ތަޤުދީރު ނިޔާކުރާ ގޮތެއް ނުވަތަ މަރުވާނެ އިރެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެހެން ނަމަވެސް އެކަންކަމާއި މެދު ޔަޤީންކޮށް ދެކެވޭ ވާހަކަތަކާއި ކުރެވޭ ކަންކަމުގެ ތެރެއިން ހިތާމަވެރި އެތައް ކަމެއް ހިނގާފައި އެބަހުއްޓެވެ. މިއީވެސް މަރުވާން އަދި ދުވަސް އޮތްކަމަށް ޤަބޫލުކުރި މީހަކަށް ދިމާވި ހާދިސާއެކެވެ.

މިދިޔަ ހުކުރު ދުވަހު، އެމެރިކާގެ އޮރެގަންއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ރިޗާޑް ކޯޓާ މަރުވީ އޭނާގެ ފޭސްބުކު މެދުވެރިކޮށް ޢާންމުކުރި “ސްޓޭޓަސް”އެއްގައި، އޭނާ “އަދި އެހާ އަވަހަށް މަރު ނުވާނެ” ކަމަށް ބުނެ ޕޯސްޓެއް ޢާންމުކުރިތާ މާގިނަ އިރެއް ނުވަނީހެވެ.

މި ސްޓޭޓަސް ޢާންމު ކުރުމަށްފަހު އަނބިމީހާ އެމެންޑާ ކޯޓާ އާއި އެކު ކާރެއްގައި ހައިވޭއެއްގެ މަތީން ދުއްވާފައި ދަނިކޮށް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކާއި ގުޅިގެން ރިޗާޑް މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. މި ހާދިސާގައި އެމެންޑާއަށްވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެގެން ފަރުވާ ދީފައެވެ. ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ސިއްޙީ އޮފިޝަލުން ބުނެފައިވާގޮތުގައި، ރިޗާޑް މަރުވީ އެކްސިޑެންޓުވި ވަގުތު އޭނާގެ ބޮލަށް ލިބިފައިވާ ބޮޑެތި އަނިޔާތަކުގެ ސަބަބުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ދިރި އޮތްނަމަވެސް، އޭރުވެސް ސަލާމަތްވާނެ ކަމުގެ މާބޮޑު އުންމީދެއް ނެތްކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ރިޗާޑް އޭނާގެ އަނބިމީހާ އާއި އެކު ގެޔަށް ދިޔަ މަގުމަތީގައި، ކުރިމަތިން އައި އުޅަނދެއްގައި ޖެހިގެންނެވެ. ނަމަވެސް މި ހާދިސާގައި އިތުރު މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ. އެފަރާތްތަކުން މިހާރު ދަނީ މި ހާދިސާ ތަހުޤީޤު ކުރަމުންނެވެ.

ރިޗާޑު މަރުވުމުގެ ކުރީން، މަރު ނުވާނެ ކަމުގެ ޔަޤީންކަން އޮތްކަން ހާމަކޮށް ޢާންމު ކުރި ޕޯސްޓަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނުއިރު، އޭނާގެ އެ ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި އެކަމުން އިބުރަތެއް ލިބިގަތުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުނެވެ.

Go to Source
Author: މުޙައްމަދު އަޒްހީމް