ބުޅަލުގެ ނަޖިހުގައި އާއްމުކޮށް ހުންނަ ޕެރެސައިޓަކުން ހަނދާން ނެތޭ ބައްޔާއި ތުރުތުރުއަޅާ ބަލި އަދި ކެންސަރު ފަދަ ބޮޑެތި ބަލިތައް ޖެހޭ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

މި ދިރާސާގައި ސައިންސްވެރިން ބުނެފައި ވަނީ ބުޅަލުގެ ނަޖިހުގައި އާއްމުގޮތެއްގައި ހުންނަ ޕެރެސައިޓެއް ކަމަށްވާ ޓޮކްސޯޕްލާސްމާ ގޮންޑައި އަކީ އިންސާނުންނަށް ވަރަށް ނުރައްކާ އެއްޗެއް ކަމަށެވެ. ބުޅަލުގެ ތެރެއިން 30 ޕަސެންޓް ބުޅަލުގެ ނަޖިހުގައި މި ޕެރެސައިޓް ހުންނަކަން ސައިންސްވެރިން ފާހަގަކޮށްފައިވެ އެވެ. މި ޕެރެސައިޓްގެ ސަބަބުން ކެންސަރާ ގުޅިފައިވާ 1،000 އަށް ވުރެ ޖީން މުޅިން ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އިންސާނެއްގެ ހަށިގަނޑަށް މި ޕެރެސައިޓް ވަދެ އިންފެކްޓްވުމަށްފަހު، މި ޕެރެސައިޓުން ދޫކުރާ ޕްރޮޓީނުން ސިކުނޑީގެ ސެލްތަކުގެ މުވާސަލާތަށް ބޮޑު ބަދަލުތަކެއް ގެނުވުމަކީ ވެސް ވެދާނެ ގޮތެކެވެ. މީގެ ސަބަބުން އެމީހަކަށް އަލްޒައިމާ، ޕާކިންސަންސް ނުވަތަ އެޕިލެޕްސީ ފަދަ މައްސަލަތައް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މާބަނޑު މީހުން ބުޅަލުގެ ނަޖިހާ ދުރުގައި އުޅުމަށް ސިއްހީ މާހިރުން އަބަދުވެސް އިރުޝާދު ދެ އެވެ. ސަބަބަކީ ބުޅަލުގެ ނަޖިހުގައި ހުންނަ ޕެރެސައިޓްގެ ސަބަބުން ބައިގެން ދިއުމާއި ބަނޑުތެރެއަށް ދަރިފުޅު މަރުވުން އަދި ބަނޑުގައި އޮންނަ ކުއްޖާގެ ހެދި ބޮޑުވުމަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮންނާތީ އެވެ. ނަމަވެސް އެންމެ ފަހުން ކޮށްފައިވާ ދިރާސާގައިވާ ގޮތުން މިއަށްވުރެ މާ ފުޅާ ދާއިރާއެއްގައި މީގެ އަސަރު އިންސާނުންނަށް ކުރެ އެވެ.

ޖާނަލް ނޭޗާގައި ޝާއިއުކޮށްފައިވާ މި ހޯދުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މެސަޗޫސެޓްސްގެ ޓަފްޓްސް ޔުނިވަސިޓީގެ ޑރ. ޑެނިސް ސްޓޭންޑިލާ ވިދާޅުވީ މި ދިރާސާއަކީ ކުރިން މިކަމާ ބެހޭ ގޮތުން ދެކޭ ގޮތް ބަދަލުވެގެން ދާނެ ދިރާސާއެއް ކަމަށެވެ.
މި ދިރާސާ އިން ދައްކާ ގޮތުން މި ޕެރެސައިޓްގެ ސަބަބުން މުސްކުޅިންނަށް އާންމުކޮށް ދިމާވާ ހަނދާން ނެތޭ ބައްޔާއި ތުރުތުރުއަޅާ ބަލި އަދި ވެއްޓޭ ބަލި ފަދަ ބަލިތަކުގެ ނުރައްކާ އިތުރުވެގެން ދެ އެވެ.