ފިރިހެނުން ޚިތާނު ކުރުމުން ލިބޭ ގެއްލުމަކަށް ވުރެ 100 ގުނަ އިތުރުވަނީ ފައިދާ ކަމަށް އެމެރިކާގެ ޢިލްމުވެރިއަކު ބުނެފި އެވެ.
ޕްރޮފެސަރ ބްރަޔަން މޮރިސް ނަމަކަށް ކިޔާ މި ޢިލްމުވެރިޔާ ބުނެފައި ވަނީ، ހަޔާތުގެ ތެރޭގައި ވެސް ޚިތާނު ނުކޮށް ތިބޭ ފިރިހެނުންނަށް އެމީހުން ޚިތާނު ނުކުރުމުގެ ސަބަބުން ޖިންސީ ގުނަވަނަށް ބައްޔެއް ޖެހުން އެކަށީގެންވާ ކަމަށެވެ.

އެމެރިކާއާއި އޮސްޓްރޭލިޔާގެ ރީސާޗަރުން އެކުވެގެން ހެދި މި ދިރާސާ ދައްކާ ގޮތުން، 1960 ގެ އަހަރުތަކުގައި އެމެރިކާގައި ކުޑަކުދިން ޚިތާނު ކުރާ ނިސްބަތް 83% ގައި ހުރި ނަމަވެސް، މިއަދު އެ ނިސްބަތް ހުރީ 77% ގަ އެވެ.

ޕްރޮފެސަރ ބްރަޔަން މޮރިސް ބުނާ ގޮތުގައި، މި ނިސްބަތް ދަށް ވާން މެދުވެރިވާ 2 ސަބަބެއް އުޅެ އެވެ.

“އެއް ސަބަބަކީ ޑިމޮކްރަފީއަށް ބަދަލު އައުން. އެމެރިކާގެ އާބާދީގެ ބޮޑުބައެއް ހިއްސާ ކުރޭ ސްޕެއިން ފަދަ ލެޓިން މީހުން. އެމީހުންގެ ސަގާފަތުގަ އޮންނަ ކަމެއް ނޫން ފިރިހެން ކުދިން ޚިތާނު ކުރުމަކީ.” ޕްރޮފެސަރ މޮރިސް ބުންޏެވެ.

“ދެވަނައަށް އޮތް ސަބަބަކީ، ފައިސާ ނުލިބޭ ފަޤީރުންނަށް ސިއްހީ ފަރުވާއަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ނުލިބޭ އެމެރިކާގެ 18 ސްޓޭޓެއް ހުރުން. އެމީހުންގެ ސްޓޭޓްތަކުގައި ޚިތާނު ކުރުން އޮތީ 24% ދަށުގައި.” ޕްރޮފެސަރ މޮރިސް ބުންޏެވެ.

ޕްރޮފެސަރ މޮރިސް ބުނީ، މި ދިރާސާގެ އަލީގައި ހާމަވަނީ، ތުއްތު ކުދިންނަށް ވެކްސިން ދޭ ފަދައިން ކުދިން ޚިތާނު ވެސް ކުރެވެން ޖެހޭނެ ކަމަށެވެ.

“މި ކަން ލަސްކުރުމުގެ މާނަ އަކީ، މި ކަމެއް ދުވަހަކު ވެސް ނުވާނެއޭ. ދެން މީގެ ސަބަބުން ސިއްހީ ބޮޑެތި ގެއްލުންތަކާ ކުރިމަތި ވާނެ.” ޑޜ މޮރިސް ބުންޏެވެ.