“މިއީ މާލޭގައި އޭލެވެލްއަށް ކިޔަވާދޭ ސްކޫލެއްގައި ތައުލީމު ހާސިލް ކުރަމުން ދިޔަ އަންހެން ކުއްޖަކަށް އެ ސްކޫލުގެ ޓީޗަރެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ވާހަކައެކެވެ. މިވާހަކަ ލިޔެފައިވާނީ މި ހާދިސާ ކުރިމަތިވި ފަރާތުން “ވަގުތަށް” ހިއްސާކޮށްފައިވާ މައުލޫމާތުގެ މަށްޗަށެވެ. މިވާހަކައިގެ އަސްލު ނުގެއްލޭ ގޮތަށް އުނި އިތުރު ގެނެސްފައިވާނެވެ. އަދި މަތީގައި ވާ ފޮޓޯއަކީ މި ހާދިސާ ދިމާވި ފަރާތާއި ގުޅުމެއް ހުރި ފޮޓޯއެއް ނޫނެވެ.”

އަހަންނަކި ދެމެފިރިއެއްގެ ހުރި ހަމައެކަނި ދަރިއެވެ. އަހަރެން ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަކީ އަހަރެންގެ މައިންބަފައިންގެ އަބަދުވެސް އުންމީދެކެވެ. އެހެންކަމުން އަހަރެން އަބަދުވެސް މަސައްކަތް ކުރަމުން އައީ މައިންބަފައިންގެ އުންމީދުތަކުގައި ކުލަޖައްސައިދީ މައިންބަފައިންގެ އުންމީދުތަށް ހަޤީގަތަކަށް ހެދުމަށެވެ. މައިންބަފައިން  ދެކެމުން އައި ހުވަފެންތަށް ހަޤީގަތަކަށް ހެދުމަށް އަހަރެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ ސާނަވީ ދައުރުގައި ރަށު ސުކޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރަކަށް އަހަރެން ވުމެވެ. ސާނަވީ ދައުރުގައި ލިބުނު ކާމިޔާބީޔާއި އެކު އިތުރަށް ކިޔެވުމަށް އަހަރެން ރާއްޖޭގެ ވެރިރަށް މާލެއަށް ބަދަލުވީމެވެ.

2014 ވަނަ އަހަރު އަހަރެން މާލެ ބަދަލުވީ މަތީ ސާނަވީ ދައުރުފުރިހަމަކޮށް އަހަރެން ކުރިއަށް ދާން ބޭނުންވާ ދާއިރާއިން އިތުރަށް ކިޔެވުމުގެ ފޮނި އުންމީދުގައެވެ. މާލޭގައި އަހަރެންގެ ތިމާގެ މީހުން ކޮންމެވެސް ވަރަކަށް ތިއްބެއް ކަމަކު އަހަރެންގެ ބައްޕަގެ އެދުމުގެ ދަށުން އަހަރެން މާލެއައިސް ދިރިއުޅެމުން އައީ ކުލި ދީގެން ކުދިން ބަހައްޓާދޭ ގެއެއްގައެވެ. އެއީ އެކަމީ އަހަންނަށް އެންމެ ރައްކާތެރި ގޮތް ކަމުގައި މައިންބަފައިން ދެކޭތީއެވެ.

މާލެ އައިސް އޭލެވެލް ކިޔެވުމަށްޓަކައި މާލޭގެ ނަން މަޝްހޫރު ސުކޫލަކަށް އަހަރެން ވަނީމެވެ. “ބައިބޯ” މާހައުލަކީ އަހަންނާއި އެހާ “ދޯޅު” މާހައުލެއް ނޫނެވެ. އެހެނީ ރަށު ސުކޫލުގެ މީސްކޮޅު މަދުވުމުގެ ސަބަބުންނާއި ކުދިން ގިނަ މާހައުލެއްގައި ދުވަހަކުވެސް މަސައްކަތް ކުރެވިފައި ނެތުމުންނެވެ. ނަމަވެސް ގޮންޖެހުންތައް އެއްފަރާތްކޮށްލުމަށް ކިޔެވުމާއިގެން އަހަރެން މަސްއޫލުވެ އުޅުނީމެވެ.

އަހަރެމެން ކުލާހުގައި ގިނައީ އަންހެން ކުދިންނެވެ. މަދު ފިރިހެން ކުދިން އަހަރެމެންގެ ކުލާހުގައި ތިބި ނަމަވެސް  އެންމެން މަސައްކަތް ކުރަމުން އަންނަނީ ވަރަށްވެސް އެކުވެރިކަމާއި އެކުގައެވެ. އެއްކުއްޖަކަށް ނޭނގޭ އެއްޗެއް އަނެއް ކުއްޖަކަށް ކިޔާދީ އޮޅުންފިލުވާދިނުން ވެފައި އޮންނަނީ އަހަރެންމެން ކުލާހުގެ ކުދިންގެ މެދުގައި އޮންނަ ގުޅުން ރަމްޒުކޮށްދޭ ނިޝާނެކަށެވެ.

އަހަރެމެންނަށް ކިޔަވާދޭ މުދައްރިސުންނަކީވެސް ވަރަށް އެކުވެރި މުދައްރިސުންނެވެ. ހާއްސަކޮށް އެކައުންޓު ކިޔަވާދޭން އަންނަ ބިދޭސީ މުދައްރިސަށް އަހަރެމެން ކުލާހުގެ ހުރިހާ ކުދިންވެސް ވަރަށް ބޮޑަށް ގަޔާވެއެވެ. އެއީ އެ މުދައްރިސަކީ ހުރިހާ ކުދިންނާއިވެސް ގުޅޭ ވަރަށް އެކުވެރިކަމާއި އެކު ކިޔަވާދޭ މުދައްރިސަކަށް ވުމުންނެވެ. އަދި އެއްވެސް މިންވަރަކަށް ހަރުކަށިކަން ނުގެންގުޅުމަކީ އެ މުދައްރިސްގެ އެންމެ ހާއްސަ އެއް ސިފައެވެ. ކަންމިހެން ހުރުމުން އެ މުދައްރިސް، އަހަރެންގެ އިއްފަތުގެ ފެންތަށިން ފެންބޯން އުޅެފާނެ ކަމަށް އަހަރެން އެއްވެސް ވަރަކަށް އުންމީދެއް ނުކުރަމެވެ. ވާނީވެސް އެހެންތާއެވެ. އެފަދަ އެއްވެސް ސިފައެއް މުދައްރިސްގެ މޫނުމަތިން ނުފެނެއެވެ.

އޭލެވެލްގައި އުފާވެރި، މަޖާ ދުވަސްތަށް ހޭދަކުރުމަށް ފަހު ކިޔެވުމުގެ މަތިން އަހަރެން  ފޫހިކުރުވީ އެކައުންޓު ކިޔަވާދޭ މުދައްރިސް އަހަންނާއި ގައިގޯޅިވާން އުޅެން ފެށި ހިސާބުންނެވެ. ނޭނގޭ ފިލާވަޅު އޮޅުން ފިލުވުމަށް ސުކޫލުގެ ނުރަސްމީ ގަޑީގައި އަހަރެން  މުދައްރިސްގެ އަރިހަށް ދިޔަ ދިޔުމުގެ ފައިދާ ނަގައި އަހަންނާއި ގައިގޯޅިވާން އުޅުނު  އުޅުމުންނެވެ. “ވަހުޝީ” މެސެޖުތަށް  ކުރުމާއި އަހަރެންގެ ބައެއް ގުނަވަންތަކުގައި އަތްލަން އުޅެ ގަދަކަމުން އަހަންނަށް މަޖުބޫރުކުރުވައިގެން ކަންކަން ކުރަން ކުރަން އުޅުމާއި އަހަރެންގެ އަނގައިން މުދައްރިސް ބޭޒާރުވާ ފަދަ ބަހެއް ބޭރުވެއްޖެ ނަމަ މާއްދާއިން ފެއިލް ކޮށްލާނެ ކަމުގެ އިންޒާރުވެސް މުދައްރިސް އަހަންނަށް ވަނީ ދީފައެވެ.

މިކަންކަމުގެ ސަބަބުން ފޮނި އުންމީދުތަކާއި ފެށި އޭލެވެލްގެ މަތިން އަހަރެން އެއްކޮށް ފޫހިކުރުވިއެވެ. ސްކޫލަށް ނުދިޔުމާއި ދޭ ފިލާވަޅުތަށް ނުނިންމުން އަހަރެންގެ އާދައަކަށްވިއެވެ. ނަތީޖާއަކަށްވީ އޭލެވެލްގެ ފަހު އިމްތިހާނުގައި އަހަރެން ބޭނުންވާ މިންވަރަށް އަހަންނަށް މަސައްކަތް ނުކުރެވުމެވެ. އަދި އެކަށީގެންވާ ނަތީޖާއެއް އަހަންނަށް ނުލިބުނެވެ. މައިންބަފައިން މާޔޫސްކޮށްލާނެ ފަދަ ދަށް ނަތީޖާއެއް އަހަންނަށް ލިބުމެވެ. މިއަދު އަހަރެން މައިންބަފައިންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ހުރިހާ އެއްޗެއް ދީގެން އަހަރެން ބަލައި ބޮޑުކުރުމަށް ފަހު އަހަރެންގެ ފަރާތުން އެދުނު ހަމައެކަނި ކަންތައްވެސް އަހަންނަށް ފުރިހަމަ ކޮށް ނުދެވުނެވެ.

ނަމަވެސް މިކަމުގައި އަހަރެންގެ ކުށެއް ނެތެވެ. ކުށް އޮތީ މުދައްރިސްގެއެވެ. އެ މުދައްރިސް އަކީ އަހަރެންގެ ކިޔެވުން ގަސްތުގައި ހަލާކުކޮށްލި “ޖަނަވާރެކެވެ.” މާތް ﷲގެ އިރާދަފުޅުން އޭލެވެލް އަހަންނަށް “ކަޅު” ވި ނަމަވެސް މައިންބަފައިންގެ އުންމީދުތަކުގައި ކޮންމެވެސް ދުވަހަކުން އަހަރެން ކުލަ ޖައްސައިދޭނަމެވެ. އަދި ހަޔާތުގައި ކުރިމަތިވި އަނދިރިގަނޑަކީ އަހަރެންގެ މުސްތަގުބަލަށް އެޅޭނެ ހުރަކަށް ވުމަށް އަހަރެން ފުރުސަތެއް ނުދޭނަމެވެ. އަހަރެންގެ އުންމީދަކީ އަހަރެން ފަދައިން  މުދައްރިސުންގެ ފަރާތުން ޖިންސީ ފުރައްސާރައާއި ކުރިމަތިވެފައިވާ ފަރާތްތައް އެކަމާއި ދެކޮޅަށް ނުކުމެ އަޑުއުފުލުމެވެ.

Go to Source
Author: އަލީ ޔާމީން