ބައެއް ފަހަރު އުޑުމަތިން ބިރުވެރި މަންޒަރުތައް ފެނެއެވެ. އެ އެއްޗެހި ފެނިގެން ބިރުގަނެ ބައެއް މީހުން ގެއިން ބޭރަށް ނުނިކުމެވެސް އުޅެއެވެ. މިފަހަރުވެސް ހިނގާފައި މިވަނީ އެފަދަ ހާދިސާއެކެވެ. ޗައިނާގައި އުޑުމަތިން “އެއްޗެއް” ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފައެވެ.

އެ މަންޒަރު ފެނިގެން އެތައް ބަޔަކު ފޮޓޯ ނަގައި އެ ފޮޓޯތައް މީސްމީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ. ބެއިޖިންގ އަވަށަކުން ފެނުނު ބިރުވެރި އެތައް ބައެއްގެ ސަމާލުކަމަށް އައި ނަމަވެސް، އޭގެ ހަޤީޤަތް އަދި ވަނީ ނުހޯދިފައެވެ. އޭގައި ފާޑެއްގެ އައްޔެއް ހުރިއިރު، އެތައް ބަޔަކަށް ހައިރާންކަމެއް އެކަމަށް ލިބިގެން ދިޔައެވެ. އަދި އެއީ ސީދާ ކޮން އެއްޗެއް ކަން ނޭގި އެ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް މީސް މީޑިއާގައި ދައުރުވަމުން ދިޔައެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ފެނިގެންދިޔަ އެ އެއްޗަކީ ޖައްވީ އުޅަނދެއް ކަމަށް އެއްބަޔަކު ބުނަމުންދާއިރު، އެއީ އޭލިއަނުން ދަތުރުކުރި އުޅަނދެއްކަމަށްވެސް ބުނަމުންދާ މީހުން މަދެއް ނޫނެވެ.

އާއްމުކޮށް އުޑުމަތިން ފެންނަ މިފަދަ ތަކެތީގެ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިއާގައި ދައުރުވެ އެތައް ބައެއްގެ ސަމާލުކަން އެ ވީޑިއޯތަކަށް ލިބެއެވެ. އަދި މިއީ ކޮން އެއްޗެއްކަން އެނގިގެންދާނެކަމަށް އުއްމީދު ކުރާ ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ. އެހެންކަމުން ގިނަ ބަޔަކު މިހާރު ތިބީ މިކަމާ ބެހޭގޮތުން ރަސްމީ ޖަވާބެއް ލިބޭތޯ އިންތިޒާރުކޮށްގެންނެވެ.

ޗައިނާގެ އުޑުމަތިން ފެނުނު އާދަޔާއި ޚިލާފު މި މަންޒަރަށް ގިނަބައެއްގެ ސަމާލުކަން ލިބިގެންދިޔައިރު، ދާދިފަހުން އިންޑިއާގެ އުޑުމަތިންވެސް ވަނީ އާދަޔާއި ޚިލާފު، ބިރުވެރި މަންޒަރެއް ފެނިފައެވެ. ވިލާނަޑެއްގެ ތެރެއިން ބިޔަ އަލިފާންގަނޑެއް ސިފަވި އެމަންޒަރާއި ގުޅިގެން އެތައް ބަޔަކު ވަނީ ކަންބޮޑުވެ ކަމާއި ބެހޭ އިދާރާތަކަށް އެކަން ރިޕޯޓްކޮށްފައެވެ.

Go to Source
Author: ރީޢާނު ރަޝީދު