9 އަހަރާއި 10 އަހަރާ ދެމެދުގެ ކޮންމެ 25 ހަކުން އެއް ކުއްޖަކު އާދަޔާ ޚިލާފަށް ފަލަވެ، އޮބޭސް ވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ނޭޝަނަލް ޗައިލްޑް މެޝަރމެންޓް ޕޮރޮގްރާމް އިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި މީގެ ކުރިން ކުދިން މާބޮޑަށް ފަލަވުމުގެ މައްސަލަތަކެއް ކުރިމަތި ނުވިނަމަވެސް ފަހަކަށް އައިސް ކުދިން މާބޮޑަށް ފަލަވާކަން ފާހަގަ ވެފައިވާ ކަމަށެވެ. ނޭޝަނަލް ޗައިލްޑް މެޝަރމެންޓް ޕޮރޮގްރާމްގެ ފަރާތުން ވާހަކަ ދައްކަވަމުން ޗީފް ނިއުރޯލަޖިސްޓެއް ކަމަށްވާ ޑރ. އެލިސަން ބުނެފައިވަނީ ކުދިން މާބޮޑަށް ފަލަވުމަކީ އެކުދިންގެ ސިއްޙަތަށް އޭގެ ނުރައްކާތެރި އަސަރު ކުރާނެ ކަމެއް ކަމަށާއި މިގޮތަށް ވާން ދޫކޮށްލައިިފިނަމަ ކުރިޔަށް އޮތް ޖީލު ބަލި މަޑު ކަމަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.

“ކުޑަކުދިން މާބޮޑަށް ފަލަވާ މައްސަލަ މިހާރު މިއޮތީ ވަރަށް ބޮޑުވެފަ. ބެލެނިވެރިންވެސް ވިސްނަން އެބަޖެހޭ މިކަމަށް ހައްލެއް ގެންނަން ޖެހޭކަން. ކުދިންނަށް ކާން ދިނުމުގައި އިތުރަށް ފަރުވާތެރިވާން ޖެހޭ. ނޫނީ ދެން އަންނަން އޮތް ޖީލް ބަލި މަޑު ކަމަކަށް ހިނގައިދާނެ” ޑރ.އެލިސަން ވިދާޅުވިެއެވެ.

ޑރ.އެލިސަން އިތުރަށް ވިދާޅުވީ ކުޑަކުދިން މާބޮޑަށް ފަލަވާ މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޓީވީއިން ދައްކާ ލުއި ކާނާގެ އިޝްތިހާރުތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

“އިޝްތިހާރު ކުރާމީހުން އިޝްތިހާރު ކުރަނީ ކުއްޖާގެ ބޯ ކާލާގޮތަށް. މަންމަ އެބަޖެހޭ ކޮންމެހެންވެސް އެ އިޝްތިހާރުން ފެންނަ އެއްޗެއް ގަނެދެން. ނޫނީ އަންނާނީ ރުޅި. މިހެންވީމަ ފުރަތަމަ ކަމަކަށް އިޝްތިހާރު ދެއްކުން ހުއްޓާލަން އެބަޖެހޭ ލުއިކާނާގެ. އެއީ ސިއްޙަތަށް ފައިދާ ހުރިއެއްޗެއް ނޫން” ޑރ.އެލިސަން ވިދާޅުވިއެވެ.

ދުނިޔޭގެ ނިސްބަތުން މާބޮޑަށް ފަލަވާ މީހުންގެ ނިސްބަތް އިތުރުވަމުންދާއިރު، މާބޮޑަށް ފަލަވުމަކީ ހިތުގެ ބައްޔާއި އެހެންވެސް އިތުރު ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހު ކުރުވާ ކަމެކެވެ.