ބޮލީވުޑްގެ ކުރީގެ ބަތަލް ރިޝީ ޕަކޫރު ކޮންމެސް ބައްޔަކަށް ފަރުވާ ހޯދަމުންދާކަމަށް ނުސީދާކޮށް ބުނެފި އެވެ.
އެކަމަކު އެއީ ކޮން ބައްޔެއް ކަމެއް ހާމައެއް ނުކުރެ އެވެ. ރިޝީ އިއްޔެ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ސިއްހީ ފަރުވާއަކަށް ކުޑަ ދުވަސްކޮޅަކަށް އެމެރިކާއަށް ފުރަން ދަނީ ކަމަށެވެ. އެ ޓުވީޓުގައި އޭނާ ވަނީ ސަޕޯޓަރުންގެ ކިބައިން ހާސް ނުވުމަށާއި އޭނާގެ ބައްޔޭ ކިޔައިގެން މީހުން ދައްކާ ފާޑު ފާޑުގެ އަޑު ނޭގުމަށް އެދިފަ އެވެ.
ރިޝީގެ އެ ޓުވީޓާއި ގުޅިގެން ގިނަ ބޮލީވުޑް ތަރިންނާއި ސަޕޯޓަރުން ދަނީ އަވަސް ޝިފާއަކަށް އެދެމުންނެވެ. އަދި ފަރުވާ ހޯދަމުންދާ ބަލީގެ ތަފްސީލް އާންމު ކުރުމަށް ސަޕޯޓަރުން ދަނީ އެދެމުންނެވެ.
އެކަމަކު ރިޝީ އަކީ އާންމުކޮށް ވަރަށް ގޮތުގައި ހުންނަ މީހެކެވެ. ޓުވީޓާގައިވެސް އޭނާ އާއި ދިމާލަށް މީހަކު ހިތް ނުރުހޭ އެއްޗެއް ބުނެފި ނަމަ އޭގެ ރައްދު ދީ ހަދަ އެވެ. އެހެން ކަމުން ސަޕޯޓަރުން ކިތަންމެ އެނގެން ބޭނުންވިޔަސް ރިޝީ ބޭނުންނުވާނަމަ ނުބުނެދޭނެ އެވެ.
އުމުރުން 66 އަހަރުގެ ރިޝީ އެންމެ ފުރަތަމަ ބޮލީވުޑަށް ތައާރަފުވީ 1970 ވަނަ އަހަރު ރިލީޒް ކުރި މޭރޭ ނާމް ޖޯކަރު އިންނެވެ.
Go to Source
Author: ދުވަސް އެމްވީ