ގުދުރަތީ ނުރައްކަލެއް ނުވަތަ ބިންހެލުމެއް އަންނާނެ ސީދާ ވަގުތެއް ބުނާކަށް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ދުވަހެއް ދުވަހަކަށް ކުރިއަރަމުން ދިޔަޔަސްވެސް މެއެވެ. އެހެން ނަމަވެސް އެފަދަ ކަމެއް މެދުވެރިވުމުގެ ކުރީން ފެންނަ ބައެއް ތަފާތު ކަންކަމާއި އާންމު އަލާމަތްތަކުގެ ވާހަކަ ކުރީންވެސް ގިނަ ބަޔަކު ދައްކައި އުޅޭ ވާހަކައެކެވެ. އެފަދަ ކަންކަމާއި މެދު އެކި މީހުން އެކި ޤަބަބޫލުކުރުންތައް ގެންގުޅެއެވެ.

ބިންހެލުންތައް އައުމުގެ ކުރީން ހަރުފަތަކާއި އެނޫންވެސް ބައެއްޖަހަލަ ޖަނަވާރުތައް އޭގެ ވަޒަން ދޫކޮށް ނިކުންނަ ނިކުތުމާއި އުޅުން ތަފާތުވާ ހާދިސާތަކަކީ ކުރިންވެސް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ހަދިސާ ތަކެކެވެ. އެގޮތުން މީގެ ދެއަހަރު ކުރީން އިޓަލީއަށް އައި ބާރުގަދަ ބިންހެލުމެއްގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އައުމުގެ ކުރީން ހަރުފަތަކެއް އާންމުން ދިރިއުޅޭ ސަރަޙައްދުތަކުން ގިނަ ޢަދަދަކަށް ފެނުނު ހާދިސާއަށް ގިނަ ބައެއްގެ ނަޒަރު ހުއްޓުނެވެ.

ބުނެވޭގޮތުގައި ބިންހެލުން އައުމުގެ ކުރީން އެކަން އެންމެ ބޮޑަށް އިހުސާސް ކުރެވޭ ދިރުންތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ ހަރުފަ އާއި ހިންޔާއި ބޮކާއި އެކި ކަހަލަ ދޫނި ސޫފާސީފީގެ އިތުރުން ކަނޑުގައި އުޅޭ، ވަރަށް މަދުން ނޫނީ މުޅި ދުނިޔެއިންވެސް ނުފެންނަ އޯރފިޝް (ފަލިމަސް) ހިމެނެއެވެ. ބައެއް ދިރާސާވެރިން އެފަރާތްތަކުގެ ހޯދުންތަކުގެ އަލީގައި ބުނާގޮތުގައި، ބިންހެލުމެއް އައުމުގެ ކުރީން މި ތަކެތީގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެއެވެ.

“ބޭރު ޤައުމަކުން ކުރިން ފެނުނު “އޯރފިޝް އެއް

މި ދިރުންތަކުގެ ތެރޭގައި ހިމެނޭ ފަލިމަހަކީ ބިންހެލުންތައް އައުމުގެ ކުރީން އެންމެ ތަފާތު ގޮތަކަށް ފެންނަ ދިރުމެވެ. މިއީ ކަނޑުތަކުގެ އެންމެ އަޑީގައި އުޅޭ ބާވަތެއްގެ މަހަކަށް ވީނަމަވެސް، ބިންހެލުން އައުމުގެ ކުރީން މީގެ ކުރީން މި ބާވަތުގެ މަސްތައް ރަށްރަށުގެ ގޮނޑުދޮށުން ފެނިފައި ވެއެވެ. އައި މަރުވެ ގޮނޑުދޮށަށް ލައްގާފައި ހުއްޓާވެސް ފެނިފައި ވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކަކީ ދުނިޔެއަށް އާދަޔާއި ޚިލާފަށް ބިންހެލުން ގިނައިން އަންނަމުންދާ ދުވަސްތަކެކެވެ. މި ދުވަސްވަރާއި ދިމާކޮށް، ބާރުގަދަ ބިންހެލުންތައް އައުމުގެ ކުރީން ފެންނަ ކަމަށް ބުނާ ބާވަތުގެ ފަލިމަހެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުންވެސް މިވަނީ ދާދި އެހަކަށް ދުވަހު ފެނިފައެވެ. އެއީ ފަލި މަހެއްކަމަށް ގިނަ ބަޔަކު އިއްތިފާޤުވީނަމަވެސް، އެކި މީހުން އެ ނަމަށް ތަފާތު އެކި ނަންނަން ދެމުން ދެއެވެ. ފ. ދަރަނބޫދޫ އިރުމަތީ ކަނޑުއޮޅިން ބޭނި އެ މަހުގެ ދިގުމިނުގައި ހަފޫޓު ހުއްޓެވެ. އޭގެ ފޮޓޯ ފާއިތުވެދިޔަ ދުވަސްތަކުގައި މީސްމީޑިއާގައިވެސް އާންމުވެފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯތަކަށް ވަނީ ލިބިގެން ގޮސްފައެވެ.

ރާއްޖެއިން ފެނުނު އާދަޔާ ޚިލާފު މަސް

މި ބާވަތުގެ މަސް އާންމުކޮށް ދިރިއުޅެމުންދަނީ ދުނިޔޭގެ ފުން ކަނޑުތަކުގެވެސް އެންމެ އަޑީގައި ކަމަށްވެއެވެ. މި މަސް ފަންސާސް ފޫޓަށް ދިގުވާއިރު، މިހާތަނަށް ފެނުނު މިބާވަތުގެ އެންމެ ދޮގު މަހުގެ ދިގުމިނުގައި 35 ފޫޓު ހުރިކަމަށް ވެއެވެ. ބިންހެލުމެއް އައުމުގެ ކުރީން ފަލިމަސް އޭގެ ވަޒަން ދޫކޮށް ދާކަމަށް ޤަބޫލުކުރެވޭ ޤަބޫލުކުރުންތަކެއް އޮންނައިރު، އެގޮތަށް ކަންތައް ކުރަނީ ނުރައްކަލެއް އަންނަކަން އެނގުމުން ކަމަށް ބުނެވެއެވެ.

ފިލިޕީންސް ބިންހެލުން: މިދިޔަ އަހަރުގެ ކުރީކޮޅު ފިލިޕީންސަށް މެގްނިޓިއުޑް މިންގަނޑުން 6.7 ގެ ބާރުމިނުގައި ބިންހެލުމެއް އައުމުގެ މަދު ދުވަސްތަކެއް ކުރީން ފަލި މަހެއް އެޤައުމުގެ އުތުރު އައްސޭރީގެ ސިޓީއެއް ކަމަށްވާ ސުރީގައޯ އިން ހިފާފައި ވެއެވެ.

ކެލެފޯނިއާ ބިންހެލުން: މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ކެލެފޯނިއާއަށް ވަނީ މެގްނިޓިއުޑް މިންގަނޑުން 6.8 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ. އޭގެ ދުވަސްތަކެއް ކުރީން އެ ސްޓޭޓުގެ އައްސޭރީގެ ރަށެއްކަމަށްވާ ޓޮޔޯން ބޭ އިން ހަފްތާއެއްގެ ތެރޭގައި ދެ ފަލިމަސް ފެނުނެވެ.

ޖަޕާން ބިންހެލުން: މީގެ އަހަރުތަކެއް ކުރީން ޖަޕާނުގެ ހޮންޝޫއަށް ގެއްލުން ބޮޑު ބިންހެލުމެއް، މެގްނިޓިއުޑް މިންގަނޑުން 7.3 ގެ ބާރުމިނުގައި އައިސްފައިވާއިރު، އެ ބިންހެލުމުގެ ކުރީން މި ބާވާތުގެ މަހެއް އެޤައުމުގެ އައްސޭރީގެ ސަރަޙައްދަކުން ފެނިގެން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

މި ހާދިސާތަކުގެ އިތުރުންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުން އައުމުގެ ކުރީން ފަލި މަސް ފެނުނު ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ފަލިމަސް ފެންނަނީ ބިންހެލުމެއް އައުމުގެ ކުރީންކަމަށް ތަޖުރިބާކާރުން ބުނެފައި ނުވީނަމަވެސް، އެފަރާތަތްކުން ޤަބޫލުކުރާ ގޮތުގައި ބޮޑެތި ބިންހެލުންތައް އައުމުގެ ކުރީން އެހެން ބައެއް ޖަނަވާރުތަކެކޭ އެއްފަދައިން ފަލި މަހަށްވެސް ނުރައްކަލެއް ކުރިމަތިވާކަން އިހުސާސްކުރެވެއެވެ. އެހެންކަމުން މިއީ އިއްތިފާޤަކަށް ވުމަށްވުރެ ބޮޑަށް ހަޤީޤަތަކަށް ވެދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

Go to Source
Author: މުޙައްމަދު އަޒްހީމް