ގޮލްފް މެޗެއް ބަލަންދިޔަ އަންހެނެއްގެ ލޮލުގައި ގޮލްފް ބޯޅައަކުން ޖެހި ލޯ އަނދިރި ވެއްޖެއެވެ.

ފްރާންސްގައި ހިނގި މިހާދިސާގައި އުމުރުން 49 އަހަރުގެ ކޮރިން ރެމަންޑޭ، ގެ ކަނާތު ލޯ މަތީގައި ބާރު ސްޕީޑުގައި އައި ގޮލްފް ބޯޅައަކުން ޖެހި ލޯ އަނދިރިވި އިރު މި ބޯޅަވަނީ އޭނާގެ ލޮލުގެ ތެރެއަށް ވަދެފައެވެ.

މި ހާދިސާ ހިނގުމާ އެކު، ކޮރިން ބިން މައްޗަށް ވެއްޓި ލޮލުން ލޭ ވެސް އައެވެ. އަދި ވަގުތުން ފަރުވޭ ދޭން ހޮސްޕިޓަލަށް ގެންދިޔަ އެވެ. މީގެ އިތުރުން އޭނާގެ ލޮލުގެ ތެރެއަށް ބޯޅަ އިތުރަށް ވަން ނަމަ ފުރާނަ އަށް ވެސް ނުރައްކާވޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މުބާރާތަކީ އިނގިރޭސިވިލާތުގެ ކުރީގެ ގޮލްފް ތަރި ސެމްއެލް ރައިޑާގެ ނަމުގައި ބާއްވާ މުބާރާތެކެވެ. ކޮރިން އާއި އޭނާގެ ފިރިމީހާ ރަފައޭލް މިހާރު ވަނީ މި މުބާރަތް އިންތިޒާމުކުރާ ފަރާތްތަކާއި ދެކޮޅަށް ދައުވާ ވެސް ކުރަން ނިންމައިފަ އެވެ.

ކޮރިން ބުނި ގޮތުގައި މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކާއި ދެކޮޅަށް ދައުވާކުރަން ނިންމި ސަބަބަކީ މިފަދަ ހާދިސާއެއް ތަކުރާރުވެ، އެހެން މީހަކަށް މިވަރުގެ ހިތްދަތި ކަމެއް ކުރިމަތިވާން ބޭނުން ނުވާތީ އެވެ.

މި ހާދިސާއަށް ފަހު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ކޮރިން ބުނި ގޮތުގައި މިއީ މުބާރާތް ބަލަންދާ މީހުންގެ ސަލާމަތީ ކަންކަމާ ދޭތެރޭ އިހުމާލުވުމުގެ ސަބަބުން ދިމާވި ހާދިސާއެކެވެ.

Go to Source
Author: އަޝްވާގު ފައުޒީ