ކައިވެންޏަކުން ގުޅޭ ކޮންމެ ދެމީހެއްމެ ކައިވެނީގެ ގޮށް ޖަހާނީ ފޮނި އުންމީދާއި ހުވަފެންތައް ދެކެމުންނެވެ. އުފާވެރި ހަޔާތެއް އެކުގައި ހޭދަކޮށް ތާ އަބަދަށް އެކީގައި އުޅުމުގެ ފުން ނިޔަތުގައެވެ. އެހެނަސް ވަގުތީ މި އިމްތިހާނުގައި ދިމާވާ ބައެއް ކަހަލަ ކަންކަމީ ތަގުދީރުގައި ވާންހުރި ކަންކަމަށްވެ އެ ހުވަފެންތައް ބިލާހަކަށްވެގެންދާ ފަހަރު އާދެއެވެ. ނާއުންމީދުން ކުރިމަގު ބަންދުވެ ހަޔާތް އުދާސްކަން ވެރިވެގެން ދެއެވެ. މިއީވެސް އުންމީދުތަކާއި އެކު އުފާވެރި ހަޔާތެއް ބިނާކުރުމުގެ ހުވަފެން ދެކެމުން އައި މީހަކަށް ދުނިޔޭގެ ނާއިންސާފާއި ކުރިމަތިލާން ޖެހުނު ގޮތުގެ ވާހަކައެވެ.

ޖެސިކާ އާއި ކެންޑަލް ޖޭމްސް މާރފީ ތިބީ ކައިވެންޏަށް ހުރިހާ ކަމަކަށް ތައްޔާރުވެގެންނެވެ. އެހެން ނަމަވެސް އެ ދުވަހާއި ހަމައަށް ލޯބިވެރިޔާ މި ދުނިޔޭގައި ދިރިއުޅުމުގެ ނަސީބެއް ނުލިބުވެ. ދިމާވި އެކްސިޑެންޓެއްގައި ލޯބިވެރިޔާ އެ ވަނީ މަރުވެފައެވެ. އެހެން ނަމަވެސް އޭނާގެ ހަނދާންތައް އަބަދުވެސް އެ ދަނީ ޖެސިކާއާއެކުގައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ލޯބިވެރިޔާ މަރުވިއިރު، ލޯބިވެރިޔާއާ ކައިވެނި ކުރަން އޮތް ދުވަހު ޖެސިކާ އެ ވަނީ ލޯބިވެރިޔާގެ މަހާނަ ކައިރިއަށް ގޮސްފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހަކީ ދެ މީހުން ކައިވެނި ކުރަން ނިންމައިގެން ތިބި ދުވަހެވެ. ނަމަވެސް ލޯބިވެރިޔާގެ ކުއްލި ވަކިވުމާއެކު، ހިތްކުދިކުދިވި ނަމަވެސް، ކައިވެނި ކުރަން އޮތް ދުވަހުގެ ހަނދާންތައް އާ ކުރުމަށް ލޯބިވެރިޔާގެ މަހާނަ ކައިރިއަށް ދިޔައީ، ކައިވެނީގެ ހެނދުމުގައެވެ.

އަދި ލޯބިވެރިޔާ މަސައްކަތުގައި އުޅޭއިރު އަޅާ ހެދުންތަކާއި، އަދިވެސް އެ ނޫން އެއްޗެސް އެތަނަށް ގެނެސް ވަނީ ފޮޓޯ ނަގާފައެވެ. އަދި އެ ފޮޓޯ ވަނީ މީސް މީޑިއާއަށް ލާފައެވެ.

ފަޔާ ފައިޓާއެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ މާރފީ މަރުވީ، އޭނާއާއެކު މަސައްކަތް ކުރަމުންދާ އެހެން މީހެއްގެ ވެހިކަލް ގޮސް މާރފީ އިން ވެހިކަލްގައި ޖެހިގެންނެވެ. އެ ހާދިސާގައި މާރފީ މަރުވިއިރު، އޭނާގެ ރަހުމަތްތެރިޔާ ވަނީ ސަލާމަތްވެފައެވެ.

Go to Source
Author: ރީޢާނު ރަޝީދު