ހަފްތާއެއް ވަންދެން ކޯމާއެއްގައި އޮތުމަށްފަހު ފްރޭން ގެއަލް ހޭއިރުއިރު، ހަޔާތުގައި ކުރިން ހިނގާދިޔަ އެއްވެސް ކަމެއްގެ އޭނާގެ ހަނދާނުގައި ނެތެވެ. ހަމައެކަނި އޭނާއަށް އިނގޭ އެއްޗަކީވެސް އޭނާއަށް ކަންކަން ހަނދާން ނެތިފައިވާކަމެވެ.

ސިއްޙީ ބޮޑު މައްސަލައެއް އެންމެ ފުރަތަމަ އޭނާއަށް ކުރިމަތިވީ، މިދިޔަ އަހަރުގެ މާރިޗު މަސް ތެރޭގައެވެ. ގެއަލްއަކީ މައިގްރޭން މައްސަލަ ހުންނަ މީހެކެެވެ. އެގޮތުން އެއް ދުވަހެއްގައި އެ މައްސަލަ ކުރިމަތިވެ ކުއްލިއަކަށް އޭނާ ހާލުބޮޑުވެގެން ހުއްޓުނެވެ. އަދި ވާން އުޅޭ ފިރިމީހާ އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ.

ހޮސްޕިޓަލަށް ގެންދިޔަތާ ގިނައިރެއް ނުވެ އޭނާ އޮންނާން ޖެހުނީ ކޯމާއެއްގައެވެ. އެތަނުގައި ހަފްތާއެއްހާ ދުވަސްވަންދެން އޮތުމަށްފަހު، ހޭއެރިއިރު، ކައިރީގައި ތިބި އެއްވެސް ބަޔަކު އޭނާއަށް ވަކިކުރާކަށް ނޭގެއެވެ. އާއިލާ މީހެއް، ރައްޓެއްސެއް އަދި ވާން އުޅޭ ފިރިމީހާއެއްވެސް ނޭގުނެވެ. އަދި ކުރިން ކިޔެެވި އެއްވެސް އެއްޗެއްވެސް އޭނާގެ ހަނދާނުގައި ނެތެވެ. ފްރޭން ކުޑަކޮށްވެސް ހަމައަކަަށް އެޅިފައި ވަނީ އޭނާ ހޭއެރިތާ ދިހަ ދުވަސް ފަހުންނެވެ.

ފްރޭންގެ ސިކުނޑީގެ ބައެއް ސެލްތައް މަރުވެ ދިމާވި މައްސަލައަކުން އޭނާގެ ހުރިހާ ހަނދާންތައް ދިއުމުން މިއަދު އޭނާ ޖެހިފައި ވަނީ ހުވަފެންތައް ދެކެމުން އައި ވަޒީފާވެސް ދޫކޮށްލާށެވެ.

ޑޮކްޓަރުންވެސް ވަނީ އޭނާއަށް ދެން ކުރީގެ ހަނދާންތައް އައިސްދާނެ ކަމާމެދު ޝައްކު އުފައްދާފައެެވެ. އަދި އަބަދުވެސް އަދާކުރަން ބޭނުންވާ ވަޒީފާ ދޫކޮށްލަން މަޖުބޫރުވެ މިހާރު އޭނާ އުޅެމުން ދަނީ އާއިލާ އާއި ވާން އުޅޭ ފިރިމީހާއާއެކުގައެވެ. އެހެނަސް އެ ފިރިހެން މީހާއަކީ އޭނާގެ ނަޒަރުގައި ބީރައްޓެއްސަކަށް ވުމުން ކުރީން އޮތްފަދަ ގުޅުމެއް މިހާރު ދެމީހުންގެ ދެމެދުގައި ނެތެވެ.

Go to Source
Author: ރީޢާނު ރަޝީދު