މުސްލިމުން ނަމާދަށް ކުރިމަތިލާން ޖެހޭ ޤިބްލަަކީ މައްކާގައި ހުންނަ މަސްޖިދުލް ޙަރާމްއެވެ. ނަމަވެސް ތުރުކީގެ މިސްކިތެއްގައި 37 އަހަރުވަންދެން ނަމާދު ކުރަމުންދިޔައީ ނުބައި ދިމާޔަކަށް ކަމަށް އެ މިސްކިތުގެ އާ އިމާމް ބުނެފައިވާ ކަމަށް ތުރުކީގެ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

ތުރުކީގެ ސާގަލްގައި ހުންނަ މިސްކިތެއްގައި މިހާރު މީހުން ނަމާދު ކުރަމުން އަންނަތާ 37 އަހަރުވެފައިވާއިރު، މިމިސްކިތް ހުރީ ޤިބްލައާ 33 ޑިގްރީއަށްވުރެ ބޮޑުތަން ކަނާތަށް ކަމަށް ބޭރުގެ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މިމިސްކިތުގެ އިމާމް ބުނެފައިވަނީ 1981 ވަނަ އަހަރު މިމިސްކިތް އިމާރާތް ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މިސްކިތް ބިނާކޮށްފައިވަނީ ޤިބްލައަށް ނޫންކަން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބުނި ކަމަށެވެ. ނަމަވެސް މިސްކިތް އިމާރާތްކޮށްފައިވަނީ ބޮޑު ޚަރަދެއް ކޮށްފައި ކަމުން މިސްކިތް ތަޅާ ނުލާ، މިސްކިތުގެ ކާޕެޓްގައި ފާހަގަ ޖަހައިގެން ނަމާދު ކުރަމުން އައި ކަމަށެވެ. އަދި މީގެ ފަހުން އެ ފާހަގަ ތަކަށް ބެލުމެއް ނެތި ޤިބްލައާ ނޫން އެހެން ފަރާތަކަށް މިމިސްކިތުގައި ނަމާދު ކުރަމުން އަންނަ ކަމަށް އިމާމް ބުނެފައިވެއެވެ.

މިކަމާ ބެހޭ ގޮތުން ތުރުކީގެ އިސްލާމީ ކަންތައްތަކާ ބެހޭ މަޖިލީހުން މިހާތަނަށް ބަހެއް ހާމަކޮށްފައިއެއް ނުވެއެވެ.