މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ މުރާދްނަގަރް ގެއިން ގެއްލުނު ހަ އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށް މަރާލާފައި މިސްކިތެއްގެ ތެރެއަށް އެއްލާފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، އެ އަންހެން ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ، މިސްކިތުގެ ފުރާޅުމަތިން ކަމަށެވެ. ފުލުހުން ވަނީ އެ ކުއްޖާ ރޭޕްކޮށްފައިވާކަން ޔަޤީންވެފައިވާ ކަމަށް ބުނެފައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު 12:30 ހާއިރު އެ ކުއްޖާ ގެއްލިގެން އެ ދުވަހު ފުލުހުންނަށް ރިޕޯޓްކުރިއެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނިކޮށް އެ ކުއްޖާގެ ހަށިގަނޑު އިއްޔެ ފެނުނުއިރު، އެ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން، އެ ކުއްޖާ ރޭޕްކޮށްފައިވާކަމަށް ފުރަތަމަ އާއިލާއަށް ޝައްކު ކުރެވުނެވެ. އެ އާއިލާއިން ވަނީ އެކަމުގެ ތުހުމަތު، އެ މީހުންގެ އަވައްޓެރިއެއްގެ މައްޗަށް ކޮށްފައެވެ.
ފުލުހުން ބުނީ، އެ ކުއްޖާގެ އޮޓޮޕްސީން އޭނާ ރޭޕްކޮށްފައިވާކަން ކަށަވަރުވާކަމަށެވެ. އަދި މަރާލާފައި ވަނީ ކަރުގައި ހިފައިގެންކަން އެ ރިޕޯޓްތަކުން ދައްކައެވެ. އެ ކުއްޖާއަކީ އަންނަ ޑިސެމްބަރު މަސް ތެރޭގައި ހަތް އަހަރު ފުރޭނެ ކުއްޖެކެވެ. އެ ކުއްޖާ ގެއްލިފައި ވަނީ، އޭނާގެ ކޮއްކޮއާއެކު މާރުކޭޓަށްގޮސް އުޅުމުގެ ތެރޭގައި ކަމަށް އެ ކުއްޖާގެ ބައްޕައާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ އިއްޔެ ފަތިސް ނަމާދު ކުރުމަށް އެ މިސްކިތަށް ދިޔަ ބަަޔަކަށެވެ. އެތާ އެ އަންހެން ކުއްޖާގެ ބައްޕަވެސް ހުއްޓެވެ.
މި މައްސަލައިގެ ހިމެނޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
Go to Source
Author: ރީޢާނު ރަޝީދު