ވަޒީފާގެ މާހައުލުގައި ވަރަށް ގިނަ މީހުން މިއަދު ދަނީ މަސައްކަތް ކުރަމުންނެވެ. އެކި ދާއިރާތަކުގައި ތަފާތު ގިނަ ބަޔަކު މަސައްކަތް ކުރަމުން އަންނައިރު މީގެ ކުރިން ބައެއް އިންސާނުން ކުރަމުން އައި މަސައްކަތްތައް ނުވަތަ ވަޒީފާތައް މިއަދު ކޮންޕިއުޓަރގެ އެހީގައި ދަނީ ކުރަމުންނެވެ. މިސާލަކަށް ޑޭޓާ ސްޓޭރިންފަދަ މަސައްކަތަކަކީ މިއަދު އިންސާނުންގެ ބައިވެރިވުން އޭގައި ކުޑަ މަސައްކަތްތަކެކެވެ.

މީގެ 50 ވަރަކަށް އަހަރު ފަހަތަށް ނަޒަރު ހިންގާލާއިރު، މިއަދު ކޮންޕިއުޓަރގެ އެހީގައި ކުރާ މަސައްކަތްތަކަކީ ކޮންޕިއުޓަރގެ އެހީގައި ކުރެވޭނެ މަސައްކަތްތަކެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ނުކުރާނެ ކަން ޔަޤީނެވެ. މިހެންކަމުން މިއަދުން ފެށިގެން 50 އަހަރު ކުރިޔަށް ޖެހިލާ މީގެ 50 އަހަރު ފަހުން އިންސާނުންނާ ނުލާ ކުރެވޭނެ މަސައްކަތްތަކާއިމެދު ވިސްނާލަމާ ހިނގާށެވެ.

ޓެކްސީ ޑްރައިވަރުން

ދުނިޔެ ތަރައްޤީވެގެން އަންނަ އިރު ކާރަށްވެސް ތަފާތު ބަދަލުތަކެއް މިދަނީ އަންނަ މުންނެވެ. އެކި ވައްތަރުގެ ކާރު މިއަދު ދުނިޔޭގެ ބާޒާރުގައި ހުރިއިރު، އޮޓޮމެޓިކް ނުވަތަ އިންސާނުންގެ އެހީއާ ނުލާ ދުވާ ކާރުވެސް މިއަދު ވަނީ އުފައްދާފައެވެ. މިއަދު އެކާރުތަކުގެ އަގު ބޮޑު ވުމުގެ ސަބަބުން މިފަދަ ކާރުތައް އެހާ ގިނަ ނޫން ނަމަވެސް މީގެ 50 ވަރަކަށް އަހަރުފަހުން މިފަދަ ގިނަ ކާރުތަކެއް އަންނާނެ ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. އަދި ޓެކްސީގެ ގޮތުގައިވެސް މިފަދަ ކާރުތައް ބޭނުން ނުކުރާނެ އެކޭ ދެންނެވޭކަށްނެތެވެ.

ޕޯސްޓް އޮފީސްގައި މެއިލް ބެހުމުގައި މަސައްކަތް ކުރާ މީހުން

އިލެކްޓްރޯނިކް މެއިލް ނުވަތަ އީމެއިލް ތަޢާރަފް ކުރުމާއިއެކު އެއްތަނުން އަނެއް ތަނަށް ސިޓީ ފޯރުކުރުމުގައި ޕޯސްޓް ބޭނުން ކުރާ ވަރު މިއަދު މިވަނީ މަދުވެފައެވެ. ބައެއް އޮފީސްތަކުން މި ޚިދުމަތް ބޭނުން ކުރި ކަމުގައި ވީނަމަވެސް މީގެ 50 ވަރަކަށް އަހަރު ފަހުން މިޚިދުމަތް ބޭނުން ކުރާނެ ހެނެއް ހީއެއް ނުވެއެވެ.

ޕައިލެޓުން

އޮޓޯ ޕައިލެޓް މޯޑްގައި ފްލައިޓަށް ދުއްވާތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. މިޚިދުމަތް ކުރި އަރައިގެން ގޮސް މިހާރު ލޭންޑިން އަދި ޓޭކްއޮފްވެސް އޮޓޯކޮށް ކުރެވެއެވެ. ފްލައިޓް ދުއްވަން މިއަދު ޕައިލެޓުން ބޭނުންވި ނަމަވެސް 50 ވަރަކަށް އަހަރުފަހުން މިޚިދުމަތް ކުރިއަރައިގެން އަންނައިރު ޕައިލެޓާއި ނުލާ މަތިންދާބޯޓު ދުއްވާނެ ކަމަށް ނިއުޔޯކް ޕޯސްޓްއިން ކުރި ދިރާސާއަކުން ދައްކައެވެ.

މީޓަރ ރީޑިން ނަގާ މީހުން

ކަރަންޓް އަދި ފެނުގެ މީޓަރގެ ރީޑިން ނަގަން އަންނަ މީހުންގެ ސަބަބުން ބައެއް ފަހަރު މީހުންނަށް އުނދަގޫތަކާ ކުރިމަތިވެއެވެ. މިހެން ކަމުން ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިޚިދުމަތްވަނީ އޮޓޯކޮށްފައެވެ. މިގޮތައް ކުރުމުން މީޓަރަށް އަރާވަރު އިންސާނެއްގެ އެހީއާ ނުލާ ދެނެގަނެވެއެވެ. 50 ވަރަކަށް އަހަރު ފަހުން މިޚިދުމަތްވެސް ފުޅާ ވާނެ ކަން ޔަގީނެވެ.

Go to Source
Author: މުޙައްމަދު އަރީޙް