ދުނިޔޭގައި އުޅޭ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ދަނީ ބޮޑު ވަމުންނެވެ. ދިރިއުޅުމުގެ ބޭނުންތައް ފުއްދާފައި ބާކީވާ ވަރަށް އެއްބަޔަކަށް ފައިސާ ލިބެމުން ދާއިރު އަނެއްބަޔަކު އުޅެނީ ބަނޑުފުރާނަ މުއްތި ކުރާނެ ފައިސާ ކޮޅެއް ވެސް ނުލިބިގެންނެވެ.

ރަޝިއާގެ މިލިއަނަރެއްގެ ދަރިއަކު މިވަނީ އޭނާ އަށް ލިބޭ ފައިސާތައް ގިނަ ކަމުން އެފައިސާތައް މަގުމައްޗަށް އުކާލާފައެވެ.

ރަޝިއާގެ ސެއިންޓް ޕާޓާސްބާގްގެ މަގުމަތިން މިޒުވާނާ ކާރު ދުއްވަމުން އޭނާގެ އަތުން ފައިސާތައް މަގުމައްޗަށް އުކަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯ އެއް އޭނާ ވަނީ އާންމު ކޮށްފައެވެ.

ފައިސާތައް މަގުމައްޗަށް އުކި ޒުވާނާގެ ނަމެއް ހާމަ ކޮށްފައެއް ނުވެއެވެ. ރަޝިއާގެ މީޑިއާތަކުން ހަމައެކަނި ބުނެފައި ވަނީ އޭނާ އަކީ މިލިއަނަރެއްގެ ދަރިއެއް ކަމަށެވެ.

އެޒުވާނާ ކާކުކަން ނޭނގޭ ގޮތައް އާންމު ކޮށްފައިވާ ވީޑިއޯއެއްގައި ބުނީ ފައިސާ އަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށާއި އެކައުންޓްގައި ފައިސާ ގިނަ ކުރުމުގެ ބޭނުމުގައި ލިބޭ ފައިސާ ރައްކާ ކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ.

ފައިސާ އިން އުފަލެއް ނެތް ކަމަށާއި އެހެން ކަމުން ފައިސާ ނުލިބިފައި ތިބި މީހުންނަށް ފައިސާތައް ދޭން ޖެހޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ލިބޭ ފައިސާތައް ގިނަ ކަމުން، ފައިސާތައް އުކާލި ޒުވާނާ އަކީ އާދަޔާއި ހިލާފު މުއްސަނދި ދިރިއުޅުމެއްގައި އުޅެމުންދާ ޒުވާނެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ ފައިސާތަކެއް ކާރުގެ ފުރޮޅުދަށަށް ލުމަށް ފަހު ހަލާކު ކޮށްލާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް މީސް މީޑިއާގައި އާންމު ކޮށްފައި ވެއެވެ.

Go to Source
Author: އާދަމް ނަވާޒް