އަލްޒައިމާ ބަލި ޖެހިފައި ހުރި މީހަކު ބޭނުންކޮށްގެން ނުވާނެ ބޭހެއް ވޭތަ؟

އަލްޒައިމާ ބަލީގެ އަހުލު ވެރިއަކު ނަމަ ބަލީގެ އުދަގޫތަކާއި، އަދި އެހެނިހެން ޞިއްޙީ މައްސަލަތަކަށް ބައެއް ބޭސްތައް ނެގިދާނެ އެވެ. ނަމަވެސް މާގިނަ ބޭސްތައް އެއްފަހަރާ ބޭނުން ކުރުމަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް ނުރަގަޅު އަސަރެއް ފޯރައިފާނެ ކަމެއްކަން ހަދާންކުރަން ޖެހެއެވެ. މިގޮތުން ކަންކަމާއި މެދު ޚިޔާލު ތަފާތުވެ، ގޮތެއް ކަނޑައަޅަން ނޭގުން، މީހާގެ ސްލޫކާއި، މިޒާޖަށް ބަދަލު އައުން، ނިދިނައުން، މާބޮޑަށް ނިދި އަންނަގޮތްވުން، އަދި މަޢިދާގެ މައްސަލަތައް ކުރިމަތި ކުރުވައެވެ.

ބައެއް ފަހަރު އަލްޒައިމާ ބައްޔާއި ގުޅިގެން ކުރިމަތިވާ ނުރައްކާތެރި އުދަގޫތަކަށް ފަރުވާގެ ގޮތުން ބޭހެއް ބޭނުންކުރަން ޖެހުމަކީ ވެސް ވެދާނެގޮތެކެވެ. ނަމަވެސް މިގޮތުން ވަކި އަލާމާތެއް ނުވަތަ އުދަގުލެއް ކުޑަކުރުމަށް ބޭނުންކުރެވޭ ވަކި ބޭހެއްގެ ސަބަބުން އެހެން އުދަގޫތައް އިތުރުވެ، ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. މިސާލަކަށް ތިރީގައި މިވާ ކަންތައްތައް ބަލަމާހިގާށެވެ.

– ޓްރަންކްއަލައިޒަރ ފަދަ ބޭސްތަކުގެ ސަބަބުން ކަންކަމާއި ޚިޔާލު ތަފާތުވެ، ގޮތެއް ކަނޑައަޅަން ނޭގުން، ހަދާނަށް ބަދަލު ގެނުވުން، ފަދަ ކަންތައްތައް މެދުވެރިކުރުވައެވެ.

– ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ލޭގެ ޕްރެޝަރ ދަށްވާގޮތް ވެއެވެ. އަދި ބައެއް ބޭސްތައް އަލްޒައިމާ ބައްޔާއި ގުޅިގެން ދެވޭ ބޭސްތަކާއި، ދޯޅުވެ، މައްސަލަ ފެންމަތިކުރުވައެވެ.

ބޭހެއް ބޭނުންކުރުމުގެ ކުރިން އެބޭހުގެ ފައިދާއާއި، ގެއްލުމާއި ބެހޭގޮތުން ކަމުގެ ޚާއްޞަ ޑޮކްޓަރާއި، ވާހަކަ ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ.
2- އަލްޒައިމާ ބަލީގެ އަހުލުވެރިއަކަށް ކާންދީ ހެދުމުގައި އުދަގުލާއި ކުރިމަތިވޭތަ؟
ހަށިގަނޑަށް ފައިދާހުރި ކާނާ އަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ވަރަށް މުހިއްމު އެއްޗެކެވެ. ރަގަޅު ކާނާ ބޭނުން ނުކުރާނަމަ އަލްޒައިމާ ބައްޔާއި ގުޅިގެން ކުރިމަތިވާ ބައެއް އުދަގޫތައް އިތުރަށް ގޯސްވެގެން ދިއުމަކީ ވެދާނެ ގޮތެކެވެ. މިގޮތުން އަލްޒައިމާ ބަލީގެ އަހުލުވެރިއަކަށް ކާންދީ ހެދުމުގައި އަންނަނިވި ކަންތައްތަކަށް ސަމާލުވާށެވެ.

– ޑޮކްޓަރާއި ވާހަކަ ދައްކާށެވެ. ބައެއް ފަހަރު ކާހިތްނުވުން ކުރިމަތިކުރުވީ ހާސްވެ ކަންބޮޑުވުން ފަދަ ކަމެއް ބަލިމީހާއަށް ކުރިމަތިވެފައި ވުންކަމަށް ވެދާނެ އެވެ.

– ކެއުމަށް އަމުރު ނުކުރާށެވެ. ނުވަތަ ގަދަކަމުން ކާންދޭން ނޫޅޭށެވެ. އޭގެ ބަދަލުގައި ކެއުމަށް ހިތްވަރު ދޭށެވެ. އަދި ނުކާން އުޅެނީ ކީއްވެގެންތޯ ދެނެގަނެވޭތޯ ބަލާށެވެ. މިސާލަކަށް ކާންހުރި ރަގަޅު ނޫންކަމުގައި ވާނަމަ އެހެން އެއްޗެއް ތައްޔާރުކޮށްދެވިދާނެ އެވެ.

– ހަށިގަނޑަށް މާބޮޑު ފައިދާއެއް ލިއްބައިނުދޭ ބުއިންތަކާއި ދުރުހެލިވާށެވެ. މިސާލަކަށް ކަޅުސައި، އަދި ކަޅު ކޮފީ ފަދަ ބުއިންތައް ނުދޭށެވެ.

– ފޮނި ހަކުރު އެކުލެވޭ ކާނާގެ ބާވަތްތަކަށްވުރެ ޕްރޮޓީން އަދި ފެޓް ގިނައިން ހިމެނޭ ކާނާގެ ބާވަތްތައް ދިނުމަށް ސަމާލުކަން ދޭށެވެ.

– އެއްފަހަރާ މާގިނައިން ކާންދޭން ނޫޅޭށެވެ. އޭގެ ބަދަލުގައި މަދުމަދުން ގިނަ ފަހަރު މަތިން ކާންދެވިދާނެއެވެ.

– ކުޑަކޮށް ހިގާލުން، ނުވަތަ ލުއި ކަސްރަތެއް ކޮށްލުން ފަދަ ކަމެއްކުރުމަށް ހިތްވަރުދޭށެވެ. މިފަދަ ކަންކަމަކީ ކާހިތްވުން މެދުވެރިވުމަށް ބާރުއަޅައިދޭ ކަންކަމެވެ.

– ފަސޭހައިން ހަޖަމްކުރެވޭ، އަދި ކެވިދާނެ ކާނާގެ ބާވަތްތައް އިޚްތިޔާރު ކުރާށެވެ. އަދި ކެވޭނެ ގޮތަށް ތައްޔާރު ކޮށްފައި ކެއުމަށް ބަލިމީހާގެ ކިބައިން އެދޭށެވެ.

– އިހްތިރާމާއި އެކު ކަންތައްތައް ކޮށްދޭށެވެ. ކުޑަކުއްޖަކަށް ކަންތައްކުރާގޮތަށް ބޮޑުމީހާ އާއި މެދު ކަންތައް ނުކުރާށެވެ. ނުކެއި ނަމަވެސް އޭގެ އަދަބެއްގެ ގޮތުން އެއްވެސް ކަމެއް ނުކުރާށެވެ.

3- އަލްޒައިމާ ބަލީގެ ސަބަބުން ޖިންސީ ގުޅުމަށް އަސަރު ކުރޭތަ؟

އަލްޒައިމާ ބައްޔާއި ގުޅިގެން ޖިންސީ އެދުންވެރިކަމަށް އަންނަ ބަދަލު ހޯދައި ދެނެގަތުމަށް މާބޮޑު ދިރާސާއެއް އަދި ކުރެވިފައެއް ނެތެވެ. ނަމަވެސް ބަލީގެ ވަރަށް ގިނަ އަހުލުވެރިންނަށް ހާސްވެ ކަންބޮޑުވުން ފަދަ ކަންކަން މެދުވެރިކުރުވައެވެ. މިފަދަ ކަންކަމަކީ ޖިންސީ އެދުންވެރިކަމާއި، ގުޅޭ މައްސަލަތައް މެދުވެރިކުރުވާ ކަންތައްތަކެވެ. މިފަދަ ކަމެއް ހުރިނަމަ އަންނަނިވި ކަންތައްތައް ޙައްލަކަށް ފުދޭނެ އެވެ.

– ޑޮކްޓަރާއި މަޝްވަރާކޮށް ހާސްވެ ކަންބޮޑުވުން ފަދަ ކަމެއް ނުވަތަ އުޅުމާއި، ސްލޫކް އަދި މިޒާޖަށް ބަދަލު އައުން ފަދަ ކަމެއް ހުރިތޯ ޔަގީން ކުރާށެވެ. މިކަންކަމަކީ ޖިންސީ އެދުންވެރިކަން ކުޑަކުރުމަށް މެދުވެރި ކުރުވާ ކަންތައްތަކެވެ.

– އެއްވެސް ޞިއްޙީ މައްސަލައެއް ހުރިނަމަ އެކަމަށް ފަރުވާ ކުރާށެވެ. މިސާލަކަށް ހުޅުތަކުގައި ރިހުން ފަދަ ބައްޔެއް ހުރިނަމަ ލަސްނުކޮށް އެކަމަށް ބޭނުންވާ ފަރުވާ ދޭށެވެ.

– ޑޮކްޓަރާއި ވާހަކަ ދައްކައިގެން ބައްޔާއި ގުޅިގެން ދީފައި ހުރި އެއްވެސް ބޭހަކުން ޖިންސީ އެދުންވެރިކަން ކުޑަވުން ފަދަކަމެއް މެދުވެރިވެދާނެތޯ ޔަގީން ކުރާށެވެ.

4- އަލްޒައިމާ ބަލިން ރައްކާތެރިވުމަށް ދެވޭ ވެކްސިނެއް ވޭތަ؟

އަލްޒައިމާ ބަލިން ރައްކާތެރިވުމަށް ދެވޭ ވެކްސިނެއް އަދި އުފެދިފައެއް ނުވެއެވެ. ނަމަވެސް މިފަހަކަށް އައިސް ވަނީ ވެކްސިން އެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. މިވެކްސިންގެ ތަޖުރިބާކުރުމުގެ މަރުހަލާގައި އޭގެ ސަބަބުން ގިނަ އަދަދެއްގެ ނުރަގަޅު އަސަރު ކުރިމަތިކުރުވާ ކަމަށް ފެންނާތީ އިތުރު ދިރާސާތައް ކުރުމަށްޓަކައި، ތަޖުރިބާކުރުން ހުއްޓާލެވުނެވެ. އިތުރު ދިރާސާތައް މިހާރުވެސް ދަނީ ހެދެމުންނެވެ. ވެކްސިނެއް ހެދުމަށް ވެސް އުދަގޫ ވެގެން އުޅެނީ ބަލި ސަބަބު ކަނޑައެޅިގެން އަދި ހޯދިފައި ނުވާތީ އެވެ.

5- ކަސްރަތު ކުރުމަކީ އަލްޒައިމާ ބަލީގެ އަހުލުވެރިންނަށް އެދެވިގެންވާ ކަމެއްތަ؟

މިބަލީގެ އަހުލުވެރިންނަށް ކަސްރަތު ކުރުމަކީ ވަރަށް ފައިދާހުރި ކަމެއްކަމުގައި ވެއެވެ. މިގޮތުން ކަސްރަތު ކުރުމަކީ ހަށިގަނޑަށް ބާރުލިބި، ތާޒާކަން ގެނެސްދީ ހިތަށް ފިނިކަން ގެނެސްދޭ ކަމެކެވެ. ހަމަމިހެން ހަކަތަ އިތުރު ކުރުވައި، ފަސޭހައިން ނިދުމަށް އެހީތެރިވެދެއެވެ. ހަށިގަނޑުގެ ހަމަހިފެހެއްޓުމަށް އެހީތެރިވުމުގެ އިތުރުން، ސިކުނޑީގެ މަސައްކަތްތައް ބަރާބަރަށް ހިންގުމަށް ވެސް އެހީއަކަށް ކަސްރަތުކުރުން ވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ހަމަ ނުހިފެހެއްޓިގެން ވެއްޓުން ފަދަ ކަންތައްތަކުން މިންޖުކޮށްދެއެވެ.

ކުރެވިދާނެ ކަސްރަތުގެ ބާވަތާއި، އޭގެ މިންވަރު ބިނާވެފައި އޮންނަނީ ބަލީގެ އުދަގޫތައް ކުރިމަތިވެފައި ހުރި މިންވަރެއްގެ މައްޗަށެވެ. ބަލީގެ ކުރީކޮޅު ހިގާލުން، ގޮލްފް ކުޅުން، ނެށުން، ބޮވްލިންގ ކުޅުން، ފެތުން ފަދަ ކަސްރަތުތައް ކުރެވިދާނެ އެވެ. ނަމަވެސް ބަލިމީހާ ފެންނަ ހިސާބުގައި އޭނާ އުޅޭނޫޅޭގޮތް ބަލަން މީހަކު ހުންނަން ޖެހޭނެ އެވެ.

އެއްވެސް ކަހަލަ ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންދަން ފަށާނަމަ އެކަން ފެށުމުގެ ކުރިން ޚާއްޞަ ޑޮކްޓަރާއި، މަޝްވަރާކުރުމަކީ މުހިއްމު ކަމެކެވެ. އެއީ ފަހަރުގައި ކަށީގެ ބައްޔެއް، ނުވަތަ ހިތުގެ ބައްޔެއް ސަބަބުން މާބޮޑަށް ހެލިފެލިވެ އުޅުން އެދެވިގެންވާ ކަމަކަށް ނުވެހިގައިދާނެތީ އެވެ.

6- ޖިންކޯ ބައިލޯބާ އަކީ އަލްޒައިމާ ބައްޔަށް ފަރުވާގެ ގޮތުގައި ދެވޭ އެއްޗެއްތަ؟

ޖިންކޯ ބައިލޯބާ( Gingko biloba) އަކީ ޖިންކޯ ގަހުން އުފައްދާ ދިޔާ އެއްޗެއް ނުވަތަ މާއްދާ އެކެވެ. މިމާއްދާ އަކީ ހަދާނުގެ ބައި ހީވާގިކުރާ އެއްޗެއް ކަމުގައި ދުވަސްތަކެއް ވަންދެން ބެލެވިފައިވެއެވެ. 1997 ވަނަ އަހަރު އެމެރިކާގެ ހެދުނު ދިރާސާއެއްގައި ބުނެފައިވަނީ ޖިންކޯ ބައިލޯބާ އިން ފަހަރުގައި އަލްޒައިމާގެ އުދަގޫތައް ކުޑަކުރުމުގައި އެހީތެރިކަމެއް ލިބިދާނެ ކަމަށެވެ. ނަމަވެސް މިމާއްދާ ކަނޑައެޅިގެން އަލްޒައިމާ ބަލި ރަގަޅު ކުރުވާކަން ނުވަތަ އެބަލިން ރައްކާތެރިކޮށްދޭކަން އަދި ހޯދިފައެއް ނުވެއެވެ. ޖިންކޯ ބައިލޯބާ މާގިނައިން ބޭނުންކުރުމަކީ ލޭހިލުން ފަދަ ނުރައްކާތެރި ނުރަގަޅު އަސަރު މެދުވެރި ކުރުވާ ކަމެއް ކަމަށްވަނީ ފާހަގަ ވެފައެވެ.

އެމެރިކާގެ ”ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު” އިން މިހާރު ވެސް ދަނީ ޖިންކޯ ބައިލޯބާ އިން އަލްޒައިމާ ބައްޔަށް ފަރުވާ ކުރެވިދާނެތޯ ބެލުމަށް އިތުރު ދިރާސާތައް ކުރަމުންނެވެ. ނަމަވެސް އަދި އަދާއި، ހަމައަށް ވެސް އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

7- އަލްޒައިމާ ބައްޔަށް ފަރުވާކުރުމަށް ހޯރމޯން ޓެސްޓް ކުރެވެމުންދޭތަ؟

އިއްދައިން ކެނޑުމަށްފަހު ދެވޭ އެސްޓްރޯޖެން ހޯރމޯންގެ ފަރުވާ އިން އަލްޒައިމާ ބައްޔަށް އެއްވެސް ކަހަލަ މަންފާ ކުރުވަނިވި، ނުވަތަ އަލްޒައިމާ ބަލިން ރައްކާތެރި ކުރުވަނިވި އަސަރެއް ފެނޭތޯ ދަނީ ދިރާސާ ކުރެވެމުންނެވެ.

ކުރިން ހެދިފައިވާ ބައެއް ދިރާސާތައް ދައްކާގޮތުގައި އިއްދައިން ކެނޑުމަށް ފަހު އެސްޓްރޯޖެން ހޯރމޯންގެ ފަރުވާ ލިބިގަންނަމުންދާ އަންހެނުންގެ ސިކުނޑީގައިވާ ހަދާނުގެ ބައި ހިމެނޭ ހިސާބަށް ލޭފޯރުވުން ހޯރމޯންގެ ފަރުވާ ލިބިނުގަންނަ އަންހެނުންގެ ސިކުނޑީގައިވާ އެހިސާބަށް ލޭފޯރާ މިންވަރަށްވުރެ އިތުރެވެ. ހަމަމިހެން ދިރާސާއަކުން ފާހަގަވި ގޮތުގައި އެސްޓްރޯޖެން ހޯރމޯންގެ ސަބަބުން އަލްޒައިމާ ބައްޔާއި ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް ކުޑަކުރުމަކީ ވެދާނެ ކަމެކެވެ. އެހެން ދިރާސާއަކުން ދައްކައިފައި ވަނީ މިބަދަލުތައް ކުޑަނުކުރާ ކަމަށެވެ.

ބަޔާންކުރެވުނު ކަންތައްތައް ދެންނެވުނު ގޮތަށް ހުރުމާއެކު، އެސްޓްރޯޖަން އާއި، ސިކުނޑި އަށް ކުރާ އަސަރު އަދި އަލްޒައިމާ ބައްޔާއި، ހުރި ގުޅުން އިތުރަށްވަނީ ދިރާސާ ކުރަން ޖެހިފައެވެ. އެހެންކަމުން އަލްޒައިމާ ބައްޔަށް އެސްޓްރޯޖެން ހޯރމޯން އިން އެކަށޭނަ ލުޔެއް ލިބިދާނެތޯ ބެލުމަށް މިހާރުވެސް ދަނީ ދިރާސާ ކުރެވެމުންނެވެ.

ނޯޓް: އެސްޓްރޯޖެން ހޯރމޯންގެ ފަރުވާ ލިބިގަތުމަކީ ރަހިމުގައި ލޭހިލުން މެދުވެރިކުރުވާ ކަމެކެވެ. އަދި ދިގުމުއްދަތަކަށް ބޭނުންކުރުމަކީ އުރަމަތީގެ ކެންސަރަށް މަގުފަހިކުރާ ކަމަކަށް ވުމާއި އެކު، އާންމުގޮތެއްގައި އަލްޒައިމާ ބަލީގެ އަހުލުވެރިންނަށް މިހޯރމޯންގެ ފަރުވާދީއެއް ނޫޅެއެވެ.


މިއީޑރ. ޢަބްދުލް ޢަޒީޒު ޙަމީދު  ހަވާސާގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.