ބޮލީވުޑްގެ ކުރީގެ ބަތަލް އަދި ރަންބީރު ކަޕޫރުގެ ބަައްޕަ ރިޝީ ކަޕޫރު ފަރުވާ ހޯދަމުން ދަނީ ކެންސަރު ބައްޔަށް ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެކަން އާއިލާއިންދޮގު ކޮށްފި އެވެ.

ރިޝީ މިވަގުތު ހުރީ އެމެރިކާގައި އެވެ. ފުރުމުގެ ކުރިން ޓުވިޓާގައި އޭނާ ބުނެފައިވަނީ ފަރުވާ އަކަށް އެގައުމަށް ދާ ކަމަށާއި ސަޕޯޓަރުން މާ ބޮޑަށް ހާސްނުވުމަށެވެ. އަދި ރިޝީގެ ބައްޔާ ގުޅޭގޮތުން މީހުން ދައްކާހާ ވާހަކައެއް އަޑު ނޭހުމަށް އެދިފައިވެ އެވެ.

ރިޝީ ފަރުވާ ހޯދަމުން ދަނީ ކެންސަރު ބައްޔަށް ކަމަށް ބުނެ އަޑު ފެތުރުނީ މިދިޔަ ހަފްތާގައި މަރުވި އޭނާގެ މަންމަގެ ޖަނާޒާއަށް އެމެރިކާގައި ހުރެފަ އިންޑިއާއަށް ނުދިޔުމުންނެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ރިޝީ މަންމަގެ ޖަނާޒާއަށް އަންނަން ބޭނުންވިޔަސް ނާދެވުނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާތީ ކަމަށެވެ. އެ ޖަނާޒާގައި ބައިވެރިނުވަނީ ރިޝީ އާއި އަންހެނުން ނިތީ އަދި ދަރިފުޅު ރަންބީރު ކަޕޫރެވެ.

އެކަމަކު ނޫސްވެރިން އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރިޝީގެ ބޭބެ ރަންދީރު ކަޕޫރު ބުނެފައިވަނީ ރިޝީއަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ ފަތުރަނީ ރަނގަޅު މައުލޫމާތު ނޫން ކަމަށެވެ. އަދި އޭނާގެ ފަރުވާގެ މައުލޫމާތު ބަރާބަރަށް އާއިލާ އާއި ހިއްސާ ކުރަމުންދާ ކަމަށް ބުންޏެވެ.

ރިޝީއަށް ކެންސަރު ޖެހިފައިވާ ކަމަށް ބައެއް މީހުން ބުނަމުން ދާއިރު ބޮލީވުޑްގެ ބައެއް އެހެން ތަރިންތަކެއްވެސް ދަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭގެ ތެރޭގައި ސޮނާލީ ބެންޑްރޭ އާއި އިރުފާން ހާން ހިމެނެ އެވެ. އަދި މަނީޝާ ކޮއިރަލާ ވަނީ މީގެ ކުރިން ކެންސަރު ޖެހިގެން ފަރުވާ ހޯދާފަ އެވެ.

އުމުރުން 66 އަހަރުގެ ރިޝީ އެންމެ ފުރަތަމަ ބޮލީވުޑަށް ތައާރަފުވީ 1970 ވަނަ އަހަރު ރިލީޒް ކުރި މޭރޭ ނާމް ޖޯކަރު އިންނެވެ.

 

Go to Source
Author: ދުވަސް އެމްވީ