އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކެލް ދާދި ފަހުން އެމްސްޓެޑަމް އަށް ދަތުރު ކުރަމުން ދަނިކޮށް ދެކަނބަލުން ދަތުރު ކުރަމުން ގެންދިޔަ ޕްރައިވެޓް ޖެޓަށް ހޮނު އަޅާފައިވާ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެހާދިސާ ހިނގީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ނަމަވެސް އެހާދިސާގެ މީޑިއާ އަށް ހާމަ ކޮށްފައި ވަނީ މިއަދު އެވެ.

40 މިލިއަން ޑޮލަރުގެ އަގުހުރި ލަގްޒަރީ ޕްރައިވެޓް ޖެޓަށް ހޮނު އެޅި ނަމަވެސް ރައްކާތެރިކަމާއި އެކު އެމްސްޓެޑަމްގެ ޝިޕޯލް އެއާޕޯޓަށް ޖެޓް ވަނީ ޖައްސާފައެވެ. އެމްސްޓެޑަމް އަށް ކުރި ދަތުރު ނިންމާލުމަށް ފަހު ހެރީ އާއި މޭގަން އެނބުރި އިނގިރޭސިވިލާތައް ގޮސްފައި ވަނީ އެހެން ޕްރައިވެޓް ޖެޓެއް ކުއްޔަށް ނަގައިގެންނެވެ.

ހޮނު އެޅި ހާދިސާގެ ސަބަބުން ޖެޓްގައި ދަތުރު ކުރަމުން ދިޔަ އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ. މިހާދިސާގެ ތަޖުރިބާ ހެރީ އާއި މޭގަން ވެސް މީޑިއާ އާއި ހިއްސާ ކޮށްފައެއް ނުވެއެވެ.

ހެރީ އާއި މޭގަން ދަތުރު ކުރި ޕްރައިވެޓް ޖެޓަށް ހޮނު އެޅި ހާދިސާ އާއި ގުޅިގެން އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ތަރުޖަމާން ވެސް މީޑިއާ އަށް އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހޮނު އެޅި ޕްރައިވެޓް ޖެޓް ޝިޕޯލް އެއާޕޯޓްގައި ނުވަ ދުވަސް ވަންދެން ބާއްވާ، މިހާރު ވަނީ ހޮނު އެޅުމުގެ ސަބަބުން ލިބުނު ގެއްލުންތައް މަރާމާތު ކޮށްފައެވެ. އެމަރާމާތުތަކަށް ބޮޑު ޚަރަދެއް ކުރަން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެޚަރަދު ކޮށްފައި ވަނީ އިންޝްއަރެންސް ކުންފުނިން ކަމަށް ވެއެވެ.

Go to Source
Author: އާދަމް ނަވާޒް