ދެކޮޅަށް ތެދުވެ، ލޭ އޮހުރުވި، ގިނަގުނަ ޤުރުބާންތަކެއް ވެގެން ދުނިޔޭގެ ބައެއް ޤައުމުތަކުގެ ރައްޔިތުން ހާސިލުކޮށްފައިވާ ޑިމޮކްރަސީއަކީ، އަދި ވަރަށް ގިނަ އިސްލާމީންވެސް މިއަދު އަހަރެމެންގެ އުއްމަތުގެ މައްޗަށް ވެރިވެގެން މި ތިބަ އަނިޔާވެރި ވެރިންގެ ވަކިތަކުން އުއްމަތް ސަލާމަތްކުރަން އޮތް އެކަށޭނެ ވަސީލަތެއްކަމުގައި މިދެކޭ ޑިމޮކްރަސީއަކީ، ފަހެ މި ޑިމޮކްރަސީއަކީ، ތިލަ ވިސްނުމާއި އަވަސް އަރުވާލައިގެން ގޮތް ނިންމާ މީހުން ބުނާހެން، ކުފުރެއްހެޔެވެ؟ އެއީ މުންކަރާތެއްހެއްޔެވެ؟

ޑިމޮކްރަސީގެ ޖައުހަރު:

އެކަޑެމިކް މުޞްޠަލަޙުތަކާއި ތަޢްރީފުތަކާ ދުރަށް ގޮސް، ޑިމޮކްރަސީއަކީ ކޮބައިތޯ ބަލާއިރު ފެންނަގޮތުން، ޑިމޮކްރަސީއަކީ މީހުން އެމީހުންގެ މައްޗަށް ވެރިކަންކުރާނެ އަދި އެމީހުންގެ ކަންކަން ސިޔާސަތުކުރާނެ ފަރާތެއް އިޚްތިޔާރުކުރުމެވެ. އަދި އެމީހުން ނުރުހޭ ވެރިއަކު ނުވަތަ ނިޒާމެއް، ގަދަކަމުން އެމީހުންގެ މައްޗަށް އިސްނުވުމެވެ. އަދި ވެރިމީހާ ގޯސްކޮށް ކަމެއްކޮށްފިނަމަ އެކަން ހިސާބުބެލުމުގެ ޙައްޤު ރައްޔިތުންނަށް އޮތުމެވެ. އަދި އޭނާ މަގުން ކަތިވެއްޖެނަމަ ވެރިކަމުން ބޭލުމުގެ ޙައްޤު އޮތުމެވެ. އަދި ރައްޔިތުން ނުރުހޭ ހާލު، ވަކިކަހަލަ އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ނުވަތަ ޘަޤާފީ ނުވަތަ ސިޔާސީ މަންހަޖަކާ ދިމާއަށް، ގަދަކަމުން ރައްޔިތުން ދަމާ ނުގެންދިއުމެވެ. އަދި މިފަދަ ކަމަކާ މީހަކު ދެކޮޅު ހެދުމަކީ، އަނިޔާ ލިބި ރަށުން ނެރެލެވި ޖަލަށްލެވޭ، ކަމަކަށް ނުވުމެވެ.

ޑިމޮކްރަސީގެ ޙަޤީޤީ ޖައުހަރަކީ މިއީއެވެ. އަދި އިންސާނިއްޔަތަށް މިއަދު މިވަނީ މި ޑިމޮކްރަސީ ތަންފީޒުކުރާނެ ޢަމަލީ ގޮތްތަކެއް ހޯދައިގަނެވިފައެވެ. މިސާލަކަށް އިންތިޚާބުކުރުމާއި، ފެންނަނުފެންނަ ބެލުމާއި، އަޣްލަބިއްޔަތަށް ފެންނަގޮތަކަށް ކަންތައް ކުރުމާއި، ގިނަ ސިޔާސީ ޕާޓީތައް އޮތުމާއި، ބައިމަދު މީހުންނަށްވެސް ސިޔާސީ ގޮތުން އިދިކޮޅުވުމުގެ ޙައްޤު އޮތުމާއި، ޚަބަރު ފަތުރާ ވަސީލަތްތަކަށް މިނިވަންކަން އޮތުމާއި، ޤަޟާއީ ނިޒާމް މިނިވަންވުން، ފަދަ ކަންކަމެވެ.

ފަހެ ދެންމެ އަހަރެމެން މިބުނި، ޑިމޮކްރަސީގެ ޖައުހަރަކީ، އިސްލާމްދީނާ ފުށުއަރާ އެއްޗެއް ހެއްޔެވެ؟ ފުށުއަރަނީ ކިހިނެއްހެޔެވެ؟ ޤުރުއާނާއި ސުންނަތުން އޮތް މުޙްކަމް ދަލީލަކީ ކޮބައިހެއްޔެވެ؟

ޑިމޮކްރަސީގެ ޖައުހަރަކީ އިސްލާމްދީނާ އެއްގޮތް އެއްޗެއް:

ޑިމޮކްރަސީހެ ޖައުހަރާއި މެދު ވިސްނާ ފިކުރުކޮށްފި މީހަކަށް ފެންނާނީ، އެއީ އިސްލާމްދީނުގައިވާ ކަންތައްތަކެއް ކަމުގައެވެ. ފަހެ އިސްލާމްދީނުގައި ވަނީ، މީސްތަކުން ނުރުހޭ މީހަކު ނަމާދުގައި އެމީހުންގެ އިމާމަކަށް ހުރެގެން ނުވާނެކަމަށެވެ. ޙަދީޘް ބަސްފުޅެއްގައި ވަނީ: “ތިންމީހެއްގެ ނަމާދު (ނަމާދުގެ ޘަވާބު)، އެމީހުންގެ ބޯމަތިން ކައިވަތަކަށް ވެސް  ނުއުފުލޭނެއެވެ.” އޭގެ ތެރެއިން ފުރަތަމަ މީހަކީ: “މީހުން ނުރުހޭ ހާލު އެމީހުންގެ އިމާމުވެ ނަމާދުކުރާމީހާއެވެ.”

މިއީ ނަމާދުގައި މިކަން އޮތްގޮތް ކަމަށްވާނަމަ، ސިޔާސީ ޙަޔާތުގެ ކަންކަމުގައި ނުރުހޭ މީހަކު ވެރިއަކަށް ވެގަނެގެން ހުރުމުގެ ނުބައިކަން އަދި ކިހާ ބޮޑުވާނެހެއްޔެވެ؟

އަދި އެހެން ޞައްޙަ ޙަދީޘެއްގައި ވަނީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔި ވެރިންނަކީ، ތިޔަބައިމީހުން އެމީހުންދެކެ ލޯބިވާ އަދި އެމީހުން ތިޔަބައިމީހުން ދެކެލޯބިވާ، އަދި ތިޔަބައިމީހުން އެމީހުންނަށް ހެޔޮދުޢާކުރާ އެބައިމީހުން ތިޔަބައިމީހުންނަށް ހެޔޮދުޢާކުރާ ވެރިންނެވެ. ދެން ތިޔަބައިމީހުންގެ އެންމެ ނުބައި ވެރިންނަކީ، ތިޔަބައިމީހުން އެމީހުންދެކެ ރުޅިއަންނަ އަދި އެމީހުން ތިޔަބައިމީހުން ދެކެރުޅިއަންނަ، އަދި ތިޔަބައިމީހުން އެމީހުންނަށް ލަޢްނަތް ދޭ، އެމީހުން ތިޔަބައިމިހުންނަށް ލަޢްނަތްދޭ މީހުންނެވެ.”

އަނިޔާވެރި ވެރިންގެ މައްޗަށް ޤުރުއާނުގައި ދެވިފައިވާ ހަމަލާ:

ބިންމަތީގައި އިލާހުންނަށް ވެގެން އުޅޭ، ﷲ ގެ އަޅުތަކުން އެމީހުންގެ އަޅުންނަށް ހަދައިގެން އުޅޭ، ނަމުރޫދާއި ފިރުޢައުނު ފަދަ އަނިޔާވެރި ރަސްކަލުންގެ މައްޗަށް ޤުރުއާނުގައި ވަނީ ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ނަމުރުދާއި އިބްރާހީމްގެފާނާ ދެމެދު ހިނގި ކުރިމަތިލުން ޤުރުއާނުގައި ތަޞްވީރުކޮށްދީފައި އެބަ އޮތެވެ:  { لَمْ تَرَ‌ إِلَى الَّذِي حَاجَّ إِبْرَ‌اهِيمَ فِي رَ‌بِّهِ أَنْ آتَاهُ اللَّـهُ الْمُلْكَ إِذْ قَالَ إِبْرَ‌اهِيمُ رَ‌بِّيَ الَّذِي يُحْيِي وَيُمِيتُ قَالَ أَنَا أُحْيِي وَأُمِيتُ ۖ قَالَ إِبْرَ‌اهِيمُ فَإِنَّ اللَّـهَ يَأْتِي بِالشَّمْسِ مِنَ الْمَشْرِ‌قِ فَأْتِ بِهَا مِنَ الْمَغْرِ‌بِ فَبُهِتَ الَّذِي كَفَرَ‌ ۗ وَاللَّـهُ لَا يَهْدِي الْقَوْمَ الظَّالِمِينَ } ” ﷲ، އޭނާއަށް ރަސްކަންދެއްވާފައިވާތީ، إبراهيم ގެފާނުގެ ވެރިރަސްކަލާނގެއާމެދު އެކަލޭގެފާނާ ޖަދަލު ކުޅަ މީހާޔަށް ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟ (އެއީ) އިބްރާހީމްގެފާނު ވިދާޅުވިހިނދެވެ. ދިރުއްވައި މަރުގަންނަވަނީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އޭނާ ދެންނެވިއެވެ. އަހަރެންވެސް ދިރުވައި އަދި މަރަމެވެ. އިބްރާހީމްގެފާނު ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން، ﷲ  އިރުމަތީފަރާތުން އިރު ގެންނަވައެވެ. ފަހެ، ކަލޭ، އެ އިރު ހުޅަނގުފަރާތުން ނިކަން ގެނެސް ބަލާށެވެ! ދެން، އެ ކާފިރުވި ކަލޭގެ ހައިރާންވެ ބަސްހުއްޓިއްޖެއެވެ. އަނިޔާވެރިވެގެންވާ ޤައުމަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ. ” (ބަޤަރާ:258)

މި އަނިޔާވެރިއާ ދަޢްވާކުރަނީ، އިބްރާހީމްގެފާނުގެ ވެރިރަސްކަލާނގެ އަޅުތަކުން ދިރުއްވާ މަރުހިއްޕަވާހެން،  އޭނާ ވެސް މީހުން ދިރުވާ މަރާ ހަދާކަމަށެވެ. ވީމާ އިބްރާހީމްގެފާނުގެ ވެރިރަސްކަލާނގެއަށް މީސްތަކުން އަޅުވެތިވާ ފަދައިން، އޭނާއަށް ވެސް މީސްތަކުން އަޅުވެތިވާންޖެހޭނެއެވެ!

މި ދޮގު ދަޢްވާ ސާބިތުކޮށްދޭން އޭނާގެ ޖެހިލުން ކުޑަކަން ހުރި މިންވަރީ، މަގުމަތިން ދިޔަ ދެމީހަކު އަތުލައިގަނެގެން ގެނެސް އެއްވެސް ކުށަކާ ނުލާ ދެމީހުން މަރަން ޙުކުމްކުރީއެވެ. އެކެއްގެ މައްޗަށް ޙުކުމް ތަންފީޒުކޮށްފައި އަނެކާއަށް މާފުދީފައި، ނަމުރޫދު ބުނީ ތިމަންނާ މީހަކު މަރައިފީމެވެ. އަދި މީހަކު ދިރުވައިފީމެވެ!

ފިރުޢައުނުގެ ކަންތައް ހުރީވެސް ހަމަ މިހެންނެވެ. {فَقَالَ أَنَا رَ‌بُّكُمُ الْأَعْلَىٰ} “ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ. “(ނާޒިޢާތި:24)   އަދި ބޮޑާކަމާއެކު ބުނީ{وَقَالَ فِرْ‌عَوْنُ يَا أَيُّهَا الْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِ‌ي} “ފިރުޢައުނު ބުންޏެވެ. އޭ (އަހުރެންގެ ޤައުމުގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ. “(ޤަޞަޞް:38)

ކީރިތި ޤުރުއާނުގައި ވަނީ ނުބައިކަން ބޮޑު، ހުތުރުކަން އިންތިހާ ތިން ފަރާތެއްގެ އެއްބައިވެ ގުޅުމުގެ ވާހަކަ ކިޔައިދީފައެވެ.

ފުރަތަމަ ފަރާތަކީ: ބިންމަތީގައި އިލާހަކަށް ވެގަނެގެން، ﷲ ގެ އަޅުތަކުންގެ މައްޗަށް ވެރިވެގެން، ހުރި ޖައްބާރު ވެރިއެކެވެ. އޭނާ ތަމްސީލުކުރަނީ ފިރުޢައުނެވެ.

ދެވަނަ ފަރާތަކީ: އަމިއްލަ އެދުމާއިގެން އުޅޭ ސިޔާސީ މީހެކެވެ. އޭނާގެ ބުއްދިވެރިކަމާއި ތަޖުރިބާ އޮތީ އަނިޔާވެރި ވެރިއާގެ ވެރިކަން ދަމަހައްޓައި، ރައްޔިތުން އަޅުވެރިކޮށް ކިޔަމަންކުރުވާނެ ގޮތްތައް ހޯދައި ލަފާދިނުމުގެ ޚިދުމަތުގައި ބާއްވާފައެވެ. އޭނާ ތަމްސީލުކުރަނީ ހާމާނެވެ.

ތިންވަނަ ފަރާތަކީ: އަނިޔާވެރި ވެރިކަމުގެ ފުށުން މާއްދީ ފައިދާތަކެއް ލިބޭ، ރައުސްމާލީ އިޤްޠާޢީ މަހުޖަނެކެވެ. އަނިޔާވެރި ވެރިކަން ދަމަހައްޓަން އޭނާގެ މުދަލުން ކުޑަ އެތިކޮޅެއް ދެނީ، ރައްޔިތުންގެ ދަލާއި ލެއިން  އިތުރު ފައިސާތަކެއް ދަމައިގަންނާށެވެ. އޭނާ ތަމްސީލުކުރަނީ ޤާރޫނެވެ.

ފާފަވެރިކަމާއި އަނިޔާވެރިކަމުގައި އަތުގުޅާލާ އެއްބައިވެގެން ތިބި މި ތިން މީހުން،  މޫސާގެފާނާ ދެކޮޅަށް ތެދުވި ގޮތުގެ ވާހަކަ ޤުރުއާނުގައި އެބަ އޮތެވެ: {وَلَقَدْ أَرْ‌سَلْنَا مُوسَىٰ بِآيَاتِنَا وَسُلْطَانٍ مُّبِينٍ ﴿٢٣﴾ إِلَىٰ فِرْ‌عَوْنَ وَهَامَانَ وَقَارُ‌ونَ فَقَالُوا سَاحِرٌ‌ كَذَّابٌ} “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކާއި، ފާޅުވެގެންވާ ދަލީލަކާއިގެން ތިމަންރަސްކަލާނގެ، މޫސާގެފާނު ފޮނުއްވީމެވެ. * ފިރުޢައުނާއި، ހާމާން އާއި، ޤާރޫނު ގެ ގާތަށެވެ. ފަހެ، އެއުރެން ބުނޫއެވެ. (މިއީ) ބޮޑު ދޮގުވެރި ސިހުރުވެރިއެކެވެ.” (ޣާފިރު: 23-24)

{وَقَارُ‌ونَ وَفِرْ‌عَوْنَ وَهَامَانَ ۖ وَلَقَدْ جَاءَهُم مُّوسَىٰ بِالْبَيِّنَاتِ فَاسْتَكْبَرُ‌وا فِي الْأَرْ‌ضِ وَمَا كَانُوا سَابِقِينَ} “އަދި ތިމަންރަސްކަލާނގެ ޤާރޫނު އާއި، ފިރުޢައުނު އާއި، ހާމާނު ހަލާކުކުރެއްވީމެވެ. އަދި ހަމަކަށަވަރުން، ބަޔާން ވެގެންވާ ހެކިތަކާއިގެން މޫސާގެފާނު، އެއުރެންގެ ގާތަށް ވަޑައިގެންނެވިއެވެ. ފަހެ، އެއުރެން ބިމުގައި ބޮޑާވެގަތޫއެވެ. އަދި (ތިމަންރަސްކަލާނގެ ޢޛާބުން) މިންޖުވެގެންދިޔަ ބަޔަކު ކަމުގައި އެއުރެން ނުވޫއެވެ. “(ޢަންކަބޫތު: 39)

އަޖައިބުވާންޖެހޭ ކަމަކީ، ޤާރޫނަކީ މުސާގެފާނުގެ ޤައުމުގެ މީހެކެވެ. އޭނާއަކީ ފިރުޢަނުގެ ޤައުމުގެ މީހެއް ނޫނެވެ. ނަމަވެސް ޤާރޫނު އޭނާގެ އަމިއްލަ މީހުންނާ ޢަދާވާތްތެރިވެ އެމީހުންގެ ޢަދުއްވާ އެއްބައިވިއެވެ. އަދި ފިރުޢައުނުވެސް ބަނީ އިސްރާއީލުން ދެކެ އަންނަ ރުޅިވެރިކަން ހަނދާން ނައްތާލާފައި، އެ ދަރިކޮޅުގެ ޤާރޫނާ އެއްބައިވިއެވެ. މިއިން ދޭހަވަނީ ފިރުޢައުނާއި ޤާރޫނާއި ހާމާނު ފަދަ އަނިޔާވެރިން، ނަސަބާއި ނަސްލުގެ ގޮތުން ތަފާތު ތަކެއް ހުއްޓަސް، މާއްދީ މަޞްލަހަތަށްޓަކައި އެއްބައިވާ ކަމެވެ.

އަނިޔާވެރިކަމާއި ފަސާދައަކީ ގުޅިލާމެހިފައިވާ ދެކަން:

މި މައުޟޫޢާ ގުޅޭ ކީރިތި ޤުރުއާނުގައިވާ ވަރަށް މޮޅު އިޝާރާތެއް އެބަ އޮތެވެ. އަނިޔާވެރިކަމާއި އެތަނެއްގައި ފަސާދަ އާއްމުވެ ފެތުރުން ގުޅިފައިވާކަން، ޤުރުއާނުގައި ބަޔާންވެފައި އެބަ އޮތެވެ. ފަސާދަވުމަކީ ތަނެއް ހަލާކުވެ ނެތިދިއުމުގެ ސަބަބެވެ.

أَلَمْ تَرَ‌ كَيْفَ فَعَلَ رَ‌بُّكَ بِعَادٍ ﴿٦﴾ إِرَ‌مَ ذَاتِ الْعِمَادِ ﴿٧﴾ الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ ﴿ ٨﴾ وَثَمُودَ الَّذِينَ جَابُوا الصَّخْرَ‌ بِالْوَادِ ﴿٩﴾ وَفِرْ‌عَوْنَ ذِي الْأَوْتَادِ ﴿١٠﴾ الَّذِينَ طَغَوْا فِي الْبِلَادِ ﴿ ١١﴾ فَأَكْثَرُ‌وا فِيهَا الْفَسَادَ ﴿١٢﴾ فَصَبَّ عَلَيْهِمْ رَ‌بُّكَ سَوْطَ عَذَابٍ ﴿١٣﴾ إِنَّ رَ‌بَّكَ لَبِالْمِرْ‌صَادِ

އަނިޔާވެރިކަން ޤުރުއާނުގައި ބައެއްފަހަރު ސިފަކޮށްފައި ވަނީ “ޢުލުއްވު” ގެ ސިފައިގައެވެ. މާނައަކީ ކިބުރުވެރިކަމާއި، ނިކަމެތިކޮށް ގަދަބަދަވި ވެގެން ﷲ ހެ އަޅުތަކުން  ދަށުލުމެވެ. ޤުރުއާނުގައި ފިރުޢައުނު ސިފަކޮށްފައިވަނީ މިހެންނެވެ: {إِنَّهُ كَانَ عَالِيًا مِّنَ الْمُسْرِ‌فِينَ} ” ހަމަކަށަވަރުން (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިން ކިބުރުވެރިޔަކު ކަމުގައި އޭނާ ވިއެވެ. ” (ދުޚާން”31)

{إِنَّ فِرْ‌عَوْنَ عَلَا فِي الْأَرْ‌ضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَائِفَةً مِّنْهُمْ يُذَبِّحُ أَبْنَاءَهُمْ وَيَسْتَحْيِي نِسَاءَهُمْ ۚ إِنَّهُ كَانَ مِنَ الْمُفْسِدِينَ} ” ހަމަކަށަވަރުން، ފިރުޢައުނު، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ އަހުލުވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން ޤަތުލުކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، ފަސާދަ ކުރާ މީހުންގެ ތެރެއިންވީ މީހެކެވެ. ” (ޤަޞަޞް:4)

ވީމާ މިއާޔަތްތަކުން އަހަރެމެންނަށް އެނގޭ އެއްޗަކީ، ބިމުގައި ބޮޑާވުމާއި ފަސާދައަކީ ގުޅިލާމެހިފައިވާ ދެކަން ކަމެވެ. ތަނެއްގައި ހުންނަ ވެރިއަކީ ބޮޑާ އަނިޔާވެރިއެއްނަމަ އެތަނެއް ފަސާދަވެގެންދާނެ ކަމެވެ.

ޖައްބާރުންނަށް ކިޔަމަންވާ ރައްޔިތުން ވެސް ޤުރުއާނުގައި ކުށްވެރިކުރޭ:

އިލާހުންނަށް ވެގަނެގެން އުޅޭ އަނިޔާވެރި ވެރިންގެ މައްޗަށް ޤުރުއާނުގައި ހަމަލާދީފައި ހުއްޓާލީއެއް ނޫނެވެ. ކިއެއްތަ، މީގެ އިތުރުން އެ އަނިޔާވެރި ވެރިންނަށް ކިޔަމަންވެގެން އެމީހުންނަށް ތަބާވެގެން ތިބި ރައްޔިތުންނަކީ ވެސް، ޤުރުއާން ދެކޭ ގޮތުގައި ކުށްވެރިވެފައި ތިބި ބައެކެވެ. ސަބަބަކީ އެމީހުން އެ ތިބީ އަނިޔާވެރި ވެރިންނަށް ފުރުސަތުދީގެން، އެމީހުންނާ ވެރިކަން ހަވާލުކޮށްގެންނެވެ. ވީމާ އަނިޔާވެރިންނެކޭ އެއްގޮތަށް އެމީހުންނަށް ތަބާވާ ރައްޔިތުންވެސް މަސްއޫލިއްޔަތު އުފުލަންޖެހެއެވެ.

ނޫޙްގެފާނުގެ ޤައުމުގެ މީހުންނާ މެދު ވަޙީކުރައްވާފައިވަނީ: {قَالَ نُوحٌ رَّ‌بِّ إِنَّهُمْ عَصَوْنِي وَاتَّبَعُوا مَن لَّمْ يَزِدْهُ مَالُهُ وَوَلَدُهُ إِلَّا خَسَارً‌ا } “ނޫޙުގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އެއުރެން މިއަޅާޔަށް އުރެދިއްޖައޫއެވެ. އަދި އެއުރެންގެ މުދަލުންނާއި، ދަރިންގެ ފަރާތުން އެއުރެންނަށް ގެއްލުމެއްނޫން އެހެންކަމެއް ނުލިބޭ މީހުނާ އެއުރެން ތަބާ ވެއްޖައޫއެވެ. ” (ނޫޙް:21)

ހޫދުގެފާނުގެ ޤައުމުގެ މީހުންނާ މެދު ވަޙީކުރައްވާފައިވަނީ: {وَتِلْكَ عَادٌ ۖ جَحَدُوا بِآيَاتِ رَ‌بِّهِمْ وَعَصَوْا رُ‌سُلَهُ وَاتَّبَعُوا أَمْرَ‌ كُلِّ جَبَّارٍ‌ عَنِيدٍ} “އެއީ ޢާދު ބާގައިމީހުންނެވެ. އެއުރެންގެ ވެރިރަސްކަލާނގެ އާޔަތްތަކަށް އެއުރެން ދެކޮޅުހެދޫއެވެ. އަދި އެކަލާނގެ ރަސޫލުންނަށް އެއުރެން އުރެދުނޫއެވެ. އަދި ހަރުކަށި، ކޮންމެ ޖައްބާރު (އަނިޔާވެރި) އެއްގެ އަމުރަށް، އެއުރެން ތަބަޢު ވޫއެވެ. ” (ހޫދް:59)

ފިރުޢައުނުގެ ޤައުމުގެ މީހުންނާ މެދު ވަޙީކުރެއްވީ: { فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ } ” ފަހެ، އޭނާ (އެބަހީ: ފިރުޢައުނު) އޭނާގެ ޤައުމުގެމީހުން ހައްލައިލިއެވެ. ދެން އެއުރެން އޭނާޔަށް ކިޔަމަންވޫއެވެ. ހަމަކަށަވަރުން، އެއުރެންވީ، ފާސިޤު ވެގެންވާ ބަޔަކު ކަމުގައެވެ. ” (ޒުޚްރުފް:54)

{ إِلَىٰ فِرْ‌عَوْنَ وَمَلَئِهِ فَاتَّبَعُوا أَمْرَ‌ فِرْ‌عَوْنَ ۖ وَمَا أَمْرُ‌ فِرْ‌عَوْنَ بِرَ‌شِيدٍ ﴿٩٧﴾ يَقْدُمُ قَوْمَهُ يَوْمَ الْقِيَامَةِ فَأَوْرَ‌دَهُمُ النَّارَ‌ ۖ وَبِئْسَ الْوِرْ‌دُ الْمَوْرُ‌ودُ } ” (ފިރުޢައުނު) އާއި، އޭނާގެ ބޮޑުންގެ ގާތަށެވެ. ފަހެ، އެއުރެން ފިރުޢައުނުގެ އަމުރަށް ތަބާ ވޫއެވެ. ފިރުޢައުނުގެ އަމުރު ހެޔޮލަފާ އަމުރު އެއްކަމުގައި ނުވެތެވެ. *  ޤިޔާމަތް ދުވަހުން، އޭނާގެ ޤައުމުގެ މީހުންގެ ކުރީގައިހުރެ، އެއުރެން ނަރަކައަށް ގެންގޮސް ވައްދާނެތެވެ. (އެއުރެންނަށް) ވަދެވޭތަނުގެ ހުރި ނުބައިކަމާއެވެ! “(ހޫދް:97-98)

އަނިޔާވެރިވެރި ވެރިކަން ހިނގާ ތަންތަނުގައި ތިބޭ ޢާއްމު ރައްޔިތުންގެ ބޮލުގައި، އެ އަނިޔާވެރިކަމުގެ މަސްއޫލިއްޔަތު އެޅުވުނީ، ނުވަތަ މަސްއޫލިއްޔަތުގެ ބައެއް އެޅުވުނީ ކީއްވެހެއްޔެވެ! އޭގެ ސަބަބަކީ ފިރުޢައުނުންނާއި ޖައްބާރުން އުފައްދަނީ ރައްޔިތުންނެވެ. އެހެން ގޮތަކަށް ބުނާނަމަ އެމީހުންނަށް އެ ފުރުސަތު ދެނީ ރައްޔިތުންނެވެ. މިހެންވެ މީހުން  ބުނެއުޅޭ މިސާލު ބަހެއްގައި އޮންނަނީ: ފިރުޢައުނު ގާތުގައި އޭނާ ‘ފިރުޢައުނަކަށް’ ވީ ކިހިނެއްހޭ އެހުނީމާ ޖަވާބުގައި ފިރުޢައުނު ބުންޏެވެ: އަހަރެން ހުއްޓުވާނެ އެކަކުވެސް ނެތީމައެވެ!

އަނިޔާވެރި ވެރިންގެ ސިފައިންނަކީވެސް ކުށުގައި ބައިވެރިން:

އަނިޔާވެރި ވެރިންނާއެކު، އެކަމުގެ މަސްއޫލިއްޔަތު އެންމެ ބޮޑަށް އުފުލަންޖެހޭ ބަޔަކީ ވެރިމީހާ ވެރިކަން ދަމަހައްޓަން ގެންގުޅޭ މީހުންނެވެ. ޤުރުއާނުގައި މި މީހުންނަށް ދީފައިވާ ނަމަކީ، “ޖުނޫދު” އެވެ. މާނައަކީ ސިފައިންނެވެ. މީގެ މާނައަކީ ޢަސްކަރީ ބާރެވެ. ހުރިހާ އަނިޔާވެރިންވެސް އެމީހުންގެ ވެރިކަން ދަމަހައްޓަން، މީހުން ބިރުގަންނުވަން، ދެކޮޅަށް ތެދުވާމީހުން ބިމާ ހަމަކޮށްލަން ގެންގުޅޭ ލަޓިބުރިއަކީ ސިފައިންނެވެ. ޤުރުއާނުގައި، މާތް ﷲ ވަޙީކުރައްވާފައިވަނީ: {إِنَّ فِرْ‌عَوْنَ وَهَامَانَ وَجُنُودَهُمَا كَانُوا خَاطِئِينَ} “ހަމަކަށަވަރުން، فرعون އާއި، هامان އާއި، އެ ދެމީހުންގެ لشكر ވީ ކުށްވެރިން ކަމުގައެވެ. ” (ޤަޞަޞް:8)

{فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِي الْيَمِّ ۖ فَانظُرْ‌ كَيْفَ كَانَ عَاقِبَةُ الظَّالِمِينَ} ” ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ لشكر ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑު ލެއްވީމެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ” (ޤަޞަޞް:40)

އަނިޔާވެރި ވެރިންނާ ދެކޮޅަށް ސުންނަތުގައި ދީފައިވާ ހަމަލާ:

ޗާބޫކާއި ލަޓިބުރިން ތަޅައިގެން، ބަކައިރި އައިނެއްހެން  ރައްޔިތުން ގެންދާ، އެމީހުން ބަހެއް ބުނެފިއްޔާ އެބަހަކާ ދެކޮޅު ނުހެދޭ، އަނިޔާވެރި ވެރިންނާއި ޖައްބާރުންނާ ދެކޮޅަށް ސުންނަތުގައިވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ޕަރުވާނާތަކެއް އަލިފާންގަނޑަށް ވެއްޓޭހެން، ނަރަކައިގެ ތެރެއަށް ވެއްޓޭނެ ބަޔަކީ އަނިޔާވެރި ވެރިންކަމަށް ސުންނަތުގައި ވެއެވެ.

ހަމައެހެންމެ، އެމީހުންގެ ފަހަތުން ހިނގާ، އެމީހުންނަށް ބޮކަރު އަންދައިދޭ، އަނިޔާވެރި އެހީތެރިންނަކީވެސް އެމީހުންނާ އެއްފަދަ ބައެކެވެ.

އަދި ސުންނަތުގައި ވަނީ، އަނިޔާވެރިންދެކެ ބިރުން، އަނިޔާވެރިޔާއާ ދިމާއަށް އޭ އަނިޔާވެރިޔާއޭ! ބުނަން ޖެހިލުންވާ އުއްމަތްވެސް ކުށްވެރިކޮށްފައެވެ.

އަބޫމޫސާ އަރިހުން ރިވާވެފައިވެއެވެ: “ޖަހައްނަމުގައި ވާދީއެއް އޮވެއެވެ. އަދި އެވާދީގައި ހަބްހަބް އޭ ކިޔޭ ވަޅެއް ހުރެއެވެ. ގޮތްދޫނުކުރާ ކޮންމެ އަނިޔާވެރި ވެރިއެއްގެ ގޮވައްޗަކީ އެތަންކަމުގައި ލެއްވުމަކީ، މާތް ﷲ އެކަލާނގެ ޒާތުފުޅުގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަމެކެވެ.”

އަދި މުޢާވިޔަތުގެފާނު އަރިހުން ރިވާވެފައިވެއެވެ: “ތިމަންކަލޭގެފާނަށް ފަހު ވެރިންތަކެއް އަންނާނެއެވެ. އެމީހުން ބުނެފި ބަހަކާ ދެކޮޅެއް ނުހެދޭނެއެވެ. ރާމާމަކުނުތަކެއް ފުނިޖެހިގެން އުޅޭހެން، އެމީހުން ނަރަކައިގައި ފުނިޖެހިގެން އުޅޭނެއެވެ.”

ޢަބްދުﷲ ބިން ޢަމްރުގެ ކިބައިން ރިވާވެފައިވެއެވެ:  “ތިމަންކަލޭގެފާނުގެ އުއްމަތުގެ ބަޔަކުމީހުން އަނިޔާވެރިޔާއާ ދިމާއަށް، ކަލެއަކީ އަނިޔާވެރިއެކޭ ބުނަން، ބިރުގަނެ ޖެހިލުންވާނަމަ، ފަހެ އެމީހުން އެ ތިބީ ވަދާޢު ކީފައިވާ ބައެއްކަމުގައެވެ.”

ޝޫރާއާއި ނަސޭހަތާއި އަމުރާއި ނަހީ:

އިސްލާމީ ޙަޔާތް ހިންގުމުގެ ބޭނުންކުރަންޖެހޭ ޤަވާޢިދަކީ ޝޫރާ ކަމުގައި، އިސްލާމްދީނުގައި ވަނީ ކަނޑައަޅާފައެވެ. މިގޮތުން މަޝްވަރާކުރުމަކީ ވެރިމީހާގެ މައްޗަށް ދީން ވާޖިބުކޮށްފައިވާ ކަމެކެވެ. އަދި ނަޞޭޙަތްދިނުމަކީ އުއްމަތުގެ މައްޗަށް ވާޖިބުވެފައިވާ ކަމެކެވެ. ނަޞޭޙަތް ދިނުމަށް ދީނުގައި އަހައްމިއްޔަތުކަން ދީފައިވާ މިންވަރަކީ، މުޅި ދީނަކީވެސް ނަސޭހަތްދިނުންކަމުގައި ދުށުމެވެ. ނަޞޭޙަތް ދިނުމަކީ ކޮންބަޔަކު ކުރަންޖެހޭ ކަމެއްހެއްޔެވެ؟ އޭގެ ތެރޭގައި މުސްލިމުންގެ ވެރިންނާއި މުސްލިމުންގެ ޢާއްމުންވެސް ހިމެނެއެވެ.

( الدين النصيحة ، قلنا : لمن يا رسول الله ؟ قال : لله ، ولكتابه ، ولرسوله ، ولأئمة المسلمين وعامتهم )

ހަމަމިބީދައިން ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތަކުން ނަހީކުރުމަކީވެސް އުއްމަތުގެ މައްޗަށް ފަރުޟުވެގެންވާ ކަމެކެވެ. ކިއެއްތަ، އެންމެ ރަނގަޅު ޖިހާދުކަމުގައި ދީން ދެކެނީ، އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ބުނާ ޙައްޤު ބަހެވެ.

މީގެ މާނައަކީ ޤައުމުގެ އެތެރޭގައި އޮތް އަނިޔާވެރި ވެރިކަމާއި، ދާޚިލީ ފަސާއާ ދެކޮޅަށް ތެދުވެ، އެއާ ‘ހަނގުރާމަ’ ކުރުމަކީ، ބޭރުން އަންނަ ހަމަލާއަކާ ދެކޮޅަށް ތެދުވުމަށްވުރެ މާ މުހިއްމު ކަމެއްކަމެވެ. ސަބަބަކީ، ވަރަށް ގިނަފަހަރަށް ބޭރުން އަންނަ ޢުދުވާންތައް އަންނަނީ އެތެރޭގެ އަނިޔާވެރިކަމުގެ ސަބަބުން އުއްމަތް ބައިބައިވެފައި އޮތުމުންނެވެ.

އިސްލާމްދީނުގެ ނަޒަރުގައި ވެރިމީހާ:

އިސްލާމްދިން ދެކޭގޮތުގައި ވެރިމީހާއަކީ އުއްމަތުގެ ފަރާތުން ހުންނަ ވަކީލެކެވެ. ނުވަތަ އަޖީރެކެވެ. ވަކީލުކަން ހަވާލުކުރާ މީހާއަށް، އޭނާ ބޭނުމިއްޔާ، ބޭނުން އިރަކު، ވަކިން ޚާއްޞަކޮށް ވަކީލުގެ މަސްއޫލިއްޔަތު ނުއުފުލޭނަމަ ނުވަތަ ފަރުވާކުޑަކޮށްފިނަމަ ނުވަތަ ނުބައި މަގަކުން ގޮސްފިނަމަ، ވަކީލު ވަކިކުރެވިދާނެއެވެ. އޭނާއާ ސުވާލުކުރެވިދާނެއެވެ.

އިސްލާމްދީނުގައި ވެރިމީހާއަކީ މަޢްޞޫމުވެގެންވާ މީހެއް ނޫނެވެ. ކިއެއްތަ އިސްލާމްދީން ދެކެނީ، އޭނާއަކީ ރަނގަޅަށް ކަންތައް ކުރާ އަދި ބައެއްފަހަރު ނުބައިކޮށްވެސް ކަންތައް ކުރެވިދާނެ އިންސާނެކެވެ. ޢަދުލުވެރިވެ އަދި އަނިޔާވެރިވެސް ވެދާނެ މީހެކެވެ. ވީމާ އޭނާ ނުބައިކޮށް ކަމެއް ކޮށްފިއްޔާ ރަނގަޅު ކުރުވުމަކީ، އަދި ކަތިމަގަކުން ހިނގައިގެން ފިއްޔާ ހަމަމަގަށް އެޅުވުމަކީ، ޢާއްމު މުސްލިމުންގެ ވާޖިބެކެވެ.

ކީރިތި ރަސޫލު –ޞައްލަﷲ ޢަލައި ވަސައްލަމަ- އަށް ފަހު ތިއްބެވި އެންމެ މާތް މުސްލިމް ވެރިން އިޢްލާންކުރައްވާފައި ވަނީ މި ހަމައެވެ. އާދެ! އެބޭކަލުންނަށް ތަބާވުން އަހަރެމެންގެ މައްޗަށް އަމުރުވެވިގެންވާ، ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިން ވިދާޅުވެފައި ވަނީ މި ވާހަކައެވެ.

ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ވިދާޅުވީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިއަކަށް އަހަރެން ހަމަޖެއްސިއްޖެއެވެ. ނަމަވެސް އަހަރެންނަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އެކަމަށް ރަނގަޅު މީހާއެއް ނޫނެވެ! ފަހެ އަހަރެން ހުރީ ޙައްޤު ގޮތުގައި ކަމަށް ތިޔަބައިމީހުންނަށް ފެނިއްޖެއްޔާ، އަހަރެންނަށް އެހީތެރިވާށެވެ. އަދި އަހަރެން ހުރީ ބާޠިލު ގޮތުގައި ކަމަށް ތިޔަބައިމީހުންނަށް ފެނިއްޖެއްޔާ، އަހަރެން ސީދާކުރުވާށެވެ. ތިޔަބައިމީހުންނާ މެދު އަހަރެން ﷲ އަށް ކިޔަމަންގަންނަހާ ހިނދަކު އަހަރެންނަށް ކިޔަމަންވާށެވެ. ނަމަވެސް އަހަރެން އެކަލާނގެއަށް އުރެދިއްޖެނަމަ، ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންވާންނުޖެހެއެވެ.”

ދެވަނަ ޚަލީފާ ޢުމަރުލް ފާރޫޤު ވިދާޅުވީ: “އަހަރެންގެ ނަފްސުގައިވާ އުނިކަންތައް އަހަރެންނަށް ދައްކައިފި މީހަކަށް ﷲ ރަޙްމަތްލައްވާށިއެވެ!”

އަދިވެސް ވިދާޅުވީ: “އޭ މީސްތަކުންނޭވެ! އަހަރެންގެ ކިބައިގައި ކަތިކަމެއް ހުރިތަން ފެނިއްޖެމީހަކު އެކަން ތެދުކުރާށެވެ!” އެހެން ވިދާޅުވީމާ އަޑުއަހަން ހުރި މީހަކު ތެދުވެ ދެންނެވީ: “ގަންދީ ބުނަމެވެ! ޚައްޠާބުގެ ދަރިޔާއެވެ! ކަލޭގެ ކިބައިގައި ކަތިކަމެއް ފެނިއްޖެއްޔާ އަހަރެމެން އެކަން ސީދާކުރާނީ ކަނޑިންނެވެ!”

އަދި ޢުމަރުގެފާނު މިންބަރުފުޅުގައި ހުންނަވަނިކޮށް، އާދައިގެ އަންހެނަކު އައިސް ޢުމަރުގެފާނަށް ރައްދުދެއްވާފައިވެސް އެބަހުއްޓެވެ. ނަމަވެސް ޢުމަރުގެފާނަށް އެއީ މާކަ ބޮޑުކަމަކަށް ނުވެ، ވިދާޅުވީ: “އަންހެނަކު ބުނީ ރަނގަޅަށެވެ. ޢުމަރު ބުނީ ނުބައިކޮށެވެ!”

މިއީ ކަވާސާއިން ނަކަލުކޮށްފައިވާ ލިޔުމެކެވެ.