މާބޮޑަށް ބަރުދަން އިތުރުވުމަކީ އެތައް ބަޔަކު އެކަމަކާ ހަނގުރާމަ ކުރަމުންދާ ކަމެކެވެ. ބަރުދަން އިތުރުވުމުގެ ސަބަބުން އެތައް އިތުރު ސިއްހީ މައްސަލަތަައްވެސް ކުރިމަތިވާއިރު އެކަމަށް ހައްލު ހޯދުމަށް ސައިންސުވެރިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންެނެވެ. އެގޮތުން ކުރު މުއްދަތެއްގެ ތެރޭގައި ބަރުދަން އެތައް ކިލޯއެއް ލިއު ކުރެވޭނެ ގޮތެއް މިހާރު ސައިންސުވެރިން ވަނީ ހޯދާފައެވެ.

އިނގިރޭސި ވިލާތުގެ ސައިންސުވެރިންތަކެއް މިހާރު ދަނީ އެއް މަސް ދުވަހުގެ ތެރޭގައި މީހާގެ ހަށިގަނޑުން އެއް ސްޓޯން (6.3 ކިލޯ) ލުއި ކުރެވޭނެ އިންޖެކްޝަނެއް ޓެސްޓު ކުރަމުންނެވެ. އެގައުމުގެ އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ސައިންސުވެރިން ސިފަ ކޮށްފައި ވަނީ އެ އިންޖެކްޝަނަކީ އިންގިލާބެއް ގެނުވަފާނެ އެއްޗެއްގެ ގޮތުގައެވެ.

މިހާރު އިންސާނުންގެ ހަށިގަނޑަށް ޖަހައިގެން ޓެސްޓު ކުރަމުންދާ މި އިންޖެކްޝަނަކީ ހޯމޯން އިންޖެކްޝަނެކެވެ. މި އިންޖެކްޝަން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން މީހާ ކާ ހިތް ކުޑަވެ ބަރުދަން ދަށް ވާން ފަށައެވެ. މި އިންޖެކްޝަން ޓެސްޓު ކުރި މީހުން 30 އިންސައްތަ މަދުން ކެއިކަން ދިރާސާއިން ވަނީ ދައްކާފައެވެ.

މި އިންޖެކްޝަން ޓެސްޓު ކުރި މީހުންގެ ތެރެއިން ހަކުރު ބަލި ހުންނަ މީހުންނަށް ވެސް ގިނަ ފައިދާތަކެއް ލިބުނު ކަމަށް ދިރާސާއިން ދެއްކިއެވެ. އެގޮތުން ހަކުރު ބަލި ހުންނަ މީހުންނަށް އިންޖެކްޝަން ޖެހުމުން ހަކުރު ބަލީގެ ބޭސް ނުނަގައި ހުރެވޭ ކަމަށް ވެއެވެ.

މި އިންޖެކްޝަންގެ ކާމިޔާބީ ހީކުރި ވަރަށް ވުރެ ރަނގަޅު އިރު ޑޮކްޓަރުން މިހާރު ބުނަމުން ދަނީ ބަަރުދަން ލިއު ކުރުމަށް އޮޕަރޭޝަން ކުރުމުގެ ބަދަލުގައި މި އިންޖެކްޝަން ބޭނުން ކުރަން ފެށިދާނެ ކަމަށެވެ.