އަންނަ މަހު ސިނަމާ އަށް ގެންނަން ނިންމާފައި އޮތް ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު “ގޮށްރާޅު” އަންނަ އަހަރަށް ފަސްކޮށްފި އެވެ

މިއީ ކުޅަދާނަ ޑައިރެކްޓަރ އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ “ގޮށްރާޅު” ރިލީޒް ކުރުން ފަސްކުރި ތިން ވަނަ ފަހަރެވެ. “ގޮށްރާޅު” އެންމެ ފުރަތަމަ އަޅުވާ ގޮތަށް އޮތީ މި އަހަރުގެ އެޕްރީލް މަހުގެ 5 ގަ އެވެ. ނަމަވެސް ސަބަބުތަކާއި ހެދި ފިލްމުވަނީ ނޮވެމްބަރ 5 އަށް ފަސްކޮށްފައެވެ،

“ގޮށްރާޅު”ގެ ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ބުނީ “ގޮށްރާޅު” އަންނަ އަހަރަށް ފަސްކުރީ ރާއްޖޭގެ ސިޔާސީ މަސްރަހު އަދި އޮތް ގޮތުން މިއީ ފިލްމެއް އަޅުވަން ރަނގަޅު ދަނޑިވަޅަކަށް ނުބެލެވޭތީ އެވެ.

“ގޮށްރާޅު” ލީޑު ރޯލުތަކުން ކުރިއަރަމުން އަންނަ ތަރި ޖުމައްޔިލް ނިމާލު، އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަދި މަރިޔަމް ޝަކީލާ ފެނިގެންދާއިރު ފިލްމުގެ އެހެން ކާސްޓުންގެ ތެރޭގައި ހަމްދާން ފާރޫގް، ނުޒުހަތު ޝުއައިބް، އަދި އަލަށް ތައާރަފުވާ ހަސަން  އިރްފާން އާއި އައިޝަތު ތަސްނީމާ ފަދަ އެކްޓަރުން ހިމެނެއެވެ،

ކްރައިމް ތުރިލާއެއް ކަމަށްވާ “ގޮށްރާޅު”ގެ އިތުރުން އަންނަ އަހަރު ޑާކްރެއިން އެންޓަޓައިންމެންޓުން ފިލްމު “މާމުއި” ވެސް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

“ގޮށްރާޅު” އަންނަ އަހަރަށް ފަސްކުރި އިރު، މި މަހުގެ 15 ގައި އަޅުވަން ނިންމި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު “ނިވައިރޯޅި” ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.”ނިވައިރޯޅި” ފަސްކުރީ ނިއުމާގެ އަޑަށް ޖެހުނު މައްސަލައަކާއި ގުޅިގެން ފިލްމުގެ ޝޫޓިންގް ކުރިއަށް ނުގެންދެވޭތީއެވެ.

Go to Source
Author: އަލީ ޔާމީން