ބައެއް މީހުންނަށް ބުނެވޭ ބަހަކުން އަނެކާއަށް ކޮށްލާނެ އަސަރެއް ނޭގިދާނެއެވެ. ހިތައް އުދަގޫވާ ކިތަންމެ ގޮތަކަށް ވާހަކަދެއްކި ދާނެއެވެ. ނަމަވެސް އެ ދެއްކޭ ވާހަކަތަކުގެ ސަބަބުން އަނެކާގެ ދިރިއުޅުމަށް އަންނާނީ ކިހާވަރެއްގެ ބަދަލެއްކަން އެނގެނީ މަދު ބަޔަކަށެވެ. މިއީވެސް އެފަދަ ހާދިސާއެކެވެ.

ކެންސަރު ބައްޔާއި ހަނގުރާމަކުރަމުންދާ މީހަކާއި މެދު ކަންތައް ކުރިގޮތުގެ ވާހަކައެވެ. އެމެރިކާއަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ ކިރްބީ އީވާންސްއަކީ ކެންސަރު ބަލީގެ ސަބަބުން ނޭފަތާއި އެއްލޯ ނެތް މީހެކެވެ.

މީގެ ކުޑަ ދުވަސްކޮޅެއް އޭނާ ސައުތް ކެރޮލައިނާގެ ސްޓޯރއެއްގެ ގޮޑިއެއްގައި އިށީންނީ އެތަނުން ކޮފީއަކާއި، ޑޯނަޓެއް ނަގައިގެންނެވެ. އީވާން އެތާ އިނީ ވަރަށް ހަމަޖެހިލައިގެން އެކަނި މާ އެކަންޏެވެ.

އެ ސްޓޯރުބޮޑު މީހާ އެދުނީ އޭނާއާއެކު އޮފީސް ތެރެއަށް އައުމަށެވެ. އީވާން ދިޔައެވެ. އޭނާ ގެންދަނީ ކީއްވެކަމެއް އެއިރު ނޭނގެއެވެ. ނަމަވެސް އެ އޮފީސް ތެރެއަށް ވަދެ މެނޭޖަރު ވާހަކަ ފަށައިގަތެވެ. އެ މެނޭޖަރ އޭނާ ކައިރީ އެދުނީ، އީވާންގެ މޫނު ފޮރުވުމަށެވެ. އެ ވާހަކަތައް އަޑުއިވިފައި އީވާންގެ ހިތައް ހީވީ ހަންޖަރެއް ހަރާލިހެންނެވެ. ދެރަވި ވަރުންވެސް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

އީވާން ހުންނަ ގޮތުން ގިނަ ބަޔަކު ބިރުގަންނަނީ ކަމުގައިވެދާނެއެވެ. ނަމަވެސް ކީއްކުރަނީ ހެއްޔެވެ؟. އެއީ އޭނާ ބޭނުންވި ގޮތެއް ނޫނެވެ. ދުނިޔެ މަތީގައި އޭނާއަށް ކުރިމަތިވި އިމްތިހާނެވެ.

އެ ވާހަކަ މީޑިއާއާއި ހަމައަށް ގެނެސް ދިނީ އީވާންގެ ދަރިފުޅެވެ. އެ ސްޓޯރގެ މެނޭޖަރ ކަންތައް ކުރިގޮތުގެ ވާހަކަ ދަރިފުޅަށް ކިޔާދިންއިރުވެެސް ހުރީ ރޮވިފައެވެ. އީވާންގެ ދަރިފުޅު މީސް މީޑިއާ މެދުވެރިކޮށް ދެއްކި އެ ވާހަކަތަކަށް އެ ސްޓޯރުގެ މެނޭޖަރ ވަނީ ރައްދު ދީފައެވެ.

އެ މެނޭޖަރ ބުނީ، އޭނާ އީވާންގެ ގާތުގައި އެ ވާހަކަދެއްކީ އޭނާ ވަކިން ގެނެސްފައި ކަމަށާއި، ކަސްޓަމަރުންގެ ކުރިމަތީގައި ނޫން ކަމަށެވެ. އަދި އެކަމުގެ ގޯހެއް އުޅޭކަން އޭނާ ނުދެކޭ ކަަމަށެވެ. އަދި އީވާން ބޭނުން ކޮންމެ އިރެއްގައިވެސް އެތަނަށް އާދެވޭނެކަމަށްވެސް އޭނާ ބުންޏެވެ.

އީވާން ބުނީ، ދެން ދުވަހަކުވެސް އެ ސްޓޯރއަށް އޭނާ ނުދާނެ ކަަމަށެވެ.

ކެންސަރުގެ ބަލީގެ ސަބަބުން، އީވާންގެ ލޮލާއި، ނޭފަތް ނަގާފައި ވަނީ މީގެ ހަ އަހަރު ކުރިންނެވެ. އީވާންއަށް ޖެހުނީ ހަމުގެ ކެންސަރުގެ ބާވަތެކެވެ.

Go to Source
Author: ރީޢާނު ރަޝީދު