ހައިގްރޭޑް ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުންދާ ބޮލީވުޑްގެ އެކްޓްރެސް ސޮނާލީ ބެންޑްރޭ ހާލު ބަލާލަން ބޭނުންވާ އެތައް ބަޔަކު އެބަތިއްބެވެ. ތަދާއި ވޭނުގައި އުޅެމުންދާ ސޮނާލީ، އޭނާގެ ހާލަތު މީސް މީޑީޔާ މެދުވެރިކޮށް އާއްމުންނަށް އަންގަމުން ދަނީ، އެތައް ބަޔަކު އެ ވާހަކަތައް އިނގެން ބޭނުންވާތީއެވެ.
ސޮނާލީ އަނެއްކާވެސް އިންސްޓަގްރާމް މެދުވެރިކޮށް، އޭނާގެ ބޯ ތަލަކޮށްފައި ހުރި ފޮޓޯއަކާއެކު ހިއްސާކޮށްފައިވާ ބައެއް ވާހަކަތަކުން އޭނާ އުޅެމުންދަނީ ތަދާއި ވޭނުގައިކަން އިނގެއެވެ.
އެ ޕޯސްޓު ކިޔުމަށްފަހު، އެތައް ބަޔަކު އޭނާގެ ހިތްވަރަށް ސާބަސް ދެމުންދާއިރު، އެ ޕޯސްޓް ކިޔުމަށްފަހު ބަޔަކަށް ރޮވުނު ކަމަށްވެސް ވެއެވެ.
އޭނާ ބުނިގޮތުގައި، މިދިޔަ ދުވަސްތަކުގާއި، އޭނާއަށް ވަރަށް ރަނގަޅު ދުވަސްތަކާއި، އަދި ނުރަނގަޅު ދުވަސްތަކާއި ކުރިމަތިލާން ޖެހުނެވެ.
“މިދިޔަ ބައެއް ދުވަސްތައް އަހަރެންގެ މުޅި މީހާ ވަރުބަލިވެ، ތަދާއި ވޭނުގައިވެސް އުޅެން ޖެހުނު، ބައެއް ފަހަރު ނަފްސާނީ ގޮތުންނާއި، ޖިސްމާނީގޮތުން ވެސް ތަދު އިހުސާސު ކުރެވޭ ކަހަލަ ގޮތްގޮތްވޭ. ބައެއް ފަހަރު ހިނިތުންވެލުމުން ތަދުވާހެން ހީވޭ”. ސޮނާލީ ލިޔުނު އަސަރުގަދަ މެސެޖުގައި ވެއެވެ.
ސޮނާލީގެ ބައެއް ވާހަކަތަކުން އޭނާ ކޮންމެ ދުވަހެއްގެ ހާލަތު ވަރަށް ރަނގަޅަށް ވަނީ ބުނެދީފައެވެ. އަދި އޭނާގެ ދިރިއުޅުން އުފާވެރި ކުރުމަށް ވިސްނުން ބަދަލުކޮށް، ބޭނުން ނުވާ ކިތަންމެ ކަމަކާއިވެސް ކުރިމަތިލާން ޖެހޭނެކަން ދަންނަން ވާނެކަމަށް ސޮނަލީ ބުންޏެވެ.
އަދި ނިދުމަކީ އޭނާއަށް އެ ވޭނީ ދިރިއުޅުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށާއި، ކީމޯއަށް ފަހު އެންމެ މީރު ސްމޫތީތައް ބުއިމާއި، ދަރިފުޅާއި ވާހަކަދައްކާ ހަދާ ދުވަސްތައް ހޭދަކުރަމުންދާކަމަށް ބުންޏެވެ. އަދި މިހާރުވެސް އޭނާގެ ފަރުވާގެ ހުރިހާކަމެއް ކުރިއަށްދާކަމަށްވެސް ބުންޏެވެ.
ސޮނަލީއަކީ އެއް އިރެއްގައި ގިނަބައެއްގެ މަގުބޫލުކަން ހޯދި ތަރިއެކެވެ. އޭނާ ފަރުވާ ހޯދަމުން ދަނީ ނިއުޔޯކްގައެވެ.
Go to Source
Author: ރީޢާނު ރަޝީދު