މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ގިނަ ކަންތައްތައް ކޮށް، ގިނަ ކަންތައްތައް ހޯދުމަށްވެސް ބޭނުންކުރާ ވަސީލަތަކީ އެއީއެވެ. މިކަންކަމުގެ އިތުރުން، ކަންކަން ފަޅާއަރުވާލުމަށްވެސް ޓެކްނޮލޮޖީ އަށްވުރެ ވަކިން މޮޅު ވަސީލަތެއް މިހާރު ނެތެވެ. ލޯ މަތިން ފެނިފައިވާ އެތައް ކަމަކަށް ވިސްނާލުމުން، މިކަން ވަރަށް ރަނގަޅަށްވަނީ ހާމަވެގެން ގޮސްފައެވެ.

އެގޮތުން، ދާދިފަހުން، ފިރިއަކަށް، އޭނާގެ އަންހެނުން މަކަރު ހަދަމުންދާކަން ފަޅާ އަރުވާލެވިފައިވަނީ ޓެކްނޮލޮޖީގެ ޒަރީއާއިންނެވެ. އެއީ، މީގެކުރިންވެސް އެފަދަ އެތައް ކަމެއް ފަޅާ އަރުވާލާފައިވާ “ގޫގުލް އާތު” ގެ ޒަރީއާއިންނެވެ.

ޕެރޫގެ ނޫހެއްކަމުގައިވާ “ލަ ކްރޮނިކާ” އިން ބުނެފައިވާ ގޮތުގައި، އެކަން ހިނގާފައިވަނީ އެޤައުމުގައެވެ. އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި، ގޫގުލް އާތު މެދުވެރިކޮށް އެމީހާ އެޤައުމުގެ އެކި ތަންތަން ބަލަމުން ގޮސްފައިވަނީ އަނބިމީހާއާއެކު ޗުއްޓީއަށް ދިއުމަށް އެންމެ އެކަށީގެންވާ ތަނެއް ހޯދުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް، މިގޮތަށް ތަންތަން ހޯދަމުން ދަނިކޮށް އަޅައިގަތީ ފަރިތަ މޫނެކެވެ.

ގޫގުލް އާތު މެދުވެރިކޮށް ތަންތަން ބަލަމުންދަނިކޮށް ދަންނަ މޫނެއް އަޅައިގަނެފައިވާއިރު، އެއީ އޭނާގެ އަންހެނުންނެވެ. އަންހެނުން އެވަގުތު ހުރީ އެހެން މީހަކާ އެކުގައެވެ. އެއީ، އޭނާ ވަގަށް ރައްޓެހިވެގެން އުޅޭ މީހާއެވެ.

މިކަންތައްތައް ފަޅާ އެރުމުން، ފިރިމީހާއަށް މަކަރު ހެދިކަމަށް އަންހެން މީހާ އެއްބަސްވެފައިވެއެވެ. މިކަމުގެ ސަބަބުން ދެ މީހުންގެ ހަޔާތުގެ ގޮށް މޮހާލާމ ވަރިވެފައިވާކަމަށްވެސް ލަ ކްރޮނިކާ ނޫހުން ބުނެފައިވެއެވެ.

ފިރިމީހާއަށް ގޫގުލް އާތު މެދުވެރިކޮށް ފެނުނު މަންޒަރުތައް އޭނާވަނީ ފަހުން ހާމަކޮށްފައެވެ. އެހެންނަމަވެސް، މި ދެމީހުންގެ އެހެން އެއްވެސް މައުލޫމާތެއް މީޑިޔާގައި ހާމަކޮށްފައި ނުވެއެވެ.

Go to Source
Author: އިބްރާހީމް މުޙައްމަދު