ޕެރޫގެ ފިރިހެނަކު ހުސް ވަގުތު އާންމު ކޮށް ކުރާ ކަމަކީ ގޫގްލްގެ ސްޓްރީޓް ވިއު އިން އެކި މަގުތަކާއި، އެކި ތަންތަން ބެލުމެވެ. އެއީ އޭނާ ވަރަށް ފޫހިފިލާ ކަމެކެވެ. ނަމަވެސް އެއީ އޭނާގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހިދާނެ ކަމެއް ކަމަށް އޭނާ ހިޔެއް ނުކުރެއެވެ.

އޭނާގެ ނަމެއް މީޑިއާ އިން ހާމަ ކޮށްފައެއް ނުވެއެވެ. ޕެރީގެ ނޫސްތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޭނާ އެއް ދުވަހު ގޫގްލް ސްޓްރީޓް ވިއު އިން މަގުތައް ބަލަމުން ދަނިކޮށް ވަރަށް ހައިރާން ކުރަނިވި މަންޒަރެއް ފެނުނެވެ. އެއީ އޭނާގެ އަނބިމީހާ އާއި ވައްތަރު މީހަކު ގޮނޑިއެއްގައި އިށީންދެގެން އުނގު މަތީގައި ފިރިހެނަކު ބާއްވައިގެން އިން މަންޒަރެވެ.

ގޫގްލް ސްޓްރީޓް ވިއު އަކީ ކުރިން ވީޑިއޯ ކުރެވި ރައްކާ ކުރެވިފައި ހުންނަ މަންޒަރުތައް ދައްކުވައިދޭ އެޕްލިކޭޝަނެއް ނަމަވެސް ފިރިހެން މީހާ އަށް އެކަން އިތުރަށް ބަލަން މަޖުބޫރު ވިއެވެ.

ފުރަތަމަ ކަމަކަށް އޭނާ ކުރި ކަމަކީ ސްޓްރީޓް ވިއު އިން ފެންނަނީ އޭނާގެ އަނބިމީހާ ކަން ކަށަވަރު ކުރުމެވެ. އެކަން ކަށަވަރު ކުރުމަށް ވަރަށް ގިނަ ކަންކަން ބެލިއެވެ.

ދެން އޭނާ އަނބިމީހާ އާއި ސުވާލު ކުރިއެވެ. ފޮޓޯ ފެންނަން ހުރުމުން އަނބިމީހާ އަށް އިތުރަށް ދެކޮޅު ހެދޭކަށް ނެތެވެ. އޭނާ އެއްބަސްވިއެވެ. ކައިވެނި ކޮށްގެން ހުރ ހިލޭ ފިރިހެނަކާއި ގުޅުން ބޭއްވި ކަމާއި ދެމީހުން ޕާކްތަކަށް ގޮސް ވަގުތު ހޭދަކޮށްފައި ވާނެ ކަމަށް އިއުތިރާފްވިއެވެ.

އަނބިމީހާގެ އަމިއްލަ އިއުތިރާފަށް ބަލައި ފިރިހެން މީހާ ވަނީ މިހާރު އެކައިވެނި ރޫޅާލަން ނިންމާފައެވެ. ވަރީގެ މައްސަލަ މިހާރު އޮތީ ކޯޓުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގޫގްލް ސްޓްރީޓް ވިއުގެ ސަބަބުން ބޭވަފާތެރިއެއްގެ ކިބައިން ދިރިއުޅުން ސަލާމަތް ކުރެވުނީތީ ފިރިހެން މީހާ ހުރީ ވަރަށް އުފަލުންނެވެ.

Go to Source
Author: އާދަމް ނަވާޒް