މިއުޒިކް ޝޯވް އެއް ކުރިޔަށްދިޔަ ސަރަޙައްދެއްގައި ފޯރިމަރަމުން ދިޔަ ފުލުހަކު، އެތަނުގައި ހުރި އަންހެނެއްގެ ފޫކޮޅު، “ސްނެޕް”ކުރި މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވުމާއި ގުޅިގެން އެ މައްސަލަ ބަލަން ފަށައިފިއެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްގެ ޓޮޔޯޓާ ސެންޓަރުގައި ހިނގި މި ހާދިސާގެ މަންޒަރު ނަގާފައި ވަނީ އެތަނުގައި އެވަގުތު ހުރި އެހެން އަންހެނެކެވެ. އެ ފުލުސް މީހާ އޭނާގެ ކުރިމަތީގައި ހުރި އަންހެނެއްގެ ފޫކޮޅު ސްނެޕް ކުރާ މަންޒަރު ވީޑިއޯ އިން ފެންނައިރު، އޭނާ އެވަގުތު ހުރީވެސް ފުލުހުންގެ ޔުނީފޯމުގައެވެ.

މި ވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފެށުމާއި އެކު އެތައް ހާސް ބައެއްގެ ސަމާލުކަމަށް އެކަން މިހާރު އައިސްފައިވާއިރު، ޓްވީޓާގައި އެކަނިވެސް ވީޑިއޯ 22،000 އަށްވުރެ ގިނަ ފަހަރު ރީޓްވީޓުކޮށްފައި ވެއެވެ.

މި ޢަމަލު ހިންގި ފުލުސް މީހާގެ މޫނުވެސް، މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނައިރު، އޭނާއަކީ ހިއުސްޓަން ސިޓީ ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ އިސް އޮފިސަރެކެވެ. އޭނާއަކީ އެ އިދާރާގައި ސާޖެންޓެއްގެ މަޤާމު އަދާކުރަމުންދާ ފުލުހަކަށްވާއިރު، މި މައްސަލަ މިހާރު ވަނީ ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ވެސް ގެންގޮސްފައެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯއިން އެ ފުލުސް މީހާ، އޭނާ ކުރި ސްނެޕް ބައެއް މީހުންނަށް ފޮނުވާ މަންޒަރުވެސް އާންމު ވެފައިވާ އިތުރު ވީޑިއޯއަކުން ފެންނައިރު ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އަދި ފުލުހުންގެ ޑިއުޓީގައި ހުރި މީހެއްގެ ފަރާތުން އެފަދަ މަންޒަރެއް ފެނިގެން ދިއުމަކީ ލަދުވެތި ކަމެއް ކަމަށް އެފަރާތްތަކުން ބުނަމުން ދެއެވެ.

ހިއުސްޓަން ސިޓީ ފުލުހުންގެ އިދާރާއިން ކުރި ޓްވީޓެއްގައި މި ހާދިސާއަށް އިޝާރާތްކޮށް ބުނެފައިވަނީ، އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.

Go to Source
Author: .