ފުރާވަރަށް އަރައިގެން އައި އިރު ހުރީ އެންމެ ލޫޅާފަތި ހަށިގަނޑެކެވެ. އެ ރީތި ކަމުގައި ޖެހުނު ފިރިހެނަކާ ދިމާއަށް ދެވި ކައިވެންޏާ ހަމައަށްގޮސް ދަރިއަކު ވެސް ހޯދީ އެވެ. ބަލިވެ އިނުމާއެކު ހަށިގަނޑަށް ބަދަލު އައިސް ކުރިން ހުރި ހަށިގަނޑު “ފީފާ ބުރިއަކަށް” ބަދަލުކޮށްލީ އެވެ.

މި ގޮތް ދިމާވި އަންހެން ކުއްޖަކު ބުންޏެވެ: “ނޭނގެ ދެން ހިކޭނެ ކަމެއްވެސް، ފިރިމީހާވެސް ފޫހިވެއްޖެހެން ހީވަނީ، ހިކެވޭނީ އަދި ހާދަ ދުވަހަކުންނޭ، ދަރިފުޅަށް ކިރިޔާ މަހެއްވީ، ކުރީގެ ފޮޓޯއެއް ފެނުނީމ ވަރަށް ދެރަވޭ”

މިއީ ވަރަށް ގިނަ މީހުން ގަބޫލުކުރާ ގޮތެކެވެ. ހިކެން ހާއްސަ ޑައިޓެއް ބޭނުންވެ އެވެ. ބަލިވެ އިނދެ ވިހެއުމުން ހަށިގަނޑަށް ބަދަލު އައިސް ފަލަ ވުމުން ބަރުދަން ލުއިކޮށްލާ ކުރީގެ ބަރުދަނަށް ބަދަލުވާން އެއްވެސް ޑައިޓެއް ބޭނުމެއް ނުވެ އެވެ. ދާހިއްލާ ފޯވެގެން ކަސްރަތުތަކެއް ކުރާކަށް ވެސް ނުޖެހެ އެވެ.

އެންމެ ފުރަތަމަވެސް އެއްކޮށްފައި ތިހުރި ލުއި ކާނާ ޕެކެޓުތައް އުކާލާށެވެ. ސްޓެރެސްވީމަ ހަމަޖެހިލަން ވެސް އެ ކާނެ ކަމެއް ނެތެވެ. އޭގެ ބަދަލުގައި މޭވާ އާއި ތަރުކާރީން ފްރިޖު ފުރާލާށެވެ. އަދި ވީހާވެސް ގިނައިން މޭވާ އާއި ތަރުކާރީ ބޭނުން ކުރާށެވެ. ސިއްހީ މާހިރުން ލަފާ ދެއްވަނީ އެ ގޮތަށެވެ.

އަނެއްކޮޅުން ގާތުންދޭ ދުވަސްވަރަށް ވުމުން ވީހާވެސް ގިނައިން ނިއުޓްރިއަންޓްސް ހިމެނޭ ކާނާ ކެއުމުގައި ބޭނުން ކުރުމަކީ ދަރިފުޅުގެ ސިއްހަތަށް ފައިދާކޮށް ދުޅަހެޔޮ ކޮށްދޭނެ ކަމެކެވެ. އަދި މީގެ އިތުރުން ގިނަ ވަގުތުތަކެއް ވަންދެން ބަނޑުހައި ނުވެ ހިފާއްޓާލަ އެވެ. ފެޓް ހިމެނޭ ކާނާ އާ ވީހާވެސް ބޮޑަށް ދުރުވާން ވާނެ އެވެ.

ގާތުން ދިނުމަކީ ދަރިފުޅުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދީ އެސްމާ އަދި އެލާޖިކްތަކުން ދުރުކޮށްދޭ ކަމެކެވެ. އަދި ދަރިފުޅުގެ ފުއްޕާމޭގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއްވެސް މެ އެވެ. މީގެ އިތުރުން ގާތުންދޭއިރު ހަށިގަނޑޫން 300-500 ކެލޮރީސް ފެޓް ވިރުވާލާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ގިނައިން ފެން ބޯން ޖެހޭނެ
މި ދުވަސްވަރު ވީހާވެސް ގިނައިން ފެން ބޯން ޖެހޭނެ އެވެ. ހަށިގަނޑު ޑީހައިޑްރޭޓް ވިޔަ ނުދޭން ސަމާލުކަން ދޭންވާނެ އެވެ. ގިނައިން ފެން ބުއިމަކީ ހަށިގަނޑު ސާފުކޮށްދީ ފެޓުތައް އަދި ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލާ ދުޅަހެޔޮކަން އިތުރުކޮށްދީ ބަރުދަން ލުއި ކޮށްދޭނެ އެވެ. ފެނުގެ އިތުރަށް ތާޒާ މޭވާގެ ޖޫސް ވެސް ބޭނުން ކުރެވިދާނެ އެވެ.

މިހާރު ހަމައަށ ނިިދިވެސް ނުލިބޭ ނޫން ހެއްޔެވެ؟ އެހެންވީމަ ދުވާލުގެ ވަގުތުގައި ކުޑަ ވަގުތުކޮޅަކަށް ނިދާލަން ވާނެ އެވެ. އެހެން ނޫނީ ސްޓްރެސް ހޯމޯން އުފެދޭ މިންވަރު އެތައް ގުނައަކަށް އިތުރުވެގެން ގޮސް ކޮންޓްރޯލް ކުރަން އުނދަގޫ ހިސާބަށް ހިނގައިދާނެ އެވެ. ސްޓްރެސް ހޯމޯން އަކީ ވަރަށް އަަވަހަށް ހަށިގަނޑުގެ ބަރުދަން އިތުރު ކޮށްލާނެ އެއްޗެކެވެ. އަދި މިއީ ދަންވަރަށް ކާ ހިތް ޖައްސާނެ ހޯމޯންތަކެއް ކަމަށްވެސް ވެއެވެ.

ތިހެން އުޅެލާފައި ރައްޓެހިން ނުވަތަ އާއިލާ އާއެކު ބޭރަށް ނުކުމެލާ ހިނގާލަން ގޮސްލާށެވެ. މާ ގިނައިން ނޫނަސް ރަނގަޅުވާނެ އެވެ. ދާންވާނީ ދަރިފުޅުވެސް ގޮވައިގެންނެވެ. ސްޓްރެސް ކުޑަވާނީ ވެސް އޭރުންނެވެ.