އެކަނިވެރިކަމަކީ މީހާ ބަލިކަށިކޮށް ދެރަކޮށްލާ ކަމެކެވެ. މިކަމުގެ ސަބަބުން ސިއްޙަތަށްވެސް އޭގެ ނޭދެވޭ އަސަރުކޮށް ނުރައްކާތެރި ޙާލަތުތައް ދިމާވާން މެދުވެރިވެއެވެ.

ދާދިފަހުން އެމެރިކާގެ ޔުނިވާސިޓީއެއްގެ ތަޖުރިބާކާރުންތަކެއް ކުރިއަށްގެންދިޔަ ދިރާސާއަކުން ހާމަވި ގޮގުގައި، ދުނިޔޭގެ ގިނަ ޤައުމުތަކުގައި، އެކަނިވެރިކަންމަތީ މަރުވާ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 218 ބަޔަކަށް ބަހާލައިގެން އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދިޔަ މި ދިރާސާގައި ގިނަ އަދަދެއްގެ އާންމުން ބައިވެރި ކުރުވާފައި ވެއެވެ.
މި ދިރާސާގެ އިސް ތަޖުރިބާކާރު، ޖޫލިއަން ހޯލްޓް ލަންސްޓަޑް ދެކޭގޮތުގައި، އެކަނިވެރިކަން މަތީ ދިރިއުޅުމުގެ ބަދަލުގައި، ގިނަ ބަޔަކާއި ގުޅިގެން އެކުގައި އުޅުމަކީ، ނަފްސާނީ ބަލިކަށި ކަމެއްގެ ސަބަބުން ޒުވާން އުމުރުގައި މަރުވުމުގެ ފުރުސަތު 50 އިންސައްތައަށް ދަށްވެގެންދާ ކަމެކެވެ.

އޭނާ ބުނާގޮތުގައި އެކަނިވެރިކަންމަތީ އުޅުމަކީ ސިއްޙަތަށް އޭގެ ނުރައްކާ ބޮޑު، ނަފްސާނީ ބައެއްޔެއްގެ ޝިކާރައަކަށް ވުމާއި އެއްފަދަ ކަމެއް ކަމަށެވެ. އަދި މިކަމުން ކުރިމަތިވާ ސިއްޙީ މައްސަލަތައް ދާދި ހަމަހަމަކަން އޭނާ ފާހަގަކުރެއެވެ.
ޖޫލިއަން އިތުރަށް ފާހަގަކުރި ގޮތުގައި، އެންމެ ގިނައިން އެކަނިވެރިކަން މަތީ ދިރިއުޅެން ޖެހިފައިވަނީ ދަރީންގެ އަޅާލުން ނުލިބިފައިވާ މައިންބަފައިން ކަމުގައިވާއިރު، އެފަރާތްތަކަށް އެންމެ އެކަށީގެންވާ ވަގުތު ދަރީންގެ ފަރާތުން ލިބެމުން ނުދާކަން ދިރާސާއިން އެނގޭ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން މައިންބަފައިންނަށް އޭގެ ނޭދެވޭ އަސަރު ކުރާއިރު، ހިތާމައިގެ ސަބަބުން ގިނަ ފަހަރަށް ދިމާވާ ނުރައްކާތެރި ޙާލަތުތައް އެފަރާތްތަކަށް އަމިއްލައަށް ދެނެގަންނާން ނޭނގޭ ކަމަށް ޖޫލިއަން ބުންޏެވެ.

މި ދިރާސާގައި ބައިވެރިވި އެހެން ތަޖުރިބާކާރަކު ބުނިގޮތުގައި، އެކަނިވެރިކަންމަތީ ދިރިއުޅޭ މީހުންގެ ނިސްބަތް ހީވެސްނުކުރާހައި ހަލުވިކަމާއެކު އިތުރުވަމުން އަންނައިރު މުޅި މުޖުތަމަޢުންވެސް މި މައްސަލައަށް ޙައްލެއް ގެނައުމަށް މަސައްކަތް ކުރާން ޖެހެއެވެ. އެގޮތުން ވަޒީފާގެ މާޙައުލުގައިވެސް އެކަކު އަނެކަކާއި ބައްދަލުވެ އެކުވެރިކަމާއެކު ވާހަކަދައްކައި ހިތްހަމަ ޖައްސާލެވޭނެފަދަ ފުރުސަތުތަކެއް ކުންފުނިތަކުން މުވައްޒަފުންނަށް ފަހިކޮށްދޭން ޖެހޭއިރު، ކަމާބެހޭ ފަރާތްތަކުން ޢަންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއެވެ.

މި ދިރާސާގެ ރިޕޯޓު މިދިޔަ މަހުގެ ތެރޭގައި އޮތް “އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން”ގެ ބައްދަލުވުމެއްގައި ހުށަހަޅާފައިވާއިރު، ދރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް އިތުރަށް ބަލައި، އެކަމަށް ޙައްލެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.