އިންޑިޔާގެ އަންހެނަކު، އޭނާގެ އުފަން އަންހެން ދަރިފުޅުގެ ފިރިމީހާ (ދަނބިދަރިފުޅު) ދެކެ މާބޮޑަށް ލޯބިވެވިއްޖެ ކަމަށްބުނެ، ކޯޓް މެދުވެރިކޮށް އެދެމީހުން ކައިވެނިކޮށްފިއެވެ.

އެކަން ހާމަކޮށް އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ، އުމުރުން 42 އަހަރުގެ އާޝާ ދޭވީ އޭނާގެ ދަނބިދަރިފުޅު ކަމަށްވާ އުމުރުން 22 އަހަރުގެ ސޫރަޖްއާ ކައިވެނިކުރުމުން، އާޝާގެ ދަރިފުޅު ލަލީތާ، 19، ގެ އިތުރުން މުޅި ޤައުމަށް ސިހުންލިބިފައިވާކަމަށެވެ.
އިންޑިޔާޓައިމްސް އިން ބުނީ ލަލީތާއާއި ސޫރަޖް ކައިވެނިކޮށްގެން ދަރިޔަކުވެސް ލިބިފައިވަނިކޮށް، ލަލީތާގެ މަންމަ އާޝާ އޭނާގެ ދަނބިދަރިފުޅު ސޫރަޖްއާ އެކު ލޯބީގެ ގުޅުމެއް ފެށެން ދިމާވީ މީގެ ދެއަހަރެއްވަރު ކުރިން ސޫރަޖް މާބޮޑަށް ބަލިވުމުން އެކަމުގައި ލަލީތާއަށާއި ސޫރަޖްއަށް އެހީވުމަށް އެ ގެޔަށް އާޝާ ބަދަލުވި ހިސާބުން ކަމަށެވެ.

ސޫރަޖްގެ ބަލިހާލުން ސަލާމަތްވުމާ ހަމަޔަށް އާޝާ އެގޭގައި އުޅެ، ސޫރަޖްއާއި ލަލީތާއަށް އަދި އެދެމަފިރިންގެ ދަރިފުޅަށް އެހީތެރިވުމުގައި ހަރަކާތްތެރިވިއެވެ. އެކަމަކު، ސޫރަޖް ރަނގަޅުވުމުން އާޝާ އޭނާގެ ފިރިމީހާ ކައިރިޔަށް އެނބުރި ދިޔައިރު، އޭނާއާއި ސޫރަޖްގެ ދެމެދުގައި އޮތް މައިދައިތައާއި ދަނބިދަރިފުޅުގެ ގުޅުން ވަނީ ދެ ލޯބިވެރިންގެ ގުޅުމަކަށް ބަދަލުވެފައެވެ. އަދި، އާޝާ އޭނާގެ ފިރިމީހާގެ ގެޔަށް ބަދަލުވުމަށްފަހުގައިވެސް ސޫރަޖްއާ ވާހަކަދެއްކުމަށް ދިގު ފޯނުކޯލުތަކުގައި ހުންނަކަމަށް ވެއެވެ.

އެންމެފަހުން، އަޝާ ވަނީ އޭނާގެ ފިރިމީހާ ދޫކޮށް އޭނާގެ ދަރިފުޅު ލަލީތާއާއި ލަލީތާގެ ފިރިމީހާ އަދި އާޝާގެ ލޯބިވެރިޔާ ސޫރަޖް ގާތަށް އެނބުރި އައިސްފައެވެ. އެ ގުޅުމާ ބެހޭގޮތުން ލަލީތާއަށް ރެޔަކާލީ ކޮންއިރަކު ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އާޝާއާއި ސޫރަޖްގެ ލޯބީގެ ދަތުރުގައި އެ ދެމީހުން އެންމެފަހުން މިވަނީ ކޯޓަށް ގޮސް ކައިވެނިކޮށްފައެވެ. އަދި ފައްޅީން ވަނީ އެ ކައިވެނި ރަޖިސްޓްރީކޮށްދީފައެވެ. ހަމަ އެހެންމެ، އެ ސަރަހައްދުގެ އިދާރީ އޮފީހުންވެސް ވަނީ އެ ކައިވެނި ބަލައިގެންފައެވެ. އެހެންކަމުން، އުސޫލެއްގެ ގޮތުން އާޝާއާއި އޭނާގެ ދަރިފުޅު ލަލީތާއަކީވެސް ސޫރަޖްގެ އަނބިންނެވެ. އެކަމާބެހޭ ގޮތުން އެސަރަހައްދުގެ އިދާރާއިން ބުނީ ދެ ލޯބިވެރިޔެއްގެ ދެމެދަށް ވަންނަން އެމީހުން ޤަސްތުނުކުރާ ކަމަށެވެ.

އެހެންކަމުން، ލޯބީގެ ގޮތުން ގުޅި، ކައިވެނިކޮށްފި ކޮންމެ ބަޔަކަށްވެސް ކައިވެނީގެ ގުޅުމުގެ މަތީގައި ދެމިތިބުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، މައިމީހާއާއި ދަރިފުޅާ ދެމީހުން އެކުގައި އެއް ފިރިހެނަކާ ކައިވެނިކުރުމަށް އެއްވެސް ޤަވާޢިދަކުން ނުވަތަ އާދަކާދައިން ނަމަވެސް ހުއްދަކުރާކަން ނުވަތަ ނޫންކަން އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ކަންކަން މިހިސާބަށް ދިއުމުން ލަލީތާގެ ބައްޕަ ވަނީ އޭނާގެ ގެޔަށް ލަލީތާ ގެންގޮސްފައެވެ. އެކަމަކު، އާޝާ ވަނީ އޭނާއާ އެކު ދިރިއުޅެން އައުމަށް ލަލީތާ ގަތު ބުނެފައެވެ. އެކަމަކު، އެގޭގައި ލަލީތާއަށް ލިބޭނީ ސޫރަޖްގެ އަނބިމީހާގެ ހައިސިއްޔަތުކަމެއް ނުވަތަ ސޫރަޖްގެ ދޮންދަރިޔެއްގެ ހައިސިއްޔަތުކަމެއް އާޝާ ބުނެފައެއް ނުވެއެވެ.

ކޮންމެޔަކަސް، ލޯބީގެ ނަމުގައި ހިނގަމުންދާ އެ ސަކަރާތްގަނޑެއްގެ ވާހަކަ މުޅި އެ ޤައުމުގައި ދައްކަމުންދާއިރު، އާޝާއާއި ސޫރަޖް ބުނަނީ އެ ދެމަފިރިން އުފާވެރި ދިރިއުޅުމެއް އުޅެމުން ގެންދާ ވާހަކައެވެ.

އިންޑިޔާގެ ބިހާރުގެ މި ހިންދޫ އާއިލާ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅުނެއްކަމަކު، އިންސާނީ ދަރިފަސްކޮޅު އޮޅުނަ ނުދިނުގެ އިތުރުން އިޖުތިމާއީ ތަފާތު ބަލިތަކުން އިންސާނުން ސަލާމަތް ކޮށްދިނުމަށްޓަކައި، ކައިވެނި ކުރުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކާއި ހަމަތައް އިސްލާމް ދީނުގައި ވަނީ ބަޔާންކުރައްވާފައެވެ. މަހުރަމުންނާ ކައިވެނިކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއްނޫނެވެ.