އިންޑޮނޭޝިޔާގެ ރަށެއް ކަމަށްވާ ސުލަވެސީގެ މެދުތެރެއަށް ފުލުފުލުން އައި ބިންހެލުންތަކާއި، ފުރަތަމަ އައި ބިންހެލުމާ ގުޅިގެން އެރި ސުނާމީގައި ގެއްލުނު އުމުރުން ފަސް އަހަރުގެ ކުއްޖަކު އާއިލާއާއި ބައްދަލުވެއްޖެއެވެ.

ސުނާމީގައި ގެއްލުނު މި ކުޑަ ކުއްޖާ ފެނުނީ ހޯދާ ނުފެނުމުން މަރުވި ކަމަށް އާއިލާއިން ނިންމައިގެން ތިއްބައެވެ. ސުނާމީ އައި އިރު ފަސް އަހަރުގެ ކުއްޖާ ހުރީ އޭނާގެ މާމަ އާޖާރިނީ އެކު އަތިރިމައްޗާއި ކައިރި ހިސާބެއްގަ އެވެ.

ޖުމާދިލް ނަމަކަށް ކިޔާ މި ކުަޑަ ކުއްޖާ އާއިލާއާއި ހަވާލުކޮއްފައިވަނީ ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުގައި ހުރި ޕޮލިސް ސްޓޭޝަނަކުންނެވެ.

ޖުމާދިލް ގެއްލުނު ކަމަށް އޭނާގެ އާއިލާއިން ވަނީ ފޭސްބުކް ގައި ވެސް ޖަހާފައެވެ. ފުލުހުންނަށް ޖުމާދިލްގެ އާއިލާގެ މައުލޫމާތު އެނގުނީ ފޭސްބުކް އިން ފެނުނު ޕޯސްޓްގެ ސަބަބުންނެވެ.

އިންޑޮނޭޝިއަށް ރެކްޓަރ މިންގަޑުން 7.5 ގެ ބާރު މިނުގައި އައި ބިންހެލުމާއިއެކު އުފެދުނު ސުނާމީގައި މަރުވި މީހުންގެ އަދަދު 1650 އަށް އަރާއިރު ގެއްލުނު މީހުންގެ އަދަދު 200 އަށް އަރާފައެވެ.

މި ސުނާމީގައި 66,000 އެއްހާ ދޮރުވަނީ ފަނާވެފައެވެ. އަދި މިހާދިސާގައި ގިނަ އަދަދެއް ކުޑަކުދިންނާއި އަންހެނުންވަނީ ކާނާއަށާއި ސާފު ފެނަށް ޖެހިފައެވެ. ކާނާއާއި ސާފުފެން ފޯރުކޮށްދިނުމުގެ މަސައްކަތް އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުންދަނީ ކުރަމުންނެވެ.

“ޕެސިފިކް ރިންގް އޮފް ފަޔާ” ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ގައުމެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ. 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

Go to Source
Author: އަޝްވާގު ފައުޒީ