ޔޫޓިއުބްއަކީ ގިނަ ދިވެހިންގެ ތެރޭގައި މަޤްބޫލުކަން ވަރަށް ކުރީއްސުރެ ހޯދާފައިވާ އެއް މީސްމީޑިއާއެވެ. ވީޑިއޯ ބަލާލުމަށް މަރެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ ޔޫޓިއުބްގައި ދިވެހިންގެ އަމިއްލަ ދިވެހި ޗެނަލްތައް އުފައްދާ ވީޑިއޯތައް ދައުރު ކުރަން ފެށިތާ މިހާރު ލައްކަ ދުވަސް ވެއްޖެއެވެ. “ފަޓާސް ޓީވީ” އަކީ މީގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ގިނަ ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ޔޫޓިއުބް ޗެނަލްއެކެވެ.

2009 ވަނަ އަހަރު މާރިޗް މަހު 17 ވަނަ ދުވަހު ބިސްމިނުގެ ބަރަކާތާއިއެކު މި ޗެނަލްގެ ފުރަތަމަ ވީޑިއޯ އަޕްލޯޑްކޮށްފައިވާއިރު، މިހާތަނަށް މިޗެނަލްއަށް 2,400 އަށްވުރެ ގިނަ ވީޑިއޯ ވަނީ އަޕްލޯޑްކޮށްފައެވެ. “ފަޓާސްޓީވީ” ހިންގާ ޓީމްގެ މެންބަރަކު މިކަން ސިފަ ކުރަމުން ބުނެފައިވަނީ މިއީ ރާއްޖޭގެ ހިނގާ މުހިންމު ކަންކަން އާކައިވްކޮށް ދެމިގެންދާނެ ފަދަ ގޮތަކަށް ރައްކާތެރި ކުރުމަށް ފެށި މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ.

 

ސަޔާސީ، އިޖްތިމާޢީ، މުނިފޫހި ފިލުވުން މިހެން ގޮސް ކޮންމެ ދާއިރާއަކުންވެސް ގިނަ ވީޑއޯތަކެއް ފާޓާސްޓީވީ ޗެނަލް މެދުވެރިކޮށް ބަލާލެވޭއިރު، މިއީ ހިލޭ ލަވަ ފަދަ ތަކެތި ބަލާލުމަށް އޮތް ރަނުގެ ފުރުސަތެކެވެ. ހުކުރު ޚުތުބާތަކުން ފެށިގެން ނިއުސްކޮންފަރެންސްތަކަށް ދާންނދެން މިޗެނަލްގައި ހުރިއިރު، ދިވެހިންގެ މެދުގައި މަޤްބޫލުވި ދިޓީވީގެ ހުކުރު ދުވަހުގެ ޚާއްސަ ރިޕޯޓް ފަދަ ރިޕޯޓް ތައް ބަލާލަން ބޭނުންވާ މީހުންނަށް ފަޓާސްޓީވީ ވަރެއް ހަމަނެތެވެ.

މިހާތަނަށް 13،000 އަށްވުރެ ގިނަ މީހުންވަނީ ފަޓާސްޓީވީގެ ޗެނަލްއަށް ސަބްސްކްރައިބްކޮށްފައެވެ. އަދި ފަޓާސްޓީވީގެ އެންމެ ގިނަ މީހުން ބަލާފައިވާ ވީޑިއޯއަށްވަނީ 7 ލައްކަ އަށްވުރެ ގިނަ ހިޓްސް ލިބިފައެވެ.

ފަޓާސް ޓީވީގައި އެވަނީ ދިވެހި ތާރީޚުން ބައެއް ރައްކާކުރެވިފައެވެ. ޑިޖިޓަލް ޒަމާނެއްގައި މިއީ މުހިންމު ކަމެކެވެ. މިކަމުގައު ގިނަ ބައެއްގެ ޚިޔާލުވެސް ހުރީ ހަމަ މިހެންނެވެ. ފަޓާސް ޓީވީގެ ފަހުގެ ވީޑިއޯ އަޕްޑޭޓް ހޯދުމަށް ފަޓާސްޓީވީގެ ފޭސްބުކް ޕޭޖް އަދި ޓެލެގްރާމް ޗެނަލް ފޮލޯ ކުރައްވާށެވެ.