1929 ގެ އޯގަސްޓު 20 ގައި ޓެސްޓެއްގެ ގޮތުން ބީބީސީ އިން، އަޑުނުލައި ހަމައެކަނި ފޮޓޯ ދެއްކި ބްރޯޑްކާސްޓެއް ދެ މިނިޓް ވަންދެން ފޮނުވިއެވެ. މި މުހިންމު ފިޔަވަޅުގެ ފަހަތުގައި ހުރީ އިގިރޭސިވިލާތުގެ ޢިލްމުވެރިއެއްކަމުގައިވާ ޖޯން ލޮގީ ބެއާރޑް އެވެ. އޭގެފަހުން 1930 ގައި ބެއާރޑްގެ ސްޓޫޑިއޯއިން އެންމެ ފުރަތަމަ ތަމްސީލު ޓީވީ މެދުވެރިކޮށް ދެއްކިއެވެ. އަދި 1936ގައި ބީ.ބީ.ސީ އިން ތަންޒީމުކޮށް ޓީވީ ދުރަށް ދައްކަން ފެށިއެވެ. އޭރު ހުރީ އެންމެ 400 ޓީވީ ކަމަށް ވެއެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން ޓވީ ދުރަށް ފޮނުވުން ވަގުތީގޮތުން މެދުކަނޑާލުމަށފަހު 1946 ގައި އަލުން ދައްކަންފެށިއެވެ. 1980 އާއި ހަމައަށް އައިއިރު ދުނިޔޭގެ ހުރިހާޤައުމެއްގައިގަހެން ވަނީ ޓީވީ ބޭނުން ކުރަން ފަށާފައެވެ.

ޓީވީއަކީ ދެވިހިފުވާ އެއްޗެއްކަމަށް ޤަބޫލު ކުރައްވަންތޯ؟ ކުރެއްވިއަސް ނުކުރެއްވިއަސް ޢިލްމުވެރިން ވިދާޅުވަނީ ޓވީއަކީ މަސްތުވާތަކެއްޗަށް މީހަކު ދެވިހިފާހެން ދެވިހިފާ އެއްޗެއްކަމަށެވެ. ޓީވީއަށް ދެވިހިފާފައިތިބޭ މީހުން އެދުވަހަކު ޓީވީ ނުބަލައިފިނަމަ އުނިކަން އިޙުސާސް ކުރެއެވެ. ކޮންމެވެސް ކަމެއްނުކުރޭވޭހެން ހީވެއެވެ. އަދި ބަލަން ހުއްޓާ މިސާލަކަށް ކަރަންޓު ދިޔައިމާ މަސްތުވާ ތަކެތި ބޭނުން ކުރާމީހަކު އެ ނުލިބުނީމާ ވާހެން ސިކުނޑިއަށްވެއެވެ. ގިނަމީހުން ޓީވީ ބަލަންފައްޓަނީ ހުސްވަގުތު ދުއްވާލާށެވެ. ނުވަތަ ކުރާނެ ކަމެއްނެތީމައެވެ. ނަމަވެސް ފަހުން ޓީވީ ވެފއި އޮންނަނީ އެހެން އެއްވެސް ވަގުތެއް މީހާގެ އަތުގައި ނުބާއްވާ އެއްޗަކަށެވެ. ޓީވީ ބެލުމަކީ ކޮންމެދުވަހަކުވެސް ކޮންމެހެން ކުރަން ޖެހޭ އަސާސީ ކަމެއްގެ ގޮތުގައި ވެދެއެވެ.

ގިނައިން ޓީވީ ބަލާމީހުންގެ ސިނކުޑީގެ ކަންތައް ހުންނަނީ ކިހިނެއްތޯ ބަލަންވެގެން، ތަޖުރިބާކުރެވުނު މީހުންގެ ހިތުގެ ވިންދު ޖަހާ ރޭޓާއި، ސިކުނޑީގެ ކަރަންޓު ރާޅުތައް ދަތުރުކުރާ ގޮތް ބެލިއެވެ. ނަތީޖާ ދެއްކިގޮތުން ޓީވީ ބަލާވަގުތު އެމީހުންގެ ސިކުނޑީގެ މަސައްކަތް ވަރަށްބޮޑުތަން ދަށްވެއެވެ. ޓީވީ ނިއްވާލުމުން ކުރިންވެސް ހުރި ހިތްހަމަނުޖެހުމަކާއި ފޫހިކަމެއް އަބުރާ އާދެއެވެ. ވީމައި ހިތްހަމަ ޖެއްސުމައްޓަކައި ޓީވީ ބެލުމަކީ އެދެވޭ ނަތީޖާއެއް ހުރިކަމެއްނޫނެވެ. އަދި މީގެ އިތުރުން ގިނައިން ޓީވީ ބަލާމީހުންގެ ވިސްނައި ފިކުރުކުރުމުގެ ބާރު ދަށްވެއެވެ. ތަޖުރިބާ ކުރެވުނު މީހުން ބުނާ ގޮތުން ކުޅިވަރެއް ކުޅެފައި ނުވަތަ ހޮބީއަކަށް ކޮންމެވެސް ކަމެއް ކުރުމުން މިޒާޖަށް އަންނަ ރަނަގަޅު ބަދަލު ޓީވީ އަކުންނާދެއެވެ.

އަނެއްކޮޅުން ގިނައިން ޓީވީ ބެލުމަކީ މަސްތުވާތަކެތި ބޭނުންކުރާމިހުންނަށްވެސް ވާހެން، މީހާގެ އިޖުތިމާޢި ޙަޔާތަށް ބުރޫތަކެއް އަރާކަމެކެވެ. އަބަދު ޓީވީ ބަލަން ގޭތެރޭގައި ހޭދަކުރުމުން ރައްޓެހިންނާއި މެދު އޮންނަ ގުޅުން ކުޑަވެ ، ގެއިން ބޭރުގައި ހިގާކަންތައްތައް އޭނާއަކަށް ނޭގެއެވެ. އަދި މީހުންދެކެ ލަދުގަތުން އިތުރުވެ ކަންކަމާއި ކުރިމަތިލުމުގެ ހިތްވަރު ކެނޑެއެވެ. ގިނައިން ޓީވީ ބެލުމުގެ ގެއްލުން މިހިސާބުން ނިމުނީކީ ނޫނެވެ. ގިނަވަގުތު އެއްތަނެއްގައި އިށީދެގެން ނުުވަތަ އޮށޯވެގެން ތިބެ ޓީވީ ބެލުމަކީ ގިނަބެއްގެ އާދައެކެވެ. ނަތީޖާއަކީ ބުރަކައްޓައް ތަދުވުމާއި ލޮލުގެ މައްސަލަތައްވެސް ކުރިމަތިވުމެވެ. ހަމައެހެންމެ ހަރަކާތްމަދުވެ، ކޮންމެވެސް ޗިޕްސީ އެއްނުވަތަ ޕޮޕްކޯންފަދަ އެއްޗެހި ކެއުމުގެ ސަބަބުބް މިނަށްވުރެ ފަލަވުމަކީވެސް ނުރައްކަލުގެ އިންޒާރެކެވެ.