އެމެރިކާގެ ޒުވާނަކު އޭނާގެ މަންމަ އަށް ހަމަލާދީ މާރާމާރީ ހިންގުމުން މަންމަ އާއި 500 ފޫޓަށް ވުރެ ކައިރި ނުވަން އޭނާގެ މައްޗަށް އެމެރިކާގެ މެޖިސްޓްރޭޓް ކޯޓަކުން ޙުުމް ކޮށްފިއެވެ.

އުމުރުން 22 އަހަރުގެ ހާމެސް ކެލެޖަސް މަންމަ އާއި މާރާމާރީ ހިންގައިގެން ހައްޔަރު ކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ރޭގަނޑު މަންމަ އާއި އެކު ކާން އިނދެފައި އުފެދުނު ދެބަސްވުމުގައި ހާމެސް ވަނީ މަންމަ އާއި ދިމާއަށް ކާތަކެތި އުކާ، މަންމަ އަށް ހަމަލާ ދީފައެވެ. އޭރު އެކެއުމުގައި އޭނާގެ މަންމަގެ އިތުރުން ބައްޕަ ވެސް އިނެއެވެ.

މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. މަންމަ އަށް ގަސްދުގައި ހަމަލާ ދިނުމުގެ އިތުރުން އިތުރު ބައެއް އެހެން ދައުވާތައް ވެސް އޭނާގެ މައްޗަށް ކޮށްފައި ވެއެވެ.

ހާމެސްގެ މައްޗަށް އުފުލާފައިވާ ބައެއް ދައުވާތައް އަދިވެސް ކުރިއަށް ދާއިރު މަންމަ އަށް ހަމަލާ ދިން މައްސަލައިގައި މިހާރު ވަނީ އޭނާގެ މައްޗަށް ޙުކުމް އިއްވާފައެވެ. އެއީ ހަމަސް ދުވަސް ވަންދެން މަންމަ އާއި 500 ފޫޓަށް ވުރެ ކައިރި ނުވުމުނެވެ.

އެހެންކަމުން ހާމެސް އަށް މިހާރު ވަނީ މަންމަ ދިރިއުޅޭ ގެ ދޫކޮށް އެހެން ގެއަކަށް ބަދަލުވާން ވެސް ޖެހިފައެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގައި މިބާވަތުގެ ޙުކުމް މީގެ ކުރިން ވެސް އެމެރިކާގެ ކޯޓުތަކުން ކޮށްފައި އެބަހުއްޓެވެ.

Go to Source
Author: އާދަމް ނަވާޒް