މާ ބޮޑަށް ފަލަވެގެން ޑޮކްޓަރަށް ދެއްކުމުން ބުނީ ބަރުދަން ލުކޮށް ހިކޭށޭ އެވެ. އެވަގުތު ޑޮކްޓަރު ދެއްކި ވާހަކަތަކަށް ބިރުން ފަހުން އައި ހަފްތާ ހޭދަކުރި ދުވާލަކު އެއް އިރު ކައިގެންނެވެ. ހަފްތާއަކަށް ފަހު ޖެހިގެން އައި ދުވަހު އަނބުރައިގަނެގެން ވެއްޓުނީ އެވެ.

ހޮސްޕިޓަލަށް ގެންދިއުމުން މާބޮޑަށް ހަކުރު ދަށްވީ އޭ ބުނެފައި އައިވީ ފުޅިއެއް ހުސްވުމުން ގެއަށް ފޮނުވާލީ އެވެ. މިއީ އާންމުކޮށް ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. ކުއްލިއަކަށް ކެއުން މަދުކޮށް ބައެއް ބާވަތްތައް ބޭނުންކުރުން ހުއްޓާލުމުން ހަކުރު މަދުވެ އެވެ.

ދާދި ފަހުން އެގްރިކަލްޗަރަލް ޔުނިވާސިޓީ އޮފް އެތެންސްގައި ކެއުމަށް ދެވިހިފައި ފަލަވެފައި ތިބި 47 މީހުން ބޭނުންކޮށްގެން ވަނީ ދިރާސާއެއް ހަދާފަ އެވެ. އެ މީހުންނަކީ ޕްރީ ޑައިބެޓިސް ނުވަތަ ޓައިޕް ޓޫ ޑައިބެޓިސް ހުންނަ މީހުންނެވެ. އެ ދިރާސާގައި ވަނީ އެ މީހުން ދެ ގުރޫޕަކަށް ބަހައި ހަ މަސް ދުވަސް ވަންދެން އެއް ގުރޫޕު މީހުން ދުވާލަކު ހަ އިރު އަދި އަނެއް ގްރޫޕް މީހުންނަށް ދުވާލަކު ތިން އިރު ކާން ދީފަ އެވެ. އަދި ހަ މަސް ދުވަހަށްފަހު ކެއުމުގެ މިންގަނޑު ދެ ގްރޫޕްގެ މެދުގައިވަނީ ބަދަލުކޮށްފަ އެވެ.

އެ ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ދުވާލަކު ހަ އިރު ކައިގެން ތިބޭ މީހުންގެ ލޭގައި ގުލްކޯޒް އަދި ހަކުރު އެންމެ އެކަށީގެންވާ މިންވަރަކަށް އެބަހުރި ކަމަށެވެ. އަދި ދުވާލަކު ތިން އިރު ކައިގެން ތިބޭ މީހުންނަށް ޓައިޕް ޓޫ ޑައިބެޓިސް ޖެހުމުގެ ފުރުސަތު ބޮޑެވެ.

މީގެ އިތުރުން އެމީހުންގެ ބަރުދަން ލުއިކޮށް އެކަށީގެންވާ މިންވަރެއްގައި ހިފެެހެއްޓުމަށްވެސް އެހީތެރިވެދެ އެވެ. އެ ދިރާސާގައި ހުރިހާ އެންމެނަށްވެސް ކާންދީފައިވަނީ ނިއުޓްރިޝަން އެއް މިންވަރަކަށް ހުންނަ ކާނާ އެވެ.

އެ ދިރާސާ ހެދުމުގައި ބައިވެރިވި ސިއްހީ މާހިރުން ލަފާދެނީ ބަރުދަން ލުއިކުރަން ވިޔަސް ކެއުމުގެ ވައްޓަފާޅި ބަދަލުކުރާނަމަ ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުމަށެވެ.